ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރިތަކަށް ލިބުނު ގެއްލުމުން އަރައިގަތުމަށް ޔޫރަޕިއަން ޔޫނިއަނުން ރާއްޖެއަށް ފޯރުކޮށްދީފައިވާ ހިލޭ އެހީގެ ދަށުން 9.8 މިލިއަން ރުފިޔާ ވިޔަފާރިތަކަށް ދޫކޮށްފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

ކޯވިޑުން ލިބުނު އިގްތިސާދީ ގެއްލުމުން އަރައިގަތުމަށް ވިޔަފާރިތަކަށް އެހީވުމަށް އީޔޫއިން ވަނީ ރާއްޖެއަށް 2 މިލިއަން ޔޫރޯ ހަދިޔާކޮށްފައެވެ.

އީޔޫއިން ފޯރުކޮށްދިން މި އެހީ ވިޔަފާރިތަކަށް ދޫކުރުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީން ޙަވާލުކޮށްފައިވަނީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނާއެވެ. އަދި މިއެހީއަށް ދެދި ހުށަހެޅުމުގެ ފުރުސަތު ވަނީ މިދިޔަ ޑިސެމްބަރުމަހުގެ 15 ވަނަ ދުވަހު ހުޅުވާލާފައެވެ.

މި އެހީ ދިނުމަށް ހުޅުވާލާފައިވަނީ ރާއްޖޭގައި ހިންގާ ގެސްޓްހައުސްތަކާއި ސަފާރީތަކަށެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މިހާތަނަށް މި އެހީގެ ދަށުން މިހާތަނަށް 259 ވިޔަފާރިއަކަށް ހިލޭ އެހީގެ ގޮތުގައި 9.8 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށެވެ. އެއީ 209 ގެސްޓްހައުސަކާއި، 50 ސަފާރީއެކެވެ.

40 އެނދަށްވުރެ މަދުން އޮޕަރޭޓްކުރާ ފަރާތްތަކަށް ދޫކުރާ މި ހިލޭ އެހީގެ ދަށުން ކޮންމެ ގެސްޓުހައުސަކަށް އަދި ސަފާރީއަކަށް، ދޫކޮށްފައި ވަނީ އެނދަކަށް 2453.76 ދިވެހި ރުފިޔާގެ މަގުންނެވެ.

މި އެހީއަށް އެދި ހުށައެޅުމުގެ އެންމެ ފަހު ތާރީޚަކީ މިމަހުގެ 31 ވަނަ ދުވަސްކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން