ލޯންޗް އެކްސިޑެންޓްގައި މަރުވި އަހުމަދު ޝާފިއު އަދި މިސްބާހު
ލޯންޗް އެކްސިޑެންޓްގައި މަރުވި އަހުމަދު ޝާފިއު އަދި މިސްބާހު
ގއ. ވިލިނގިލީ ފަޅަށް ވަންނަން އުޅުނު ލޯންޗެއް އެރަށު ބަނދަރުގެ ނެރުގައި ޖެހި ހިނގި އެކްސިޑެންޓެއްގައި މިރޭ ވަނީ ދެ މީހަކު ނިޔާވެފައެވެ. މި ހާދިސާގައި ނިޔާވީ ގއ. ވިލިނގިލީ، ދޫރެސް މިސްބާހު މުހްސިނާއި ނ. ލަންދޫ އުރަހާ، މުހައްމަދު ޝާފިއެވެެ. ފުލުހުން ބުނީ ހާދިސާގައި ނިޔާވީ، ނެރު ތޮށްޓަށް ލޯންޗު އެރި ވަގުތު މޫދަށް ވެއްޓުނު ދެ މީހުން ކަމަށެވެ. އެމީހުން ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ވަނީ ނިޔާވެފައެވެ.


ވިލިނގިލިން ވާހަކަ ދެއްކި ބައެއް މީހުން ބުނީ މިހާދިސާގައި ނިޔާވި މިސްބާހާއި ޝާފިއު ދަތުރުކުރީ ގއ. ވިލިނގިލީގައި އޮތް ކައިވެނި ޕާޓީއަކަށް ދިޔުމަށް ކަމަށެވެ. މި ހާދިސާގައި މަރުވި މިސްބާހަކީ އެކްސިޑެންޓްވި ލޯންޗުގެ ވެރިފަރާތެވެ.

އެކްސިޑެންޓްވި އިރު ލޯންޗު ދުއްވަން އިނީ މިސްބާހުގެ ކޮއްކޮ ގއ ވިލިގިލީ ދޫރެސް މިޤުޞާދު މުޙުސިނެވެ. އޭނާއަށް މިހާރު ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައެވެ. ގއ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު، ޝަރީފް އަހްމަދު ވިދާޅުވީ ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ މީހާގެ ކަރަށާއި ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.

އެހެން ނަމަވެސް ޑޮކުޓަރުން އަދި އުއްމީދު ކަނޑާނުލާ ކަމަށް އޭނާ ވިދާޅުވިއެވެ. އެ އެކްސިޑެންޓްގައި ތިން މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު ވިލިނގިލީ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އެ ތިން މީހުން ވެސް މާލެ ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެެވެ. އޭގެ ތެރޭގައި ހިމެނެނީ ހާދިސާގައި ނިޔާވި މިސްބާހުގެ ކޮއްކޮއާއި ލޯންޗުގެ ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި ވިލިގިލީގެ ޒުވާނަކު ކަމަށް އެނގިފައިވެއެެވެ.

ފަސްމީހުންނާއެކު ކޫއްޑޫ އިން ފުރައިގެން ވިލިނގިއްޔަށް ދަތުރުކުރި މި ލޯންޗު ވިލިނިގިލީ ނެރު ފައިކަށީގައި ޖެހި، ހިނގި އެކްސިޑެންޓްގައި މަރުވި މިސްބާހު މަރުވީ ލޯންޗު އެކްސިޑެންޓްވި ވަގުތު ވިއްސައިގެން ގޮސް ނިއްކުރިއަށް ތޫނު އެއްޗެއް ހެރުމުގެ ސަބަބުން ކަމަށް އެ ހާދިސާގެ މައުލޫމާތު އެނގޭ ބައެއް މީހުން ބުނެއެވެ.

މިހާދިސާގައި ދެން މަރުވި ނ. ލަންދޫ އުރަހާ، މުހައްމަދު ޝާފިއު މަރުވީ ލޯންޗު އެކްސިޑެންޓްވި ވަގުތު ލޯންޗުގެ ކުރީގެ ބިއްލޫރިތައް ތަޅައިގެންގޮސް ބިއްލޫރިގަނޑަކުން ވަރަށް ބޮޑަށް ކަރު ޒަޚަމްވެގެން ކަމަށް ވިލިނގިލިން ވާހަކަ ދެއްކި ބައެއް މީހުން ވަނީ ބުނެފައެެވެ.

މިހާދިސާގައި މަރުވި ނ ލަންދޫ އުރަހާ މުހައްމަދު ޝާފިއު ވިލިނގިއްޔަށް ދާން ފުރީ އޭނާގެ ބޭބެއެއްގެ ކައިވެންޏަށެވެ. އޭނާގެ ބޭބެ ކައިވެނިކުރުމަށް ހަމަޖެހިފައި އޮތީ ހާދިސާގައި ނިޔާވި މިސްބާޙްގެ ދައްތައަކާއި ކަމަށް މައުލޫމާތު އެނގޭ ބައެއް މީހުން ބުނެއެެވެ. އެކައިވެންޏަށް ޝާފިއުގެ އާއިލާގެ ބައެއް މީހުންވެސް ތިބީ ވިލިގިއްޔަށް އައިހެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ތަހުގީގްކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު