ގައުމެއް ބަނގުރޫޓްވަނީ ހަމައެކަނި ވެރިއެއްގެ އިހުމާލުން ނޫން ކަމަށް އިގުތިސާދީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ނަފާ ނަސީމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތާއި ގުޅުވައި ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަ ތަކާއި ގުޅިގެން އެމްޑީޕީގެ އިސްސަފުގައި ކުރިން ހަރަކާތްތެރިވި ނަފާ ނަސީމް ވިދާޅުވީ ގައުމެއް ބަނގުރޫޓްވަނީ ހަމައެކަނި ވެރިއެއްގެ އިހުމާލުން ނޫން ކަމަށާއި އެ ހިސާބަށް ދަނީ އެތަށް ޒަމާނެއް ވަންދެން އެތަށް ބަޔަކު އެތަށް ކަމެއް ގޯސްކޮށް ކުރުމުން ކަމަށެވެ. ވެރިކަމާއި ބާރާއި މުދަލަށްޓަކައި ކުދި ބޮޑު އެންމެން ހިންގި ޖަރީމާގެ ހިތި ފެންނާނެ ކަމަށް ނަފާ ނަސީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގައުމެއް ބަނގުރޫޓްވުމަކީ ހަމައެކަނި ބޭރުގެ ދަރަނި ނުދެއްކިގެންވާ ކަމެއް ނޫން ކަމަށެވެ.



"ހިސާބަށްވުރެ މީހުން ނުބައިވެ މުވައްސަސާތައް ރޫޅި އީމާންތެރިކަމާއި ވަފާތެރިކަން ނެތިގޮސް އަގުތައް ނެތުނީމާ ގައުމު އެތެރެއިން ބަނގުރޫޓްވެއެވެ. އެއީ މާހިތި ބަނގުރޫޓްވުމުކެެވެ." މީގެ ކުރިން އެމްޑީޕީގައި އިސްކޮށް ޙަރަކާތްތެރިވެ، ރައީސް މައުމޫންގެ ސަރުކާރާއި ދެކޮޅަށް އޭރު އެމްޑީޕީން ބޭއްވި ގިނަ މުޒާހަރާތަކުގައިވެސް އަޑު އުފުއްލަވާފައިވާ ނަފާ ނަސީމް ވިދާޅުވިއެވެ.

ރާއްޖެ ބަނގުރޫޓް ވެދާނެ ކަމަށް ދެކެވޭ ވާހަކަތައް ސަރުކާރުން ވަނީ ދޮގުކޮށްފައެވެ. ސަރުކާރުން ބުނަނީ ކުރިއަށް 2023 އަދި 2024 ގައިވެސް އެއްވެސް ދަތިކަމެއްނެތި ދަރަނި ދެއްކޭނެ ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދު ހުރީ ރަނގަޅު މިސްރާބުގައި ކަމަށްވެސް ސަރުކާރުގެ އިސްފަރާތްތަކުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު