ދިވެހި ފުލުހުންނަކީ އެމީހުންނާއި މަތިކޮށްފައިވާ ގާނޫނީ ޒިންމާ އަދާކުރުމުގައި މަގުމަތީގައި ވަރަށް ހަރަކާތްތެރިކޮށް މަސައްކަތް ކުރާ ބަޔެކެެވެ. ގާނޫނު ތަންފީޒުކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަކީ ފުލުހުންގެ ޒިންމާއެކެެވެ. ކުށްކުރާ ބޮޑެތި މުޖުރިމުން ހައްޔަރުކޮށް ކުށްކުރާ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ފުލުހުން ކުރަނީ ތައުރީފް ހައްގު މަސައްކަތެކެެވެ.


ފެންނަ ފެނުމުން ފުލުހުން އުޅެނީ ވަރަށް ބިޒީކޮށެވެ. ފުލުހުންގެ މަސައްކަތުގެ މާހާއުލުގައި ބިޒީކޮށް އުޅެމުންވެސް ފުލުހުންނަކީ މަޖާކޮށްކޮށް މުނިފޫހިފިލުވުމަށް ވެސް އެކި ކަންކަން ކޮށްއުޅޭ ބަޔެކެެވެ. މިކަން ވަރަށް ރަނގަޅަށް ސާބިތުކޮށްދޭ ވިޑިއޯއެއް މިހާރު އަންނަނީ ޝޯޝަލް މީޑިޔާގައި ފަތުއަޑުކިޔާފައި ދައުރުވަމުންނެވެ.

މިވީޑިއޯ އިން ފެންނަނީ ފުލުހުންގެ މަރުކަޒެއްގެ ތެރޭގައި ހުރި ހަޓެއްގެ ތެރޭގައި ތިބި ޓްރެފިކް ފުލުހުން ތަކެއް އެތަނުން އެެއް ފުލުހެެއްގެ ގަޔަށް ފެން ބާލިދީއެއް އޮއްސާލާ މަންޒަރެވެ. ފެންބާލީދީ އޮއްސާލުމާއެކު އެ ފުލުސް މީހާ ތެދުވެ ނަށަން ފަށައެެވެ. އެއާއެކު ދެން ތިބި ފުލުހުންވެސް އަތް ޖަހާ މަޖާ ނަގައެވެ.



މި ވީޑިއޯ ޝޯޝަލް މީޑިޔާގައި ވަރަށް ބޮޑަށް ވަނީ ވައިރަލްވެފައެެވެ. އެގޮތުން 48000 މީހުން މި ވީޑިއޯ މިހާތަނަށް ވެސް ބަލާފައެވެ.

މި ވީޑިއޯއަށް ކޮމެންޓް ކުރި ބައެއް މީހުން ބުނީ އެ ވީޑިއޯގެ އެއްވެސް މައްސަލައެއް ނެތް ކަމަށާއި ފުލުހުންނަށް ވެސް މަސައްކަތުގެ މާހައުލުގައި މަޖާކުރުމުގެ ހައްގު އޮންނާނެ ކަމަށެވެ. އިތުރު މީހަކު ބުނީ އެ ވީޑިއޯ އިން ފެންނަނީ ފުލުހުންގެ ޓީމް ވޯކް ކަމަށެވެ.

ވީޑިއޯއަށް ކޮމެންޓް ކުރި އިތުރު މީހަކު ބުނެފައިވަނީ ފުލުހުން މަޖާ ކުރުމަށް ލިބެނީ ވަރަށް މަދު ވަގުތުކޮޅެއް ކަމަށާއި ގިނަ ވާނީ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާ ވަގުތު ކަމަށެވެ.

އެ ވީޑިއޯ އާއި ދެކޮޅަށް ޝުއޫރު ފާޅުކުރި މީހަކު ބުނީ ކޮންމެ ވަގުތެއްގައި ވެސް ފުލުހުންގެ ޔުނީފޯމަށް އިހުތިރާމް ކުރަންޖެހޭނެ ކަމަށާއި ފެނިގެންދިޔައީ އެއްވެސް ޝަޙުސިއްޔަތެއް ނެތް ކަން ކަމަށެވެ.

މީގެ އިތުރުން އެ ވީޑިއޯއަށް ކޮމެންޓް ކުރި މީހަކު ބުނީ ފުލުހުން ވެސް މަޖާ ކުރަންޖެހޭނެ ކަމަށާއި އެއީ ގުޅުން ބަދަހިވާނެ ކަމެއް ކަމަށެވެ.

މި ވީޑިއޯ އާއި ގުޅިގެން ފުލުހުން ދެކޭ ގޮތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

މިފަދަ މަންޒަރު ތަކަކީ ބޭރު ގައުމުތަކުގައި އެހާ އަބުއި މަންޒަރުތަކެއް ނޫނެވެ. ފުލުހުންގެ މަސައްކަތާ ގުޅުވައިގެންވެސް މިފަދަ މަޖާ ތަފާތު މަންޒަރުތައް ފެނިފައި އެބަހުއްޓެވެ.

ދިވެހިންނަށް މިފަދަ މަންޒަރުތައް އެންމެ ގިނައިން ފެނިފައި ވާނީ އަވަށްޓެރި އިންޑިޔާއިން ނެވެ. ޚާއްޞަކޮށް ކޯވިޑްގެ ތެރޭގައި ލޮކްޑައުންގެ އުސޫލުތައް ދަމަހައްޓަން ނުކުންނަ ފުލުހުން މަގުމަތީގައި ލަވަކިޔައި ނަށާ ހަދާމަންޒަރު ވެސް ވަނީ ފެނިފައެވެ. އަދި ޓްރެފިކު ފުލުހުން ޓްރެފިކް ބެލެހެއްޓުމުގައި ވެސް ތަފާތު ހުނަރުތައް ދައްކާފައި ވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު