ހުޅުމާލޭގެ ފްލެޓެއްގެ 3 ވަނަ ބުރިން އިއްޔެ ވެއްޓުނު އަންހެން މީހާގެ ހާލު އެހާ ގޯސް ނޫންކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

ފުލުހުން ބުނެފައިވަނީ އަންހެން މީހާ ވެއްޓިފައިވަނީ ހުޅުމާލެ ފޭސް 1ގެ ފްލެޓެއްގެ 3ވަނަ ފަންގިފިލާއިންކަމަށެވެ. އެއީ 22 އަހަރުގެ އަންހެނެކެވެ.

އޭނާއަށް ފުރަތަމަ ފަރުވާ ދިނީ ހުޅުމާލެ ހޮސްޕިޓަލުންނެވެ. އަދި އެއަށްފަހު އިތުރު ފަރުވާއަށް އެނާ ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައެވެ.

އައިޖީއެމްއެޗްގެ އޮފިޝަލުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ އަންހެންމީހާ އަށް ފަރުވާދެމުން އަންނަނީ ވޯޑުގައިކަމަށެވެ. އަދި އެނާގެ ހާލު އެހާ ގޯސް ނޫންކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

ބަލި މީހުންގެ މައުލޫމާތު އާއްމު ކުރުމަކީ ހުއްދަ ކަމަކަށް ނުވާތީ، އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ހޮސްޕިޓަލުން ނުދެއްވައެވެ.

މި ޙާދިސާ ފުލުހުންނަށް ރިޕޯޓްކުރީ އިއްޔެ ހަވީރު 05:30 ހާއިރުއެވެ. މިހާދިސާގައި އަންހެން މީހާ ވެއްޓުނީކަމެއް ނުވަތަ ވައްޓާލީކަމެއް ނޭނގެއެވެ. މިކަމާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު