ވަޒީފާއާއި ގައުމީ އުފެއްދުންތެރިކަން ހިއްސާކުރާ މިންގަނޑުން ފަތުރުވެރިކަމަށް އެންމެ ބޮޑަށް ބަރޯސާވާ 3 ގައުމުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނިއްޖެއެވެ.

ބައިނަލްއަގުވާމީ ޖަމުއިއްޔާއަކުން ކުރިއަށްގެންދިޔަ ދިރާސާއަކުން ދެއްކި ގޮތުގައި ވަޒީފާއާއި ގައުމީ އުފެއްދުންތެރިކަން ހިއްސާކުރާ މިންގަނޑުން ފަތުރުވެރިކަމަށް އެންމެ ބޮޑަށް ބަރޯސާވާ 3 ގައުމަކީ ދެކުނު ކެރީބިއަން ކަނޑުގައި އޮންނަ ޖަޒީރާއެއްކަމަށްވާ އަރޫބާއާއި، ކެރީބިއަންގައި އޮންނަ ބްރިޓިޝް ވަރޖިން އައިލެންޑް އަދި ދިވެހިރާއްޖެއެވެ.


1- އަރޫބާ
އަރޫބާގެ ޖީޑީޕީ ނުވަތަ ގައުމީ އުފެއްދުންތެރިކަމުގެ 27.64 ހިއްސާ ކުރަނީ ފަތުރުވެރިކަމެވެ. އަދި އެ ގައުމުގެ ވަޒީފާގެ ބާޒާރުގެ 29.91 އިންސައްތަ ހިއްސާ ކުރަނީ ފަތުރުވެރިކަމުގެ ވަޒީފާތަކެވެ. ފަތުރުވެރިންގެ މެދުގައި އެ ގައުމު މަޝްހޫރުވެފައި އޮންނަނީ ޖަޒީރާވަންތަ ސިފަތަކެއް ލިބިފައިވާތީއެވެ. އެގޮތުން ހިތްގައިމު ގޮނޑުދޮށްތަކާއި، މުޅި އަހަރަށް ދެމިގެންދާ ހޫނު މޫސުމުގެ ސަބަބުންނެވެ. ވެނެޒުއޭލާ ކައިރީގައި އޮންނަ އަރޫބާއަށް މައިގަނޑު ގޮތެއްގައި ފަތުރުވެރިން ޒިޔާރަތްކުރަނީ އުތުރު އެމެރިކާގެ ގައުމުތަކުންނެވެ.

2- ބްރިޓިޝް ވަރޖިން އައިލެންޑްސް
ބްރިޓިޝް ވަރޖިން އައިލެންޑަށް ބަލާއިރު، އެ ގައުމުގެ ޖީޑީޕީގެ 3/2 ހިއްސާ ކުރަނީ ފަތުރުވެރިކަމެވެ. އެއީ 32.96 އިންސައްތައެވެ. އަދި އެ ގައުމުގެ ވަޒީފާގެ ބާޒާރުގެ 24.03 އިންސައްތަ ހިއްސާ ކުރަނީ ފަތުރުވެރިކަމުގެ ވަޒީފާތަކެވެ. އެ ގައުމަށް މައިގަނޑު ގޮތެއްގައި ފަތުރުވެރިން އަންނަނީ އެމެރިކާއިނެވެ. މީގެއިތުރުން ކޫރުޒް ލައިނަރތަކާއި އަމިއްލަ ޔޮޓްތައްވެސް އެ ގައުމަށް ގިނައަދަދަކަށް ޒިޔާރަތްކުރެއެވެ.

3- ދިވެހިރާއްޖެ

މި ދިރާސާއިން ދެއްކި ގޮތުގައި ރާއްޖޭގައި ގައުމީ އުފެއްދުންތެރިކަމުގެ 39 އިންސައްތަ ހިއްސާ ކުރަނީ ފަތުރުވެރިކަމެވެ. އަދި ވަޒީފާގެ ބާޒާރުގެ 16 އިންސައްތަ ހިއްސާ ކުރަނީ ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީފާތަކެވެ. 1970ގެ ތެރޭގައި ރާއްޖޭގައި ފަތުރުވެރިކަން ފެށެންދެން އިގްތިސާދު ބިނާވެފައި އޮތީ މަސްވެރިކަމަށްކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އަދި ފަތުރުވެރިކަމާއެކު މަސްވެރިކަން ކުރާ މިންވަރު ދަށްވެފައިވާކަމަށްވެސް ރިޕޯޓްގައިވެއެވެ. ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުން ފަތުރުވެރިކަމާއެކު ފަގީރު ގައުމެއްގެ ގޮތުގައި އޮތް އޮތުން ނިމި، މިސަރަހައްދުގައި އެންމެ ބޮޑަށް ތަރައްގީވަމުން އަންނަ ގައުމަކަށް ރާއްޖެ ވަނީ ބަދަލުވެފައެވެ.

ބައުންސް ނަމަކަށް ކިޔާ ޖަމިއްޔާއަކުން ތައްޔާރުކޮށްފައިވާ މި ރިޕޯޓްގައި ފާހަގަކޮށްފައިވާ އެހެންކަންކަމަށް ބަލާއިރު، 39 އިންސައްތައާއެކު ޖީޑީޕީގެ ނިސްބަތުން ފަތުރުވެރިކަމުގެ ދާއިރާއިން އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ދިވެހިރާއްޖެއަށެވެ. އެއީ ގާތްގަނޑަކަށް 1 ބިލިއަން ޑޮލަރެވެ. މި ލިސްޓުގެ 2 ވަނަ ލިބެނީ އަރުބާއަށެވެ. 3 ވަނަ ލިބެނީ ބްރިޓިޝް ވަރޖިން އައިލެންޑްސްއަށެވެ. ސީޝެލްސް އާއި ބަހާމަސް އުޅެނީ އެއަށްވުރެ ފަހަތުގައެވެ.

ރިޕޯޓްގައިވާ ގޮތުން ވަޒީފާގެ ބާޒާރުގައި ފަތުރުވެރިކަމުގެ ވަޒީފާ އެންމެ ގިނައީ އަރޫބާގައެވެ. އެއީ ވަޒީފާގެ ބާޒާރުގެ 30 އިންސައްތައެވެ. މި ލިސްޓުގެ 2 ވަނަ ލިބެނީ ސެއިންޓް ލޫސިއާއަށެވެ. 3 ވަނަ ލިބެނީ ބަހާމާސްއަށެވެ. ރާއްޖެއަށް ލިބެނީ މި ލިސްޓުގެ 7 ވަނައެވެ.

ރިޕޯޓްގައިވާ ފަތުރުވެރިކަމުން އެންމެ ބޮޑު އާމްދަނީ ލިބޭ ލިސްޓުގައި ކުރިން ދެންނެވި އެއްވެސް ގައުމެއް ނެތެވެ. ފަތުރުވެރިކަމުން އެންމެ ބޮޑު އާމްދަނީ ލިބޭ ލިސްޓުގައި ކުރީގައި އުޅެނީ އެންމެ ކުރިއަރާފައިވާ ބޮޑެތި ގައުމުތަކެވެ. އެގޮތުން 536 ބިލިއަން ޑޮލަރާއެކު ލިސްޓުގެ 1 ވަނަ ލިބެނީ އެމެރިކާއަށެވެ. 455 ބިލިއަން ޑޮލަރާއެކު ލިސްޓުގެ 2 ވަނަ ލިބެނީ ޗައިނާއަށެވެ. އަދި 162 ބިލިއަން ޑޮލަރާއެކު ލިސްޓުގެ 3 ވަނަ ލިބެނީ ޖަރުމަން ވިލާތަށެވެ. އެ ލިސްޓުގައި ދެން ހިމެނެނީ އިޓަލީ، ޖަޕާނު، އިންޑިއާ، ފްރާންސް، ޔޫކޭ، މެކްސިކޯ އަދި ސްޕެއިންނެވެ.

ކިޔުންތެރިންގެ ހިޔާލު