ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބޭއްވި އިންތިހާބު ހޮނިހިރު ދުވަހު އެ ވަނީ ބާއްވާ ނިމިފައެވެ. ފޯރިގަދަ، ވާދާވެރި އެއިންތިހާބުގައި ރައީސް ނަޝީދުގެ ތާއީދާއެކު އިންތިހާބަށް ނުކުތް އިމްތިޔާޒް ފަހްމީ ބޮޑު ތަފާތަކުން ބަލިކުރެއްވުމަށްފަހު، އިންތިހާބު ކާމިޔާބުކުރެއްވީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ތާއީދާއެކު އެ ގޮނޑިއަށް ވާދަކުރެއްވި ކެންޑިޑޭޓްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާއީލެވެ.

މި އިންތިހާބަކީ ފައްޔާޟާއި އިމްތިޔާޒް ވާދަކުރެއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބެއްނަމަވެސް، މިއިންތިޚާބަށް މުޅި ރާއްޖޭގެ ސަމާލުކަން ހުއްޓުނީ މިއިންތިޚާބުގެ ފަހަތުގައި މުޅިން އެހެން ކަމެއް އޮތް ކަމަށް ޔަގީން ކުރެވޭތީއެވެ. މިއިންތިޚާބު ކާމިޔާބު ކުރާނީ ކޮންބައެއްތޯ ނުވަތަ ކާކުތޯ ބެލުމުގެ ޝައުޤުވެރިކަން ގިނަ ރައްޔިތުންގެ ހިތްތަކުގައި އުފެދުނީ މުޅިން އެހެން ސަބަބުތަކާއި ހުރެއެވެ. އެމްޑީޕީގެ ވެސް އަދި ދިވެހި ރައްޔިތުންގެ ގިނަ ބަޔަކު ގަބޫލުކުރީ ޚާއްޞަކޮށް އެމްޑީޕީގެ ޗެއާ ޕާސަންގެ އިންތިޚާބަކީ އެމްޑީޕީގެ 2023 ގެ މަގުޗާޓު ކުރަހައިދޭ އިންތިޚާބެއްގެ ގޮތުގައެވެ. އެހެން އިބާރާތަކުން ދަންނަވާނަމަ މިއިންތިޚާބުގައި ވާދަކުރައްވާތަން ގިނަ ބަޔަކަށް ފެނުނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހެވެ.

އެމްޑީޕީގެ ޗެއަރޕާސަން އިންތިހާބުގެ ކެމްޕެއިން ކުރިއަށްދިޔައިރުވެސް ގިނަ ބަޔަކު ގަބޫލުކޮށްގެން ތިބީ މިއީ ރައީސް ސާލިހާއި ރައީސް ނަޝީދުގެ ތެރެއިން ޕާޓީގައި ތާއީދު ބޮޑީ ކޮން ބޭފުޅެއްގެތޯ ކަނޑައެޅިގެންދާނެ އިންތިހާބެއް ކަމަށެވެ. އަނެއް ބަޔަކު ދުށީ މިއީ ޕާޓީގެ ރިޔާސީ ޓިކެޓް ޔަގީންކޮށްދޭ އިންތިހާބެއްގެ ގޮތުގައެވެ. ކޮންމެއަކަސް ޕާޓީގައި މިވަގުތު ތާއީދު ބޮޑީ ކޮން ބޭފުޅަކަށްކަން ނުވަތަ ކޮން ފެކްޝަނަކަށްކަން މި އިންޔިހާބުން އެނގިގެން ހިނގައްޖެއެވެ. ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ އަޣްލަބިއްޔަތު އޮތީ ރައީސް ސާލިހުއާއެކުކަން އިންތިހާބުން ބުނެދީފިއެވެ. ޕާޓީގެ ގައުމީ މަޖިލީހާއި ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣްލަބިއްޔަތެއް އޮތީ ރައީސް ޞާލިހަށްކަން މާކުރިން ވެސް އޮތީ ކަށަވަރުވެފައެވެ. މިފަހަރުގެ ނަތީޖާއިން މިދެއްކީ މިހާރު ޕާޓީގެ ގިނަ މެންބަރުންގެ ތާއީދު އޮތް ގޮތެވެ.

ރައީސް ނަޝީދުގެ އެންމެ ގާތް ބޭފުޅުންގެ ގޮތުގައި ބެލެވުނު ބައެއް ބޭފުޅުންވެސް ތިބީ ރައީސް ސާލިހާއެކުގައިކަން މިއިންތިޚާބުން އެނގިގެން ދިޔައެވެ. މިއީ މިއިން ދުވަހަކުވެސް އެމްޑީޕީން ފެނުނު މަންޒަރެއް ނޫނެވެ. މިއިންތިޚާބުގެ ކުރިންވެސް އެމްޑީޕީގެ ތެރޭގައި ހިނގާ ކަންކަމުގައި ރައީސް ސާލިހުގެ ފެކްޝަން ބައްޔެއް ނުވެއެވެ. މިފަހަރު މިއޮތީ އެކަން މާބޮޑަށް އެނގި ޔަގީންވެފައެވެ. އެމްޑީޕީއަކީ ވަކި ބޭފުޅެއްގެ ވަށައިގެން އެނބުރޭ ބަޔަކު ތިބި ޕާޓީއެއް ނޫންކަމާއި އެމްޑީޕީގައި ރޫހާނީ ލީޑަރަކު ނުހުންނާނެ ކަމާއި، އެމްޑީޕީއަކީ ޑިމޮކްރަސީގެ ހަމަތަކުގެ މަތިން ހިނގާ، ޑިމޮކްރެޓިކް ޕާޓީއެއްކަން ޗެއަރޕާސަންގެ އިންތިހާބުން މިވަނީ ސާބިތުކޮށްދީފައެވެ.

އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބުން ސާފުވެގެން ދިޔަ އަނެއް ކަމަކީ، ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރު ރައްޔިތުން ބަލައިގެންފައިވާ މިންވަރެވެ. ބައެއް ފަރާތްތަކުން ބުނާގޮތުން މިއީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްފަހު ރައީސް ސާލިހުގެ ސަރުކާރަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ. ސަރުކާރުން ކޮށްދީފައިވާ އަދި ކޮށްދެމުން ގެންދާ ކަންކަން ރައްޔިތުން ބަލައިގަންނަ ކަމުގެ އަލިގަދަ ހެއްކެކެވެ. ކޯވިޑް ބަލިމަޑުކަމާއެކު މުޅި ދުނިޔެއަށް ކުރިމަތިވި ދަތި އުނދަގޫ ހާލަތުން އަރައި ނުގަނެވި ގައުމުތަކުގެ ރައްޔިތުން ހާލުގައި ޖެހި ސަރުކާރުތަކާއި މެދު ރައްޔިތުން ހިތްހަމަނުޖެހި، ސަރުކާރުތަކާއި ދެކޮޅަށް ނުކުމެ ސަރުކާރުތައް ވައްޓާލައި ވަޒީރުންގެ އިތުބާރު ގެއްލި ވަޒީރުން އިސްތިއުފާ ދެމުންދާ މަންޒަރު ފެންނަމުންދާ މިފަދަ ދުވަސްވަރެއްގައި، ސަރުކާރު ހިންގާ މައި ޕާޓީގެ ޗެއަރޕަސަން އިންތިހާބުގައި ސަރުކާރުގެ މިނިސްޓަރަކަށް ރައްޔިތުންގެ ބޮޑު އަޣްލަބިއްޔަތެއް ލިބުމަކީ ސަރުކާރާއި މެދު ރައްޔިތުން ހިތްހަމަޖެހޭކަމާއި ޕާޓީގެ މެންބަރުން ޕާޓީގެ ވެރިކަން ދަމަހައްޓަން ބޭނުންވާކަން ދައްކައިދޭ އަލިގަދަ ހެއްކެކެވެ. އެހެންނޫންނަމަ ރައްޔިތުން ނުކުމެ ވޯޓުދޭނީ ސަރުކާރުގެ ވަޒީރާ ދެކޮޅަށްކަން ކަށަވަރެވެ.

އިންތިހާބުގެ ކެމްޕޭންގައި ރައީސް ސާލިހުގެ ފެކްޝަނާއި ދެކޮޅަށް އެންޓި ކެމްޕެއިން ކުރަމުން ވެސް ގެންދިޔައެވެ. އެކިއެކި އިލްޒާމްތައް ދިޔައީ އަޅުވަމުންނެވެ. ސަރުކާރާއި ވަޒީރުގެ އިސްތަށިފުޅުގައި އެޅުވި ބޮޑެތި ތުހުމަތުތަކާއި ރައީސް ނަޝީދުގެ ސަރުކާރުން ފެނިގެންދިޔަ ނުފޫޒު ގަދަ މަތީ ބޭބޭފުޅުން، އެޑްވައިޒަރުން، ރައީސް އޮފީހުގެ މިނިސްޓަރުން ބައެެއް ކެބިނެޓް ވަޒީރުން އަދި ކުންފުނި ތަކުގައި ތިއްބެވި ވެރިން ރައީސް ސާލިހުގެ ފެކްޝަނާއި ދެކޮޅަށް މަސައްކަތް ކުރެއްވިއިރުވެސް މި ނަތީޖާ ނިކުތުމަކީ ރައީސް ސާލިހަށް އެމްޑީޕީގެ މެންބަރުންގެ ތާއީދު އޮތް މިންވަރު ދޭހަވާކަމެކެެވެ. މީގެކުރިން ރައީސް ނަޝީދާއި ރައީސް ނަޝީދުގެ ފެކްޝަނަށް ތާއީދު އޮތްކަމަށް ބެލެވުނު އަތޮޅުތަކުން ވެސް ވަނީ ރައީސް ސާލިހަށް ތާއީދުކުރާކަން ފައްޔާޒަށް ދިން ވޯޓުން ދައްކުވައިދީފައެވެ. އެގޮތުން މިބަދަލު ފެނުނު ބޮޑެތި އަތޮޅުތަކުގެ ތެރޭގައި ބ އަތޮޅު، ބޮޑު ތިލަދުންމަތި، އައްޑޫ ސިޓީ، ނ އަތޮޅު، މ އަތޮޅު، ފ އަތޮޅު އަދި ދ އަތޮޅު ހިމެނެއެވެ.

މި އިންޔިހާބާއެކު ސަރުކާރަށް އޮތް ތާއީދު ހާމަވެފައިވާއިރު، ދެން އޮތީ ކުރިއަށް އޮތް ރިޔާސީ އިންތިހާބެވެ. އެއިންތިހަބަށް ތައްޔާރުވާން ނެގި ޓެސްޓުން އެއޮތީ ކިތަންމެ ރަނގަޅަކަށް ވެސް ފާސްވެފައެވެ. ރިޔާސީ އިންތިހާބަށް ދާއިރު މި ސަރުކާރަށް ތާއީދު އޮތް މިންވަރު އެ ދަނީ ހާމަވަމުންނެވެ. ހަމައެކަނި ޔަގީން ނުވާކަމަކީ އެމްޑީޕީގެ ޓިކެޓް ދޭނެ ފަރާތެކެވެ. ރިޔާސީ ޕްރައިމަރީއެއް ބޭއްވިޔަސް މިހާރު އެމްޑީޕީގައި އެންމެ ތާއީދު ބޮޑީ ކޮން ބޭފުޅަކަށްކަން ސާފުކޮށް އެ އޮތީ ހާމަވާށެވެ. އެއީ ރައީސުލްޖުމްހުރިއްޔާ އަދި އެމްޑީޕީގެ އެންމެ އިސް ލީޑަރު އިބްރާހިމް މުހައްމަދު ސާލިހުކަމާއިމެދު ޝައްކު އުފައްދާނެ ޖާގައެއްވެސް މިހާރަކު ނެތެވެ. ޗެއަރޕާސަން އިންތިހާބުގެ ނަތީޖާ އެހާވެސް ސާފެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން