ފިނިނޭވާ
ފިނިނޭވާ
05 ވަނަ އެޕިސޯޑް

==========

އެރޭ ޝިޔާޒްމެން އައުމުގެ ކުރިން ތަފާތު ގިނަ ވައްތަރުތަކުގެ ކާނާތަކުން މޭޒުމަތި ފަޅުވިލުވިއެވެ. ނަމެއް ކިޔައިފިއްޔާ ނެތް ވައްތަރެއް ނެތޭވެސް ބުނެވޭވަރުވެއެވެ. ހެދިކާތަކުގެ އިތުރުން ޖޫސް ޖޫހާއި ފަނިވެސް، ނަންހުސްކޮށް ހުއްޓެވެ.

[ހީވަނީ ކުޑަވަރެއްގެ ޕާޓީއަކަށް ތައްޔާރުވެފައިވާހެން.] އެތެރެއަށް ވަންނަމުން ޝިޔާޒް ވާހަކަ ދެއްކިއެވެ. އޭނާގެ ފަހަތުން އެއޮފީހުގައި މަސަައްކަތްކުރާ ހަތަރު ޒުވާނުންވެސް ވަނެވެ.

[އެންމެން ހަމަވީތަ؟] ޝިޔާޒާއި އޭނާގެ ހަތަރު ބައިވެރިން އެތެރެއަށް ވަނުމުން ސީނާ އެއްސެވެ.

[ނޫނޭ ހުރިހާ އަންހެންވެރިން އަދި އެބަތިބި ބޭރުގަ.] ޝިޔާޒް މިހެން ބުނިވަގުތާ ދިމާކޮށް އެވެރިން ވަންނަނީއެވެ. ފުރަތަމަ ވަނީ ޝިޔާޒްގެ ރަޙްމަތްތެރިޔާ ފަރުސާނުގެ ލޯބިވެރިޔާ ޒޭނާއެވެ. ދެންވަނީ އެއޮފީހުގައި މަސައްކަތްކުރާ ތިން ކުއްޖެކެވެ. އައިސް ހުއްޓުނީ ޝިޔާޒްގެ ގާތަށެވެ. އެއީ މާއިޝާވެސް ފެންވަރާ ނަލަހެދިލައިގެން އައިސް ވަން ވަގުތެވެ.

[މިއަދު އަހަރެން ބުނީމެއްނު، މުޅިން އާ މީހަކާ ސީނާއާ ބައްދަލުކޮށްދޭނަމޭ. އެނގޭތަ އެއީ ކާކުކަން.] ޝިޔާޒް ސީނާގެ މޫނަށް ބަލައިލަމުން ވާހަކަ ދެއްކިއެވެ.

[އާނ ބުނެބަލަ.] ލުއި ހިނިތުންވުމެއް ތުންފަތްމައްޗަށް ވެރިކުރުވައިގެންހުރެ ސީނާ ފަހަރަކު މީހެއްގެ މޫނަށް ބަލައިލިއެވެ. ޝިޔާޒް އޭނާއާ ދާދި ގާތުގައި ހުރި ޝިފާގެ އަތުގައި މަޑުމަޑުން ހިފާލިއެވެ.

[ސީނާ....މިއީ އަހަރެންގެ އަންހެނުން ޝިފާ.] ޝިޔާޒް ފުރަތަމަފަހަރަށް އަނބިމީހާ ސީނާއަށް ތަޢާރަފްކޮށްދިނެވެ. އެވަގުތު ސީނާގެ ހިތަށް ހީވީ ތޫނު ޚަންޖަރެއް ހަރާލިހެނެވެ. ވަގުތުން މޫނުމަތީގެ ކުލަވަރު ބަދަލުވެގެންދިޔައެވެ. އެކަމަކު ކެތްތެރިވާން ކިތަންމެ މަސައްކަތް ކުރިޔަސް، އޭނާގެ ޙަރަކާތްތައް ވަގުތުން ބަދަލުވެއްޖެއެވެ. މިހާރު އެމޫނުމައްޗަކު ހިނިތުންވުމުގެ އެއްވެސް އަސަރެއް ނެތްމެއެވެ. އޭނާގެ ހިތުގެ އިޙްސާސްތައް އެންމެ ރަނގަޅަށް އެނގޭނެ މީހަކަށް އެވަގުތު އެތާނގައިހުރީ މާއިޝާއެވެ. ކަންތައް ދިމާވިގޮތުން މާއިޝާއަށްވެސް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ.

[ސީނާ ހާދަ ފުން ކަނޑެއްގަަ.] ހުއްޓުންއަރާފައި ކަހަލަ ގޮތަކަށް ހުރި ސީނާ ސިއްސައިގެން ދިޔައީވެސް ޝިޔާޒްގެ އަޑުންނެވެ.

[އާނ....ރަނގަޅަށް ސައިބޮއްޗޭ.] ސީނާ އަނގައޮޅޭގޮތްވިއެވެ. ޙަޤީޤަތުގައި އޭރު ސީނާގެ ލޯ ފެންކަޅިވެއްޖެއެވެ. އެހެންކަމުން އެ މޫނު މެހްމާނުންނަށް ދައްކާކަށް އޭނާ ބޭނުންނުވީއެވެ. އޭނާ އަވަސް އަވަހަށް އެބަ އަންނަމޭ ބުނެފައި، ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. ކޮޓަރިއަށް ވަދެވުމާއެކު، އޭނާގެ ބަޑި ފަޅައިގެންދިޔައެވެ. އެނދުމައްޗަށް ވެއްޓިގަތުމާއެކު ރަނގަޅަށް ރޮވިއްޖެއެވެ. މިވަގުތު އޭނާ ބޭނުންވާ ކަހަލައެވެ. ކަރުނަ ހުސްވަންދެން ރޯނީއެވެ.

[ނޫން..އެއީ ދޮގެއް...އެއީ ޝިޔާގެ އަންބެއް ނޫން..ޝިޔާއަކީ އަހަރެންގެ މީހެއް.] ގިސްލެވުމާއެކު ހިތާހިތާ އޭނާއަށް ކިޔާލެވުނެވެ. އޭރުވެސް އޭނާގެ ދެލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަ ފައިބާ ހުއްޓެވެ.

ވީގޮތް އެނގިހުރި މާއިޝާ އިރުކޮޅެއްފަހުން އައިސް ކޮޓަރިއަށް ވަދެއްޖެއެވެ.

[ދެރަނުވޭ ސީނު، މެހްމާނުންގެ ކުރިމަތީގައި ހިތްވަރު ދެރަނުކުރޭ. ހިނގާ ބޭރަށް، އެމީހުން ސީނު އެބަހޯދާ.] މާއިޝާ ސީނާއަށް ހިތްވަރުދިނެވެ.

[މާއިޝާ ކީއްވެތަ؟ އަހަންނަށް ކުރިން ނޭނގުނީ.] ސީނާއަށް ގިސްލެވުނެވެ.

[އާދޭސް ކުރަން ސީނު، އިހަށް މިވަގުތު ހިތްވަރުކުރޭ. މިހާރު އެމީހުން ސައިބޮއިވެސް ނިމިދާނެ. މޫނު ފޮހެގެން ހިނގާ.] މާއިޝާ ސީނާ ނެގިއެވެ. ބޯޖަހާލަމުން ސީނާވެސް މޫނުފޮހެލައިގެން ކޮޓަރިން ނުކުތެވެ.

އޭރު ޝިޔާޒްމެން ސައިބޮއި ނިމި ދުފާވެސް ނިންމައިފިއެވެ. އެހެން ނަމަވެސް، އެވަގުތު ޓީ.ވީއިން ފޮނުވަމުންދިޔަ ބަނދަރުމަތިން ކިޔާ ޕްރޮގްރާމަކުން ފެންނަމުންދިޔަ އައްޑުއަތޮޅު ގަމުގެ ހިތްގައިމު މަންޒަރުތަކުގެ ޖާދޫގައި ޖެހިފައި ތިބުމުގެ ސަބަބުން، އެމީހުން ތިބީ ސީނާގެ މަތިން ހަނދާންވެސް ނެތިފައި ކަހަލައެވެ.

[އަޞްލުވެސް ވަރަށް ހިތްގައިމު ތަނެއް. ބައެއް ތަންތަން ހީވޭ ބޭރު ތަނެއްހެންވެސް.] ޓީ.ވީ ޕްރޮގްރާމަށް ގެއްލިފައި އިން ޝިޔާޒަށް ބޭއިޚްތިޔާރުގައި ތަޢުރީފު ކުރެވުނެވެ. އޭނާ ދެން އެނބުރުނީ ސީނާއާ ދިމާއަށެވެ.

[ސީނާ ކޮންތާކުން ތިއައީ؟ ހާދައިރެއް.] ޝިޔާޒް އެއްސެވެ. އޭރު ސީނާގެ މަންމަ މޭޒުމަތިން ތަށިތައް ނަގަމުން ދަނީއެވެ. އެރޭ ޝިޔާޒްމެން ދިޔުމުގެ ކުރިން އެންމެންވެސް ސީނާއަށާއި ސީނާގެ މަންމަގެ އިތުރުން މާއިޝާއަށް ތަޢާރަފްވިއެވެ. ނަމަވެސް، އެ އެންމެންގެ ތެރެއިން ސީނާގެ ހިތުގެ ބައިވެރިޔާއަކީ ކާކުކަމެއް އަމީނާއަކަށް ނޭނގުނެވެ.

[މަންމައަކަށް ނޭނގުނު، ކޮބައިތަ އެތަނުން ދަރިފުޅު ބުނި ކުއްޖަކީ.] އަމީނާގެ މިޖުމްލައިން ސީނާގެ ހިތަށް ކުރި އަސަރު ވަކިން ބޮޑެވެ. އޭނާގެ ދެލޯ ވަގުތުން ފެންކަޅިވެއްޖެއެވެ. އެހެން ނަމަވެސް، އެފަދަ މޫނަކާއެކު މަންމައާ ކުރިމަތިލާކަށް އޭނާއަކަށް ކުޅަދާނައެއްނުވިއެވެ.

[މަންމާ އެތަނުން ކޮންމެވެސް އެކަކު. މަންމަ [ގެސް]ކުރޭ. އަހަރެން ވަރަށް ވަރުބަލިވެއްޖެ. އަހަރެން ކޮޓަރިއަށްދަނީ.] ސީނާ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. އޭރު މާއިޝާވެސް ގެއިން ގުޅާފައި އަންނާށޭ ބުނީމާ ގެއަށް ގޮސްފިއެވެ.

ކޮޓަރިއަށް ވަދެވުމާއެކު، އަނެއްކާވެސް އޭނާއަށް ރޮވިއްޖެއެވެ. އާއެކެވެ. އޭނާއަށް ނުރޮވެންވީ ސަބަބެއް ނެތެވެ. އެއީ އޭނާ ކިހާ ފޮނި އުންމީދެއް ކުރި ލޯތްބެއް ހެއްޔެވެ؟ އޭނާ ހީކުރިއެވެ. އޭނާއަށް ޝިޔާޒްގެ ލޯބި ލިބޭނެއެވެ. ފާޅުކުރަން ނުކެރުނަސްވެސް ޝިޔާޒްގެ ހިތުގައިވެސް އޭނާއަށްޓަކައި މަގާމެއް ހުސްކުރެވިފައިވޭމެއެވެ. އެހެން ނަމަވެސް، ކުރާނެ ކަމެއް ނެތެވެ. އޭނާކުރި އުންމީދެއް، ދުށް ހުވަފެންތަކެއް ޙަޤީޤަތަކަށް ނުވިއެވެ. އެންމެ ރެއަކުން އޭނާގެ މުޅި ޙަޔާތްވެސް މާޔޫސްކޮށްލައިފިއޭ، އޭނާ ބުނާ ކަހަލައެވެ. މާޔޫސީ ޚިޔާލުތަކެއްގައި ވަގުތުތަކެއް ފާއިތުކުރުމަށްފަހު އޭނާ ތެދުވެއްޖެއެވެ.

[ސީނާ، މިއީ އަހަރެންގެ އަންހެނުން ޝިފާ.] އެނދުން ތެދުވުމާއެކު، އެ ޖުމްލައެއްގެ ސަބަބުން އޭނާގެ ހިތަށް ވޭނީ އަސަރުތަކެއް ކުރުވި ޖުމްލައިގެ އަޑު ގުގުމާލިކަހަލައެވެ.

[ނޫން، ޝިޔާ ތިއީ އަހަރެންގެ މީހެއް. އެހެން އެއްވެސް މީހަކަށް ޝިޔާ ޙައްޤެއް ނޫން.] އޭނާގެ ހިތް އޭނާގެ ގާތުގައި ބުނިކަހަލައެވެ. އެރޭގެ ހަތަރުދަން އޭނާ ހޭދަކުރީ ޝިޔާޒްގެ ޚިޔާލުތަކާއެކު ރުއިމާއި ގިސްލުމުގައެވެ.

މިހާދު ކާރު މަޑުމަޑުން ދުއްވަމުންދާއިރު، ފެންނަ އެއްވެސް މީހަކަށް އޭނާގެ ޙަޤީޤީ ޙާލަތު ތަޞައްވަރުވާނެ ކަމަކަށް ނުފެނެއެވެ. އެތެރެހަށީގައިވާ ހިތް ކިތަންމެ ނިކަމެތިވަމުންދިޔަ ކަމުގައިވިޔަސް، އޭނާގެ މޫނުމަތިން އެކަން ފާހަގަކުރެވޭނީ އޭނާއާއެކު އުޅެ ބޮޑުވި، ގާތްކޮށް އުޅޭވެސް މަދު ބަޔަކަށެވެ. ރާއްޖެއިން ބޭރުގައި ފަސްއަހަރަށްފަހު މާލެ އައިފަހުން ޝިޔާޒާ އޭނާއާ ބައްދަލުވީ އެދުވަހުއެވެ. ފުރަތަމަ މިހާދު ކާރު މަޑުކޮށްލައިގެން އޮއްވާ ފެނިގެން އައީ ޝިޔާޒެވެ.

[މިހާދު! ކޮންދުވަހަކު އައީ؟ އަންގާވެސްނުލާ، ތީ ރައްޓެހިންތަ؟] ކާރަށް އަރަމުން ޝިޔާޒް ފަށައިގަތީ ޝަކުވާ ކުރާށެވެ.

[އައިތާ ދެތިން ހަފްތާވެއްޖެ މިހާރު. ދޮގެއް މަހެއްހާ ދުވަސް ވެއްޖެ. ޙަޤީޤަތުގައި އަހަރެން ހީކޮށްގެންހުރީ ޝިޔާ ހުރީ ރަށުގައި ކަމަށް. ތިރަށަށްވެސް ނިކަން ގުޅިން. އެއްދުވަހު ޝިޔާގެ މަންމައާ ދިމާވި. ޝިޔާގެ މަންމަ ބުނީ މާލޭގައޯވީ. ދެން އަވަސް އަވަހަށް ބޭއްވީ. ކުރީގައި އުޅުނު ގެއަށްވެސް ގުޅިން. އެމީހުން ބުނީ ނޫޅެޔޯ. އިހަށްދުވަހު އެނގުނީ އެގޭގައި އެހެން ޝިޔާޒަކު އުޅޭކަމާއި، ޝިޔާ ހޯދަން ގުޅާ ވަގުތު، ގޭގައި ނޫޅޭތީ އަހަންނާ ދިމާނުވާ ޝިޔާޒަކީ އެހެން މީހަކުކަން.] މިހާދު ކިޔާދިނެވެ. ޝިޔާޒް ހީނގަތެވެ.

[މަންމައަށް ގުޅާފައި އެހިނަމަ، މަންމަ ބުނީހެއްނު، މިހާރު މެރީވެސް ކޮށްފީމޭ. ނޫސްވެރިއަކަށްވެސް ވެއްޖައިން.] ހިތުން ޝިޔާޒް މިހާދަށް އައު ޚަބަރެއް ދިނެވެ.

[އެހެންތަ...؟ އަނބިމީހާދެކެ ވަރަށްލޯބިވޭތަ؟] ކުރިއާ ޚިލާފަށް މިހާދުގެ ރާގު ތަފާތެވެ. އެހެން ނަމަވެސް، ޝިޔާޒަކަށް އެކަމެއް ފާހަގައެއް ނުކުރެވުނެވެ.

[އާނ....ޝިފާދެކެ އަހަރެން އިންތިހާއަށް ލޯބިވޭ. ހިތަށްއަރާ ޝިފާ މިދުނިޔެއަށް އައީ ހަމައެކަނި އަހަންނަށްޓަކައޭ.] ޝިޔާޒްގެ މިޖުމްލައާއެކު މިހާދުގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެންދިޔައެވެ.

[އަޞްލު، ލޯތްބަކީ ހާދަ ބާރުގަދަ އެއްޗެކޭދޯ؟ ޝިޔާޒަށް އެނގޭތަ، އަހަންނަށްވެސް މީހަކުދެކެ ލޯބިވެވިއްޖެ.] މިހާދުގެ ހިތް ހުޅުވެން އުޅުނެވެ.

[ކާކުދެކެ؟ ބުނެބަލަ.] ޝިޔާޒް އެހިއެވެ.

[އެއީ....އެލޯތްބެއް އަހަންނަކަށް ނުލިބޭނެ. އެއީ އެހެން މީހެއްގެ ޙައްޤެއް.] މިހާދަށް އިސްޖަހާލެވުނެވެ.

[ބުނޭ އަހަރެން ގާތު، އަހަރެން މިހާދުގެ ލޯބި މިހާދަށް ހޯދައިދޭނަން. ހިނގާބަލަ ކޮފީއެއްވެސް ބޯލަންވާނެއެއްނު.] ޝިޔާޒް މިހެން ބުނުމާއެކު، މިހާދު ކާރު ދުއްވާލިއެވެ.

[ތީ ނުވާނެ ކަމެއް. ޝިޔާޒަކަށް އަހަރެންގެ ލޯބި ހޯދައެއް ނުދެވޭނެ.] މިހާދު ކާރުގެ ދުވެލި ކުރިއަށްވުރެން ބާރުކޮށްލިއެވެ.

[ބުނެބަލަ، ބުނީމައެއްނު އެނގޭނީ. އަހަންނަށް މަސައްކަތް ކޮށްދެވިދާނެއެއްނު.] މިހާދުގެ ކާރުގެ ޝީޓްމަތީގައި އޮތް ސެންޓްފުޅިއެއް ނަގައި، އެއިން ވަސް ބަލައިލަމުން ބުންޏެވެ. އެފުޅީގެ ވަސް ނޭފަތުގައި ޖެހުމާއެކު، ޝިޔާޒްގެ ސިކުނޑީގައި ކުރެހިގެން ދިޔައީ، އޭނާގެ އަނބިމީހާ ޝިފާގެ ހަނދާންތަކެވެ. އެއީ ޝިފާގެ އެންމެ ފެވަރިޓް ސެންޓެވެ. ކޮންމެ މަހަކު އެއްފަހަރު ކަހަލަ ގޮތަކަށް އޭނާ ރޮމޭންސް ސެންޓް ފުޅިއެއް ގަނެއެވެ.

[ވަރަށް ހިތްގައިމު ވަހެއް ހުރޭދޯ؟ އަހަންނަށް އިޚްތިޔާރުން ބޭރުގައި އެނބުރިލެވުނު. އެހިނދު އެވަސްދުވި މަލުގެ ޖާދޫގައި ކިތަންމެ ރަނގަޅަށްވެސް އަހަރެން ޖެހުނު. ފުރަތަމަ މަންޒަރުންވެސް އެމަލުން އަހަރެންގެ ބަގީޗާ ފަޅުފިލުވަން ބޭނުންވި....ރީތިކަމުގެ ހުރިހާ ސިފަތަކެއްވެސް އެމަލުގައި އެބަހުރި. ހިތަށްއަރާ، އެމަލުން ފަޅުފިލުވަން ލިބުނު ބަގީޗާގެ ވެރިއަކީ....ނިކަން ނަޞީބުވެރިއެކޭ.....] މިހާދު ކާރު ޕާކިންގ ޒޯނެއްގައި ޕާކު ކުރިއެވެ.

[ކޮފީއަކަށް ވަދެލަން މިތަން ރަނގަޅެއްނު.] ކުރިމަތީގައި ހުރި ފުޑް ބޭންކަށް އިޝާރާތް ކޮށްލަމުން މިހާދު ކާރުން ފައިބައިފިއެވެ. ފަހަތުން ޝިޔާޒްވެސް ކާރުން ފައިބައިފިއެވެ.

[ކޮފީ ބޮއިގެން މިހާދު ވާނެ އަންހެނުން ދެކިލަން ދާން.] ޝިޔާޒް ވާހަކަ ދައްކަމުން ގޮސް ފުޑް ބޭންކަށް ވަނެވެ. ވަކިޖަވާބެއްނުދީ މިހާދުވެސް ވަދެއްޖެއެވެ. ޝިޔާޒްގެ ޖީބުގައި އޮތް ފޯނު ރިންގްވާން ފެށީ އެވަގުތުއެވެ. ފޯނު ނެގުމުގެ ކުރިން އޭނާ ކާކުގެ ކޯލެއްތޯ ބަލައިލިއެވެ. އަރާފައި އޮތީ ސީނާގެ ނަންބަރެވެ.

[އާނ ސީނާ، ރައްޓެއްސަކާއެކު ދެމީހުން ކޮފީއެއް ބޯން މިތިބީ، ކިހިނެއްވީ؟] ޝިޔާޒް ސީނާކަން އެނގިހުރެ ވާހަކަ ފެށިއެވެ. ނަމަވެސް، އެކޮޅުން ސީނާ ވާހަކަ ދެއްކި އަޑެއް ނީވެއެވެ. އިރުކޮޅެއްފަހުން އިވުނީ ގިސްލުމެއްގެ އަޑެވެ.

[ސީނާ ރޮނީތަ؟ ކިހިނެއްވީ؟ ވެގެން އުޅޭގޮތެއް ބުނެބަލަ.] ސީނާގެ ގިސްލުމުގެ އަޑު އިވުމުން ޝިޔާޒް ވަރަށް ކަންބޮޑުވެއްޖެއެވެ.

[ނޭނގޭ....ތަ؟ ކީއްވެތަ ޝިޔާ އަހަންނަށް ތިހެން ތިހެދީ.....] ސީނާ ގިސްލަ ގިސްލާފައި ރޯން ފެށިއެވެ. ޙަޤީޤަތުގައި ގިނައިރުތަކެއް ވަންދެން ރުއިމުގެ ސަބަބުން އޭނާގެ އަޑުވެސް ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ.

[ސީނު ނުރޮއި ބުނެބަލަ...އަހަރެން ކީއްތަކުރީ....] ޝިޔާޒް ވާހަކަ ދައްކަމުން ބޭރަށް ނުކުތެވެ.

[ޝިޔާ....އަށް ނޭނގެނީތަ، އަހަރެން ޝިޔާދެކެ ލޯބިވާވަރު. ބުނޭ ތީ ހަމައެކަނި އަހަރެންގެ މީހެކޭ.....] ސީނާގެ އަޑު ބެދުނެވެ. ސީނާގެ އެޖުމްލައާއެކު ޝިޔާޒް ހުއްޓުންއެރިއެވެ. ހީވީ ގަނޑުވިހެންނެވެ. އަނގައިން ބަސް ހުއްޓިފައި ކަހަލަ ގޮތަކަށް އޭނާއަށް އިރުކޮޅެއް ވަންދެން ހުރެވުނެވެ.

[އަހަރެން ކިހިނެއްތަ ތިހެން ބުނާނީ....ސީނުއަށް އެނގޭތަ އަހަންނަށް ޝިފާ ނޫން މީހަކަށް އަހަރެންގެ ހިތަކުން ޖާގައެއް ނުދެވޭނެ. ސީނުތީ އަހަރެންގެ ރަޙްމަތްތެރިއެއްނު. ސީނު ފެށުނީއްސުރެން އަހަރެން ދެކެމުން އައިގޮތް ބަދަލުކުރަން ނޫޅޭ.] ޝިޔާޒް އުޅުނީ ސީނާއަށް ވިސްނައިދޭށެވެ.

[ތިހެން ނުބުނޭ....ޝިޔާ....އަހަންނަށް ޝިޔާގެ ލޯބި ބޭނުން....އެހެން ނޫނީ....] ބާރަށް ރޮއިގަތުމާއެކު ސީނާ ފޯނު ކަނޑާލިއެވެ. އެފޯންކޯލްގެ ސަބަބުން ޝިޔާޒްގެ ބޮލުގައި ރިހުމެއް އުފެދުނު ކަމުގެ އިޙްސާސް އޭނާއަށް ކުރެވުނެވެ. އޭނާއަށް އެއްއަތުން ބޮލުގައި ހިފަހައްޓާލެވުނެވެ.

[ކާކު؟ ހާދަ ސީރިއަސް ކޯލެއްހެން ހީވެޔޭ....] އޯޑަރުދީގެން ކޮފީގެ އިންތިޒާރުގައި އިން މިހާދު، ޝިޔާޒް އައިސް ވަނުމުން އެއްސެވެ.

[ރައްޓެހި އަންހެން ކުއްޖެއް. ވަރަށް ހެއްވާ ކަމެއް ދިމާވެގެން މިއުޅެނީ؟] ޝިޔާޒް ބޭނުންވީ ރަޙްމަތްތެރިޔާގެ ލަފާ ހޯދާށެވެ. ޝިޔާޒް ހީނހީނފައި، ވެގެން އުޅޭގޮތް މިހާދަށް ކިޔާދިނެވެ.

[ތިކަހަލަ ނަޞީބެއް އަހަންނަށްވެސް ލިބޭނެނަމަ ކިހާ ރަނގަޅު. އަހަންނަށް މިޖެހެނީ އަބަދުވެސް އަންހެން ކުދިންގެ ފަހަތުން ދުވަން. އެހެންޏާ ފަހަތުން ދުވިޔަސް ކާމިޔާބުވަނީކީވެސް ނޫނޭ.] ކޮފީތަށި ބޮއި ހުސްކޮށްލަމުން މިހާދު ބުންޏެވެ.

[ކާމިޔާބު ނުވާނެއެއްނު. އަބަދުވެސް މިހާދު އުޅޭނީ މީހުންގެ އަނބިންގެ ފަހަތުން ދުވަންވިއްޔަ. ދެންވެސް ނިކަން މަގާމު ކަށަވަރުނުވާ ކުއްޖަކާ ދިމާކޮށްބަލަ.] ޝިޔާޒްވެސް ކޮފީތަށީގެ ފަހު ކޯވަރު ބޮއިލިއެވެ.

[ޝިޔާ...އަހަރެން އޭނާދެކެ ހާދަ ލޯބިވެޔޭ. އެކަމަކު އަހަންނަކަށް އެ ލޯބި ހޯދާކަށް ކުޅަދާނައެއް ނޫން.] މާޔޫސީ ރާގަކަށް މިހާދު ބުންޏެވެ. އެވަގުތު ޝިޔާޒް ގޮސް ބިލް ދެއްކިއެވެ. މިހާދު ނުކުންނަން ހިނގައިގަތެވެ.

[އަހަރެން މިހާދަށް މިހާދުގެ ލޯބި ލިބޭތޯ ދުޢާކޮށްދޭނަން.] ބިލަށް ފައިސާ ދެއްކުމަށްފަހު މަގަށް ނުކުމެ ޝިޔާޒް ވާހަކަ ދެއްކިއެވެ.

[ނޫނޭ ޝިޔާ.....ކިތަންމެ ލޯބިވިޔަސް، އެލޯބި ހޯދާކަށް އަހަރެން މިހާރަކު ބޭނުމެއް ނޫން.....އެކަމަކު އަހަންނަކަށް އެމަލުގެ މަތިން ހަނދާން ނައްތައެއް ނުލެވޭނެ. ކަށްވަޅަށް ދާންދެންވެސް އަހަރެންގެ ހިތުގައި އެމަލުގެ ތަޞްވީރު ކުރެހިފައިވާނެ. އަހަރެން މަރުވެގެންދާނީވެސް އެހަނދާންތަކުގައި ދެމިހުރެ.] ޝިފާގެ ތަޞްވީރު، އޭނާގެ ކުރިމަތިން ފެންނަމުންދިޔަ ކަހަލައެވެ.

***********************************

"ފިނިނޭވާ" ވާހަކަ އެއްކޮށް ވިދާޅުވެލައްވަން ޝައުޤުވެރިކަން ހުރި ފަރާތްތަކުން މިފޮތް ބައްލަވައިގަންނަން ބޭނުންނަމަ، މާލޭގައި ހުރި ފޮތްވިއްކާ ގިނަ ފިހާރަތަކުން މިފޮތް ލިބެން ހުންނާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން