މާލޭގެ ނޯތު ހާބަރާއި، ޓީޖެޓީ ބަނދަރުން ލިބެމުންދާ އާމްދަނީގެ ބައެއް މާލެ ސިޓީ ކައުންސިލާ ހިއްސާކުރެވޭނެ ގޮތެއް ހަމަޖެއްސުމަށް ހިނގާ މަޝްވަރާތަކުގައި އަދިވެސް އެއްބަސްވުމަކަށް ނާންނަކަމަށް ދެ ފަރާތުންވެސް ހާމަކޮށްފިއެވެ.

މާލޭގެ ނޯތު ހާބަރާއި، ޓީޖެޓީ ބަނދަރުން ލިބެމުންދާ އާމްދަނީގެ ބައެއް މާލެ ސިޓީ ކައުންސިލާ ހިއްސާކުރެވޭނެ ރެވެނިއު ޝެއާރިން މޮޑެލެއް ހަމަޖެއްސުމަށް މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އޮތީ އަންގާފައެވެ. އަދި އެކަމާއި ގުޅިގެން އެމްޕީއެލްއާއި މާލެ ސިޓީ ކައުންސިލާއި ދެމެދުގެ ވަނީ މަޝްވަރާތައްވެސް ފަށާފައެވެ.

މާލެ ސިޓީ ކައުންސިލުން މިކަމާއި ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ މިކަމުގައި ގޮތެއް ނުނިމި ލަސްވަނީ އެމް.ޕީ.އެލްގެ ސަބަބުންކަމަށެވެ. އަދި ސިޓީ ކައުންސިލުން ބޭނުންވާ އަގުތައް އެމްޕީއެލްއަށް ހުށަހަޅާފައިވާނެކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ. ނަމަވެސް ބައްދަލުވުމަކަށް އެދިފައިވާތާވެސް ދުވަސްތަކެއްވެފައިވާއިރު، އެމްޕީއެލްއިން ބައްދަލުވުމެއް ނުބާއްވާކަން ސިޓީ ކައުންސިލުން ފާހަގަކުރެއެވެ.

އެމް.ޕީ.އެލްއިން މިމައްސަލައިގައި ވާހަކަދައްކަމުން ބުނީ އެކުންފުނިން ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު ހުށަހެޅި އަގުތަކަށް މާލެ ސިޓީ ކައުންސިލުން އެއްބަސްވެފައިނުވާކަމަށެވެ. އަދި ސިޓީ ކައުންސިލުން ހުށަހަޅާފައިވަނީ އެމްޕީއެލްއިން ހުށަހެޅި އަގަށް ވުރެ އެތައް ގުނައެއް ބޮޑު، ދެކޮޅުޖެހޭ އަގެއް ނޫންކަމަށްވެސް އެމް.ޕީ.އެލްއިން ބުނެއެވެ.

އެމްޕީއެލްއިން ބުނީ މިކަމުގައި ސިޓީ ކައުންސިލާއެކު ކުރެވުނު މަޝްވަރާތަކުގެ މަޢުލޫމާތު ރައީސް އޮފީހާއިވެސް މިހާރު ހިއްސާކޮށްފައިވާނެކަމަށެވެ.

މާލޭގެ ބަނދަރުތަކުގެ އާމްދަނީ ސިޓީ ކައުންސިލާ ހިއްސާކުރެވޭނެ ގޮތެއް ހޯދުމަށް ރައީސް އޮފީހުން އެމްޕީއެލްއަށް އެންގި އެންގީ އެ ދެ ބަނދަރާއި ހަވާލުވުމަށް މިދިޔަ ޑިސެންބަރު މަހުގެ ތެރޭގައި ސިޓީ ކައުންސިލުން ދިއުމުންނެވެ. އޭގެ ކުރިން ސިޓީ ކައުންސިލުން އޮތީ ބަނދަރުތައް ހަވާލުކުރުމަށް އެމްޕީއެލްއަށް ނޯޓިސްވެސް ފޮނުވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން