ރާއްޖޭގެ ރަށްތައް ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ސަރުކާރުން ފެށި މަޝްރޫއު، ރާއްޖެ ޓްރާންސްޕޯޓް ލިންކު (އާރުޓީއެލް)ގެ ޒަރިއްޔާއިން ފެތުރިފައިވާ އިގްތިސާދު އެކައްޗަކަށް ހަދައިދޭނެ ކަމަށް އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކު (އާރުޓީއެލް)ގެ ނަމުގައި ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަތުރުތައް މިއަދު ވަނީ ފެށުމަށް ނިއްމާފައެެވެ. މި މަޝްރޫއުގެ ދަށުން ފަށާ ފެރީ ދަތުރުތަކުގައި ޓިކެޓު ނެގުމަށް ބޭނުން ކުރާ އެޕްލިކޭޝަން ލޯންޗުކުރުމަށް ރޭ އޮންލައިންކޮށް ބޭއްވި އިވެންޓެއްގައި ވާހަކަ ދައްކަވަމުން އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ މި މަޝްރޫއަކީ ރައީސް ސޯލިހުގެ އިގްތިސާދީ ސިޔާސަތުގެ ވަރަށް މުހިންމު އެއް މަޝްރޫއު ކަމަށެވެ. އާރުޓީއެލްގެ ސަބަބުން އެއް ރަށާއި އަނެއް ރަށް އަދި އެއް އަތޮޅާއި އަނެއް އަތޮޅު ވަރަށް ފަސޭހައިން ގުޅޭލެވޭނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެެ.

"އަޅުގަނޑުމެންގެ މި ފެތުރިފައިވާ އިގްތިސާދު ހަގީގަތުގައި އެކައްޗަކަށް މި ހަދާލެވެނީ އާރުޓީއެލްގެ ޒަރިއްޔާއިން ކުދި ކުދި މާކެޓްތަކެއްގެ ގޮތުގައި ކުރިން ހުރިހުރުން އެއް މާކެޓަކަށް އޭގެ ޒާތުގައި ބަދަލުވެގެން މިދަނީ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ." ފައްޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން ފައްޔާޒު ވިދާޅުވީ މި މަޝްރޫއު މިއަދު އުތުރުން ފެށިގެންދިޔަ ނަމަވެސް ކުރިއަށް އޮތް، ކައިރި މުސްތަގްބަލެއްގައި މުޅި ރާއްޖެއަށް އެމަޝްރޫއު ފުޅާކޮށް ހުރިހާ އަތޮޅެއް ގުޅާލައި އޭގެ ފޮނި މީރުކަން ރައްޔިތުންނާއި އިގްތިސާދަށާއި ވިޔަފާރިވެރިންނަށް ލިބިގެންދާނެ ކަމަށެވެ.

"މި ޕްރޮޖެކްޓް ފަރުމާކޮށް ކުރިއަށް ގެންދަވާ ޕްލޭނިން މިނިސްޓްރީގެ އިސް ނެގުމުގެ މަތިން ވަރަށް ފުރިހަމައަށް ވަރަށް ރާއްޖެ އާއި ގުޅޭގޮތަށް އަދި މިވަގުތަށް ރައްޔިތުންނަށް ބޭނުންވާ ފަދަ ޚިދުމަތެއް ދެވޭނެ ފަދަ ގޮތަކަަށް އެމްޓީސީސީއާއެކު ޓްރާންސްޕޯޓް މިނިސްޓްރީ އާއި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާއެކު މިވަނީ މި ޕްރޮޖެކްޓް ފަށައިގަނެވިފައި." ފައްޔާޒު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު