ސައުތު އެފްރިކާގެ 4 ވަނަ ޑިވިޝަންގައި ކުޅުނު 2 މެޗެއްގައި ޖުމްލަ 94 ގޯލު ޖެހި މައްސަލައެއް ފެންމަތިވެ، 4 ކްލަބެއް ފުޓްބޯޅަ ހަރަކާތްތަކުން އުމަރަށް ސަސްޕެންޑްކޮށްފިއެވެ.

މިކަމެއް ހިނގާފައިވަނީ ސައުތު އެފްރިކާގެ 4 ވަނަ ޑިވިޝަންގައި މަޓިޔަސީ އެފްސީ އާއި ކޮޓޮކޯ ހެޕީ ބޯއީސް ބައްދަލުކުރި މެޗާއި ޝިވުލާނީ ޑެންޖަރަސް ޓައިގާސްއާއި ސާމީ މައިޓީ ބާޑްސް ބައްދަލުކުރި މެޗުގައެވެ.

މި މެޗުތަކުގެ ތެރެއިން ޝިވުލާނީ ޑެންޖަރަސް ޓައިގާސްއިން ކޮޓޮކޯ ހެޕީ ބޯއީސް ބަލިކުރީ 33-1 ގެ ނަތީޖާއަކުންނެވެ. އަދި މަޓިޔަސީ އެފްސީން ސާމީ މައިޓީ ބާޑްސް ބަލިކުރީ 59-1ގެ ނަތީޖާއަކުންނެވެ.

މީގެކުރިން މި ޓީމުތައް ބައްދަލުކުރި މެޗުތައް ނިމިފައިވަނީ، 2-1 އަދި 2-2ގެ ނަތީޖާއަކުންނެވެ.

މި މެޗުތަކުގައި ޖުމްލަ 94 ގޯލު ޖަހާފައިވާއިރު، އޭގެ ތެރެއިން 41 ގޯލަކީ ބައިކޮޅަށް ޖެހި ގޯލުތަކެކެވެ. އެހެންކަމުން މިއީ މެޗު ފިކްސިންގެ އަމަލެއްކަމަށް ފާހަގަވުމުން ކަމާއިބެހޭ ފަރާތްތަކުން ވަނީ މައްސަލަ ތަހުގީގްކޮށްފައެވެ.

މިކަން ހިނގި ގޮތަށް ބަލާއިރު، މެޗުތަކުން މޮޅުވި 2 ޓީމު ދިޔައީ 3 ވަނަ ޑިވިޝަނަށް ޕްރޮމޯޓްވުމަށްޓަކައި ލީގު ތާވަލުގެ އެންމެ ކުރިއަށް އެރުމަށް މަސައްކަތްކުރަމުންނެވެ. އަދި 16 ވަރަކަށް ގޯލުގެ ފައިދާއެއް ހޯދުން އޮތީ މަޖުބޫރުވެފައެވެ. އެހެންކަމުން މެޗް ފިކްސިން ނޫންގޮތެއް އެ ޓީމުތަކަކަށް ނެތެވެ.

މީގެތެރެއިން އެއް މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު ނަތީޖާއަކީ 22-0 އެވެ. އަދި ބަލިވެފައި އޮތް ޓީމުން ދެވަނަ ހާފުގައި ކުޅެން އެރީވެސް 7 ކުޅުންތެރިންނެވެ. އަނެއް މެޗުގައި 7 ކުޅުންތެރިންނަށް މަދުކުރުމަށް ރެފްރީ ވަނީ ރަތްކާޑުތަކެއް ދައްކާފައެވެ. ފީފާގެ ގަވާއިދު ބުނާގޮތުން ދަނޑުމަތީގައި ކޮންމެ ޓީމެއްގައި މަދުވެގެން 7 ކުލުންތެރިން ތިބެންޖެހޭނެއެވެ.

ސައުދު އެފްރިކާގެ އެފްއޭއިން ބުނީ ރެފްރީން ލަނޑުތަކުގެ ރެކޯޑް ބަލަހައްޓާފައިވަނިީވެސް ގޯސްކޮށްކަމަށެވެ. އަދި ބައިކޮޅަށް 41 ގޯލު ޖެހިއިރު، މެޗުގެ ރެކޯޑްތަކުން އެކަން ނުފެންނަކަމަށްވެސް ކަމާއިބެހޭ ފަރާތްތަކުން ބުނެއެވެ.

މި 4 ކްލަބު ފުޓްބޯޅައިން އުމުރަށް ސަސްޕެންޑްކުރިއިރު، އެ ޓީމުތަކުގެ އޮފިޝަލުން ވަނީ 5 އާއި 8 ސީޒަނަށް ސަސްޕެންޑްކޮށްފައެވެ. ސައުތު އެފްރިކާގެ އެފްއޭއިން ބުނީ އެ ޓީމުތަކުން ފުޓްބޯޅައަށް އެއްވެސް ވަރަކަށް އިހުތިރާމްނުކުރާކަމަށާއި، އެހެންކަމުން މިފަދަ ކަމެއް ދެވަނަ ފަހަރަށް ހިނގުމުގެ ފުރުސަތެއް ނުދެވޭނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު