ތ. ފުނައްޑޫގައި ގާއިމުކޮށްފައިވާ މަސް ގަންނަ ފެސިލިޓީ އޮޕަރޭޝަނަށް ގެނައުމަށް 157 މިލިއަން ރުފިޔާ ބޭނުންވާކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ފުނައްޑޫގައި މިފްކޯގެ ފަރާތުން މަސް ގަންނަން ފަށާނެ ތާރީހަކީ ކޮބައިތޯ އޮޅުންފިލުއްވުމަށް ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރެއްވި ސުވާލަށް ފިޝަރީޒް މިނިސްޓަރ ފޮނުއްވި ޖަވާބުގައި ވިދާޅުވީ އެ ރަށް އޮޕަރޭޝަނަށް ގެނެވޭނީ 10.2 މިލިއަން ޑޮލަރު ނުވަތަ 157.3 މިލިއަން ރުފިޔާ ލިބިގެންކަމަށެވެ.

މިނިސްްޓަރ ވިދާޅުވީ ފުނައްޑޫގެ ބަނދަރު މިހާރު އޮތް ހާލަތުން އެރަށުން މަސް ގަނެ އެކްސްޕޯޓް ކުރުމަށް ވަރަށް ގިނަ ގޮންޖެހުންތައް އެބަހުރި ކަމަށެވެ. އެހެންކަމުން ބަނދަރުގެ ބޮޑު މަރާމާތެއް ކުރަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ބަނދަރު ހެދުމާއެކު މުޅި ފެސިލިޓީ މަރާމާތުކޮށް އަލުން އޮޕަރޭޝަނަށް ގެނައުމަށްޓަކައި 157.3 މިލިއަން ރުފިޔާ ހަރަދުކުރަންޖެހޭ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ފުނަައްޑޫގެ ތަރައްގީއަށް ބޭނުންވާ ފައިސާ ދައުލަތުގެ ބަޖެޓުގެ ތެރެއިން ލިބޭނެ ގޮތެއް ނެތްކަމަށެވެ. އެހެންކަމުން މިފްކޯ މެދުވެރިކޮށް ބޭންކްތަކުގެ ތެރެއިން ފައިސާ ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށް މިނިސްްޓަރ ވިދާޅުވިއެވެ.

ފިޝަރީޒް މިނިސްޓަރ ވިދާޅުވީ ފުނައްޑޫ އޮޕަރޭޝަނަށް ގެންނަން ބޭނުންވާ ފައިސާ ލިބިގެން، އަންނަ އަހަރުގެ މެއި މަހުގެ ތެރޭގައި އެރަށުން މަސް ގަންނަން ފެށޭނެކަމުގެ ޔަގީންކަން އެބައޮތްކަމަަށެވެ.

ފުނައްޑޫއަކީ ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި 2004 ވަނަ އަހަރު މަސްވެރިކަމުގެ މަސައްކަތްތަކަށް ޑީއާރުޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީނު އަލީއަށް ދޫކޮށްފައިވާ ރަށެކެވެ. ނަމަވެސް ތަސްމީނުގެ ކޮއްކޮ އަދި ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒްގެ ހިއްސާވާ ކުންފުންޏަކުން ބޭންކް އޮފް މޯލްޑިވްސްއިން ނެގި ލޯނެއް ނުދައްކައިގެން މި ރަށް ބެންކް އޮފް މޯލްޑިވްސްއިން ނީލަން ކިޔަން ހުޅުވާލުމުން ރައީސް ސާލިހުގެ ސަރުކާރުން ވަނީ ރަށް ގަނެފައެވެ.



ކިޔުންތެރިންގެ ހިޔާލު