ރާއްޖެ ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމުގެ މަޝްރޫޢާއެކު ރައްޔިތުންނަށް ސިއްހީ ޚިދުމަތް ހޯދުމަށް ވަރަށް ބޮޑު ލުޔެެއް އަންނާނެ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ރާއްޖެ ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން "ރާއްޖެ ޓްރާންސްޕޯޓް ލިންކް"ގެ ހިދުމަތް އިފްތިތާހު ކުރުމާ ގުޅިގެން ދެއްވި ވީޑިއޯ މެސެޖެއްގައި ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ މިއީ ވަރަށް މުހިންމު ނިޒާމަކަށް ވާނެ ކަމަށެވެ. ނަސީމް ވިދާޅުވީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި 186 ހެލްތު ފެސިލިޓީ ހުންނަ ކަމަށާއި ސިއްހީ ހިދުމަތް ނުވަތަ ސިއްހީ ފަރުވާ ހޯދަން ގިނަ އަދަދެއްގެ ބަޔަކު އެއްތަނުން އަނެއް ތަނަށް ދަތުރު ކުރާ ކަމަށެވެ. އެހެންކަމުން މި ނިޒާމަކީ ރައްޔިތުންނަށް ހިދުމަތް ދޭ، ހެލްތު މިނިސްޓްރީ ފަދަ ތަނަކަށް ވަރަށް މުހިންމު ނިޒާމަކަށް ވާނެ ކަމަށް ނަސީމް ވިދާޅުވިއެވެ.

"މީގެ ސަބަބުން އަޅުގަނޑުމެން މި ދޭ ޚިދުމަތަށް ވަރަށް ލުއިވެގެންދާނެ. ވަރަށް ފަސޭހަވެގެންދާނެ. ރައްޔިތުންގެ ޖީބަށް ވަރަށް ލުއިގޮތަކަށް މިކަންތައްތައް ހަމަޖެހިގެންދާނެ. މިހާރު މި ޚިދުމަތް ފެށުމުގެ ކުރީގައި ވަަރަށް ބޮޑެތި ޚަރަދުތަކެއް ކޮށްގެން ދުވަސް ދުވަސް ހޭދަ ކޮށްގެން އެމީހުންނަށް ސިއްހީ ޚިދުމަތެއް ލިބޭގޮތަށް އެމީހުންނަށް ދަތުރުކުރެވެނީ. މިކަންތައްތައް ފެށުނީމަ ވަރަށް ބޮޑު ލުޔެއް އަންނާނެ ކަމަށް އަޅުގަނޑަށް ފެނޭ." ނަސީމް ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ ދަތުފަތުރު ނިޒާމާއެކު އިގްތިސާދީ ކުރިއެރުންތަށް ރާއްޖެއަށް ލިބިގެންދާނެ ކަމަށެވެ. އަދި ރާއްޖޭގެ އުފެެއްދުންތައް އެއް ރަށުން އަނެއް ތަނަށް ގެންދެވި ރަނގަޅު އަގު ލިިބި ވިޔަފާރިތައް ކުރިއަރާނެ ކަމަށް ނަސީމް ވިދާޅުވިއެވެ.

ރާއްޖެ ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ސަރުކާރުން ފަރުމާކޮށްފައިވާ ފެރީ ނިޒާމުގެ ޚިދުމަތް ފުރަތަމަ ފެށުމަށް ހަމަޖެހިފައިވަނީ ޒޯން އެކަކަށެވެ. ޒޯން 1 ގައި ހިމެނެނީ ރާއްޖޭގެ އެންމެ އުތުރުން ހއ.، ހދ. އަދި ށ. އަތޮޅުގެ ރަށްތަކެވެެ. މި ފެރީ ނިޒާމުގެ ހިދުމަތް ދޭން ސަރުކާރުން ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ.



ކިޔުންތެރިންގެ ހިޔާލު