ރާއްޖެ ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ސަރުކާރުން ފަރުމާކޮށްފައިވާ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން "ރާއްޖެ ޓްރާންސްޕޯޓް ލިންކް"ގެ ޚިދުމަތް މާދަމާ ރަސްމީކޮށް ފަށަން ނިންމައިފި އެވެ.

ފެރީ ނިޒާމުގެ ޚިދުމަތް ފުރަތަމަ ފެށުމަށް ހަމަޖެހިފައިވަނީ ޒޯން އެކަކަށެވެ. ޒޯން 1 ގައި ހިމެނެނީ ރާއްޖޭގެ އެންމެ އުތުރުން ހއ.، ހދ. އަދި ށ. އަތޮޅުގެ ރަށްތަކެވެެ. މި ފެރީ ނިޒާމުގެ ހިދުމަތް ދޭން ސަރުކާރުން ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ.

އެމްޓީސީސީން މިރޭ ބުނީ މި ޚިދުމަތް މާދަމާ ރަސްމީކޮށް ފެށުމުން، ދެން ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ކަނޑައަޅާފައިވާ އަގުތަކުގައި ޓިކެޓް ނަގައިގެން ކަމަށެވެެ. އެގޮތުން ކަސްޓަމަރުން ޓިކެޓް ގަންނަން ބޭނުންކުރާނީ އެކަމަށް ހާއްސަކޮށްފައިވާ ވެބްސައިޓް އަދި މޯބައިލް އެޕް ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ. އާރް.ޓީ.އެލް ޓްރެވަލް އެޕް ގޫގުލް ޕްލޭސްޓޯރުންނާއި އެޕަލް އެޕް ސްޓޯރުން ޑައުންލޯޑްކުރެވެން ހުންނާނެ ކަމަށް އެކުންފުނިން ބުނެ އެވެ.



އެމްޓީސީސީން ބުނީ އާރްޓީއެލް ޚިދުމަތުގައި ބޭނުންކުރާ ފެރީ ތަކަކީ 50 މީހުންގެ ޖާގައިގެ ފެރީތަކެއް ކަމަށެވެ. އެގޮތުން މިހާރު ބޭނުންކުރާ ފެރީތަކަށް ވުރެ ހިތްގައިމު ފެރީތަކަކަށް އާރްޓީއެލްގެ ފެރީތައް ވެގެންދާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ. މި ސްޕީޑް ފެރީތައް ހުންނާނީ ދަތުރުވެރިންނަށް ހިތްފަސޭހަ ކަމާއެކު ދަތުރުކުރެވޭގޮތަށް ފަރުމާކޮށް އެއަރކޯން ކުރެވިފައި ކަމަށާއި މި ސްޕީޑް ފެރީތަކުގެ ސީޓާއި ޕަސެންޖަރުންގެ ކެބިން ފަރުމާ ކުރެވިފައި ހުންނާނީ މިފަދަ ދަތުރުތައް ކުރުމަށް ފަސިންޖަރުންނަށް އެންމެ ލުއިފަސޭހަވާނެ ގޮތަށް ކަމަށް އެމްޓީސީސީ އިން ބުންޏެެވެ.

މީގެ އިތުރުން ފެރީގައި ފާޚާނަކުރެވެން ހުންނައިރު ލަގެޖް ބެހެއްޓުމަށްވެސް ޖާގަ ޚާއްޞަ ކުރެވިފައި ހުންނާނެ ކަމަށް އެމްޓީސީސީ އިން ބުނެ އެވެ. އަދި އާރް.ޓީ.އެލްގެ ޚިދުމަތް ހޯދާ ކޮންމެ ފަރާތަކަށް އެއް ލަގެޖްގެ އިތުރުން ކެރީއޮން ލަގެޖެއް ގެންދެވޭއިރު ފެރީއެއްގައި ފުރޮޅުލީ ގޮނޑިއާއި ސްޓްރެޗަރު ބެހެއްޓުމަށް ވަކިތަނެއް ވެސް ވަނީ ޚާއްޞަކޮށްފައެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ޚިދުމަތް ޓިކެޓް ނަގައިގެން ކުރުމަށް ރަސްމީކޮށް ފެށި ނަމަވެސް، ތިން އަހަރުން ދަށުގެ ކުޑަކުދިންނަށާއި، އެންސްޕާގައި ރެޖިސްޓަރވެފައިވާ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ދަތުރުކުރެވޭނެ ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.

މި ޚިދުމަތް ހަފްތާއަކު ހަތް ދުވަހު ތާވަލްކުރެވިފައިވާ ޝެޑިއުލާ އެއްގޮތަށް ދެމުންދާނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެެ.



ކިޔުންތެރިންގެ ހިޔާލު