ޣައިރު މުސްލިމް މަސައްކަތު މީހުން ރަމަޟާންމަހު ދުވާލު ކެއުން

ކުންފުއްންޏެއްގެ ވެރިއެކެވެ. އޭނާގެ މަސައްކަތު މީހުންގެ ތެރޭގައި ޣައިރު މުސްލިމުންވެސް ހިމެނެއެވެ. ރަމަޟާން މަހު ދުވާލު މުސްލިމުންގެ ކުރިމަތީގައި ޣައިރު މުސްލިމުން ކެއުން މަނާ ކުރެވިދާނެ ހެއްޔެވެ؟

الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد

ފުރަތަމަ:

މުސްލިމް މަސައްކަތު މީހުން ލިބެން ހުރި ހިނދެއްގައި ޣައިރު މުސްލިމުން ބޭނުން ކުރުމަކީ ހުއްދަ ކަމެއް ނޫނެވެ. ސަބަބަކީ ޣައިރު މުސްލިމުންނަށް ވުރެ މުސްލިމުން ހެޔޮކަން ބޮޑެވެ. ސޫރަތުލް ބަގަރާގެ 221 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވަނީ މިފަދައިންނެވެ. (وَلَعَبْدٌ مُّؤْمِنٌ خَيْرٌ‌ مِّن مُّشْرِ‌كٍ وَلَوْ أَعْجَبَكُمْ) މާނައަކީ: " ހަމަކަށަވަރުން مؤمن ފިރިހެން އަޅަކުވެސް ބުދަށް އަޅުކަންކުރާ ފިރިހެނަކަށްވުރެ މާރަނގަޅެވެ." ނަމަވެސް ޣައިރު މުސްލިމް މީހަކު ބޭނުން ކުރަން ޖެހިއްޖެ ހިނދެއްގައި އެފަދަ މީހުންގެ އެހީތެރިކަން ހޯދުމަކީ މައްސަލައެއް ނޫނެވެ.

ދެވަނަ:

މުސްލިމް ރޯދަވެރިންގެ ކުރިމަތީގައި ޣައިރު މުސްލިމް މަސައްކަތު މީހުން ކައިބޮއި ހެދުމަކީ މައްސަލަ އެއް ނޫނެވެ. ސަބަބަކީ މުސްލިމް ރޯދަވެރިޔާ އޭނާ އަށް ދެދުނިޔޭގެ ބާއްޖެވެރިކަން ދެއްވި ކަމަށްޓަކައި ﷲ އަށް ޙަމްދު ކުރެއެވެ. ރަމަޟާން މަހު ދުވާލު ކާން ނުލިބުނު ކަމުގައިވީނަމަވެސް ރޯދަ އަށް ހުރެ ހެޔޮ ޢަމަލު ކުރުމުގެ ސަބަބުން ގިޔާމަތް ދުވަހުގައި އުފާވެރިކަން ލިބޭނެ ކަން މުސްލިމުން ޔަގީން ކުރެއެވެ. އެބައިމީހުންނަށް ގިޔާމަތް ދުވަހުގައި ބުނެވޭނެ ކަމަށް ސޫރަތުލް ޙާއްގާގެ 24 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (كُلُوا وَاشْرَ‌بُوا هَنِيئًا بِمَا أَسْلَفْتُمْ فِي الْأَيَّامِ الْخَالِيَةِ) މާނައަކީ: " (އަންގަވާނެތެވެ.) އަރާމުލިބެނިވިގޮތުގައި، ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! ދުނިޔޭގައި ތިޔަބައިމީހުން ހޭދަކުރި ދުވަސްތަކުގައި ތިޔަބައިމީހުންކުރި ހެޔޮ عمل ތަކުގެ ޖަޒާއެއްގެ ގޮތުންނެވެ."

ރަމަޟާން މަހު ދުވާލު ޣައިރު މުސްލިމުން ކައިބޮއި ހެދި ނަމަވެސް، އެކަން ކުރަންވާނީ މުސްލިމުންނަށް ނުފެންނަ ހިސާބުގައެވެ. އެއީ އިސްލާމީ މަޡްހަރާ ޚިލާފު ކަމަކަށްވާތީވެއެވެ. والله أعلم

ވިދިވިދިގެން ރޯދަ ހިފުމަށް ނަދުރު ބުނެފައިވަނި ކޮށް ޢުޛުރެއް މެދުވެރިވެގެން މެދުކެނޑުން

ވިދިވިދިގެން ވަކި މުއްދަތެއް ވަންދެން ރޯދަ ހިފުމަށް ނަދުރު ބުނެފައިވަނިކޮށް، ބައްޔެއްވެގެން ނުވަތަ އެނޫންވެސް ސަބަބެއް މެދުވެރިވެގެން މެދު ކެނޑިއްޖެނަމަ ހަދާނެ ގޮތް ބުނެދެއްވުން އެދެން؟

الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد

ފުރަތަމަ:

ނަދުރު ގެ މާނަ އަކީ ތިމާގެ މައްޗަށް ވާޖިބުވެގެން ނުވާ ކަމެއް އަމިއްލަ ނަފްސަށް ވާޖިބުކޮށް ގަތުމެވެ. އެއީ ކަމަކާ ގުޅުވައިގެން ކަމުގައިވީނަމަވެސް، ނުވަތަ ނޫން ނަމަވެސް އެވެ. މުއުމިން އަޅުތަކުން ގެ ތެރެއިން ނަދުރުބުނާ މީހުންނަށް މަދަޙަ ވިދާޅުވެ ކީރިތި ގުރްއާނުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ((إِنَّ الْأَبْرَارَ يَشْرَبُونَ مِن كَأْسٍ كَانَ مِزَاجُهَا كَافُوراً، عَيْناً يَشْرَبُ بِهَا عِبَادُ اللَّهِ يُفَجِّرُونَهَا تَفْجِيراً ، يوفون بالنذر ويخافون يومًا كان شره مستطيرًا)) الإنسان: ٥ – ٧ މާނައީ: "ހަމަކަށަވަރުން ހެއުލަފާ ކިޔަމަންތެރީން، ތަށްޓަކުން ބޮއެވެ. އެއާއި އެކުލެވި އެއްކުރެވިގެންވާ އެއްޗެއް ކަމުގައި ކާފޫރުވެއެވެ. އެއީ މާތް ﷲ ގެ (ކިޔަމަންތެރި) އަޅުން އެއިން ބުއިމަށް އޮތް ފެންއާރަކުންނެވެ. އެބައިމީހުން އެފެންއާރުން އެދޭގޮތެއްގެ މަތީން، ފެންގެނެސްގަނެއެވެ. އެބައިމީހުންނީ ނަދުރުފުއްދާ މީހުންނެވެ. އަދި، އެދުވަހެއްގެ ނުރައްކާތެރިކަން ދުރަށް ފެތުރިގެންވާ ދުވަހަކަށް (ގިޔާމަތް ދުވަހަށް) އެބައިމީހުން ބިރުވެތިވެއެވެ."

މިއާޔަތުން ދޭހަވާ ގޮތުގައި އެބައިމީހުން ނަރަކައިގެ ޢަޛާބުން ސަލާމަތްވެ، ސުވަރުގޭގެ އަހްލުވެރިންނަށް ވުމަށް މެދުވެރިވި ސަބަބަކީ، އެބައިމީހުން ގިޔާމަތް ދުވަހުގެ ކަންތައްތަކާމެދު ބިރުވެތިވެ، އެބައިމީހުން ގެ ނަދުރުތައް ފުއްދާ ބަޔަކަށްވީތީވެ އެވެ.

ނަދުރުގެ ވައްތަރުތައް:

1. ނަދުރު މަމްދޫޙު (އެދެވިގެންވާ ނަދުރުތައް): އެއީ: ވަކިކަމަކާ ގުޅުވުމެއް ނެތި، މާތް ﷲ އަށް ކިޔަމަންތެރިކަން އަދާ ކުރުމުގެ ގޮތުން ބުނެވޭ ނަދުރެވެ. އިންސާނާ އޭނާގެ ނަފްސަށް އެކަން ލާޒިމް ކުރަނީ މާތް ﷲ އަށް ކުއްތަންވުމަށާއި، ހެޔޮކަންތައް ކުރުމުގައި ފަރުވާކުޑަކުރުން ދޫކޮށް ލުމަށްޓަކައެވެ. އަދި އެކަލާންގެ ދެއްވާފައިވާ ގިނަގުނަ ނިޢުމަތް ތަކަށް ޝުކުރުވެރި ވުމުގެ ގޮތުންނެވެ.

2. ނަދުރު މަޛްމޫމް ނުވަތަ މަންހީ ޢަންހު (އެދެވިގެންނުވާ ނުވަތަ ބުނެގެން ނުވާނެ ނަދުރު): އެއީ: ކަމަކާއި ގުޅުވައިގެން ބުނެވޭ ނަދުރެވެ. ވަކިކަމެއެ މެދުވެރިވެއްޖެ ނަމަ ޝުކުރުވެރިވުމުގެ ގޮތުން މިވެނި ކަމެއް ކުރާނަމޭ ބުނުން ފަދަ ކަންތަކެވެ. އެކަމެއް މެދުވެރި ނުވެއްޖެނަމަ އެމީހަކު އެބުނި ހެޔޮކަމެއް ނުކުރެއެވެ. މިޘާލަކަށް: ތިމަންނާގެ ކިބައިގައި މިހުރި ބަލިން ސަލާމަތްވެއްޖެނަމަ ތިން ދުވަހު ރޯދަ ހިފާނަމޭ ބުނުން، އޭނާ އެބުނިފަދައިން އެބަލިން ފަސޭހަ ނުވެއްޖެނަމަ އެބުނި ރޯދަ އެއް ނުހިފާނެއެވެ. މިފަދަ ނަދުރު ބުނުމަކީ އިސްލާމް ދީނުގައި އެދެވިގެންވާ ކަމެއް ނޫނެވެ.ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. " لا تَنْذروا ، فإن النذر لا يغني من القدر شيئا ، وإنما يستخرج به من البخيل " رواه مسلم، ޙަދީޘް ނަމްބަރު3096، މިއީ އަލްއިމާމް މުސްލިމް ރިވާކުރެއްވި ޙަދީޘް އެކެވެ. މާނަ އަކީ: " ތިޔަބައިމީހުން ނަދުރު ނުބުނާ ހުށިކަމެވެ. ހަމަކަށަވަރުން ނަދުރު ބުނުމަކުން ގަދަރުގައި ލިޔުއްވި ކަނޑަ އެޅިގެންވާ ކަމެއް ބަދަލެއް ނުވާނެއެވެ. ހަމަ ކަށަވަރުން ނަދުރު ގެ ބަސް ބަޚީލެއްގެ (ދަހި މީހެއް)ގެ އަނގައިން މެނުވީ ބޭރުނުވާ ހުއްޓެވެ". وعن عبد الله بن عمر رضي الله عنهما قال : أخذ رسول الله صلى الله عليه وسلم ينهانا عن النذر ويقول : " إنه لا يرد شيئا ، وإنما يستخرج به من الشحيح " رواه البخاري ومسلم . މިއީ އަލްއިމާމް ބުޚާރީ އާއި މުސްލިމް ރިވާ ކުރެއްވި ޙަދީޘް އެކެވެ. މާނަ އަކީ: "މާތް ﷲ ރުއްސުން ލެއްވި ޢަބްދުﷲ ބިން ޢުމަރު ވިދާޅުވިއެވެ. ތިމަންމެންނަށް ނަދުރު ބުނުން ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަ މަނާ ކުރެއްވި އެވެ. އަދީ ޙަދީޘް ކުރައްވައެވެ. ހަމަ ކަށަވަރުން އެކަމަކުން (ނަދުރު ބުނުމަކުން) އެއްވެސް ކަމެއް ބަދަލެއް ނުވާނެއެވެ. ހަމަ ކަށަވަރުން އެނިކުންނާނީ ޝަޙީޙް(ދަހި ކަން ބޮޑު) މީހެއްގެ އަނގައިންނެވެ.

މިތަނުގައި ނަދުރުބުނުން މަނާ ކުރައްވާފައިވުމުގެ ޙިކްމަތަކީ އެމީހަކު ހެޔޮ ޢަމަލު ކުރުމަށް ބުރަހެލިވާތީވެ އެވެ. އޭނާ އެދޭފަދަ ކަމެއް މެދުވެރިވެއްޖެ ނަމަ ހެޔޮ ކަމެއް ކުރަނީ އެވެ. އެކަމެއް މެދުވެރި ނުވެއްޖެނަމަ އެބުނި ހެޔޮ ކަންތައް ނުކޮށް ދޫކޮށްލަނީއެވެ. މިއީ ދަހި މީހުން ގެ ޞިފަ އެކެވެ. އެހެނީ އެމީހުން ގެ މުދަލުން ހޭދަ އެއް ކުރާނީ އޭގެ ބަދަލުގައި ކޮންމެވެސް ކަމެއެ އޭނާ އަށް ޙާޞިލްވާ ކަމަށްވަނީނަމަ އެކަންޏެވެ. އެހެންނޫންނަމަ އޭނާ ގެ މުދަލުން ހޭދަ އެއް ނުކުރެއެވެ. ބައެއް މީހުން ގަބޫލު ކުރާ ގޮތުގައި ވަކިކަމަކަށް އެދި ނަދުރުބުނުމުން އެކަމެއް ޙާޞިލްވުން މަޖްބޫރުވެދެއެވެ. އަދި މާތް ﷲ އޭނާ އެއެދުނު ކަންތައް ޙާޞިލް ކޮށް ދެއްވާނެ އެވެ. އަދި ބައެއް މީހުން ގަބޫލު ކުރާ ގޮތުގައި ނަދުރަކީ ގަޟާ ގަދަރު ގައި ވާ ކަންތައް ބަދަލުކޮށްލާނެ ކަމެކެވެ. އަދި އެމީހުންނަށް އަވަސް ގޮތެއްގައި އެ އެދުނު ކަންތައް ޙާޞިލް ވުމަށް މެދުވެރިވާ ކަމެކެވެ. އެހެން ކަމުން މިފަދަ ޢަގީދާ ތަކަށް ރައްދު ދެއްވައި ޙަގީގަތަކީ އެއީއެއް ނޫން ކަން ކީރިތި ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމް މިވަނީ ބަޔާން ކޮށް ދެއްވާފައެވެ.

ނަދުރުބުނުމުގެ ޙުކުމް:

· މަޝްރޫޢު (މަމްދޫޙު ނަދުރެއް) ބުނެފިނަމަ އެނަދުރެއް ފުއްދުމަކީ ވާޖިބު ކަމެކެވެ. މާތް ﷲ ވަޙީކުރައްވައެވެ. ))ثم ليقضو تفثهم وليوفو

نذورهم(( الحج: ٢٩ މާނައީ: " ދެން އެއަށްފަހު އެމީހުން ގައިވާ ހަޑިކަމަކާއި (ކުށްތައް) ފިލުވާހުއްޓެވެ. އަދި އެމީހުން އަދާކުރަންޖެހިފައިވާ ކަންތައް (ނަދުރުތައް) އަދާކުރާ ހުއްޓެވެ. " ކީރިތި ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވި އެވެ. " من نذر أن يطيع الله فليطعه ، ومن نذر أن يعصيه فلا يعصيه " رواه البخاري ނަމްބަރު 6202، އަލްބުޚާރީ ރިވާ ކުރެއްވި މި ޙަދީޘް ގެ މާނަ އަކީ: "ތިޔަބައިމީހުން ގެ ތެރެއިން މީހަކު ކިޔަމަން ތެރިކަމުގެ ގޮތުން ނަދުރެއް ބުނެފިނަމަ އެނަދުރެއް ފުއްދާ ހުށިކަމެވެ. އަދި އުރެދުމުގެ ނަދުރެއް ބުނެފިނަމަ އެނަދުރެއް ނުފުއްދާ ހުށިކަމެވެ". މިތަނުގައި އުރެދުމުގެ ނަދުރޭ ބުނެވިފައި މިވާ ބަހުގެ މާނަ އަކީ ޙަރާމް ކަމެއް ނުވަތަ އެދެވިގެން ނުވާފަދަ ކަމެއް ކުރުމަށް ނަދުރު ބުނުމެވެ. މިޘާލަކަށް މީހަކު މަރާލުމަށް ނަދުރު ބުނުން ފަދަ ކަންތައްތައް.މިފަދަ ނަދުރު ފުއްދާކަށް ނުޖެހޭނެއެވެ.

ކަމެއް ކުރުމަށް ނަދުރު ބުނުމަށް ފަހު ދިމާވި ޙާލަތަކާއި ހުރެ އެނަދުރެއް ނުފުއްދިއްޖެ ކަމަށް ވަނީ ނަމަ ހުވަޔާ ޚިލާފުވުމުން ދޭން ޖެހޭ ކައްފާރާ ދޭން ޖެހޭނެއެވެ. އިބްނު ޢައްބާސް ވިދާޅުވިކަމަށް ރިވާވެގެންވެ އެވެ. "من نذر نذرا لا يطيقه فكفارته كفارة اليمين". މާނަ އަކީ: "ކުޅަދާނަ ކަން ލިބިގެން ނުވާފަދަ ކަމަކަށް ނަދުރުބުނެ، އެކަމެއް ނުކުރެވިއްޖެނަމަ ހުވަޔާ ޚިލާފް ވުމުން ދޭން ޖެހޭ ކައްފާރާ އެމީހެއްގެ މައްޗަށް ލާޒިމް ވެއްޖެ އެވެ".

· މާތް ﷲ އަށް އުރެދުމެއްވާ ފަދަ ކަމެއްގައި ނަދުރެއް ބުނެފިނަމަ، އެނަދުރެއް ފުއްދާކަށް ނުޖެހޭނެއެވެ. އެހެންނަމަވެސް އިސްވެބުނެވުނު ހުވަޔާ ޚިލާފުމުން ދޭން ޖެހޭ ކައްފާރާ އެމީހެއްގެ މައްޗަށް ލާޒިމް ވާނެއެވެ.

ސުވާލުގައި އައިސްފައިވާ ފަދައިން ރޯދަ ހިފުމަށް ނަދުރު ބުނެފި ކަމަށް ވަނީ ނަމަ އެނަދުރެއް ފުއްދަންވާނެ އެވެ.

ނޯޓް: ހުވަޔާ ޚިލާފް ވުމުން ދޭން ޖެހޭ ކައްފާރާ އަކީ:

1. ދިހަ މިސްކީނުންނަށް ކާން ދިނުން (ކޮންމެ މިސްކީނަކަށް އެރަށެއްގައި ޢާދަވެގެން ކައި އުޅޭ ބާވަތަކުން ދޮޅު ކިލޯ)، މިޘާލަކަށް އެރަށެއްގެ އަހްލުވެރިން އާންމުކޮށް ކައި އުޅެނީ ހަނޑޫ ކަމަށް ވަނީ ނަމަ ހަނޑޫ ދިނުން.

ހުސްހަނޑޫ ދިނުމުގެ ބަދަލުގައި ކައްކާފައި މިސްކީނުން ބަނޑުފުރެންދެން ކާންދިން ކަމުގައިވީނަމަވެސް ފުދޭނެއެވެ.

2. ނުވަތަ އަންނައުނު ދިނުން، ކޮންމެ މިސްކީނަކަށް ވެސް ނަމާދު ޞައްޙަވާ ވަރުގެ ހެދުމެއް ދިނުން.

3. ނޫންނަމަ މުއުމިން އަޅަކު މިނިވަން ކުރުން.

4. އިސްވެ ބަޔާން ކުރެވުނު ކަންތަކުން ކަމެއް ކުރުމަށް ނުކުޅެދިއްޖެ ކަމަށް ވަނީ ނަމަ ވިދިވިދިގެން ތިން ދުވަހު ރޯދަ ހިފުން. އެއްވެސް ދުވަހެއް މެދު ކެނޑިއްޖެ ނަމަ އަލުން ފަށަން ޖެހޭނެ އެވެ.

ޖުމްހޫރު ޢިލްމުވެރިން ދެކިލައްވާ ގޮތުގައި މިސްކީނުންނަށް ކާންދިނުމުގެ ބަދަލުގައި ނުވަތަ އަންނައުނު ދިނުމުގެ ބަދަލުގައި ފައިސާ ދިނުމަކުން ކައްފާރާ އަކަށް ނުފުދޭނެ އެވެ. ސަބަބަކީ ﷲ ތަޢާލާ އަންގަވާފައިވަނީ ކާންދިނުމަށް ނުވަތަ ހެދުން (އަންނައުނު) ދިނުމަށެވެ. އެތަކެތީގެ އަގަށްވާ ފައިސާ ދިނުމަކަށް ނޫނެވެ.

ދެވަނަ:

ވިދިވިދިގެން ވަކި މުއްދަތެއް ވަންދެން ރޯދަ ހިފުމަށް ނަދުރުބުނެ، ބައްޔެއް ނުވަތަ ދަތުރެއްގެ ސަބަބުން ރޯދަ ހިފުން މެދު ކެނޑިއްޖެނަމަ، އަލުން ފަށާނީތޯ ނުވަތަ މެދުކެނޑު ހިސާބުން ކުރިޔަށް ގެންދާނީތޯ، މި މައްސަލާގައި ޢިލްމުވެރިންގެ ޚިޔާލު ތަފާތުވެފައިވެއެވެ.

ޙަންބަލީ މަޛްހަބުގެ ރައުޔަކީ: ރަމަޟާން މަހުގެ ރޯދަ ދޫކޮށްލުން ހުއްދަވާ ވަރުގެ ކަމެއް މެދުވެރި ވެގެން ނަދުރު ރޯދަ އެއް ދޫކޮށްލައިފިނަމަ އަލުން ފަށާކަށް ނުޖެހޭނެއެވެ. މެދުކެނޑުނު ހިސާބުން ކުރިޔަށް ގެންދިޔުމުން ރަގަޅުވާނެއެވެ. ނަމަވެސް އެފަދަ ޢުޛުރެއް ނެތި ނަދުރު ރޯދަ މެދު ކަނޑާލައިފި މީހާ އަލުން ފަށަން ޖެހޭނެއެވެ. އެނޫން ކައްފާރާ އެއް އެމީހެއްގެ މައްޗަކަށް ނެތެވެ.

ފަތާވާ އައްލަޖްނަތުއްދާއިމާގެ (21/320) ގައި އައިސްފައިވެއެވެ.

"ގަޞްދުގައި ނޫން ގޮތަކަށް މީހަކު މަރާލައިފި މީހާގެ މައްޗަށް ވާޖިބު ވެގެންވަނީ ވިދިވިދިގެން ދެމަސް ދުވަހު ރޯދަ ހިފުމެވެ. ނަމަވެސް ރޯދަ ނުހިފޭވަރަށް ބަލިވެއްޖެނަމަ، ނުވަތަ އަންހެނަކު ޙައިޟުވެއްޖެނަމަ، ނުވަތަ މިނޫންވެސް ޝަރްޢީ ޢުޛުރެއް މެދުވެރިވެގެން ރޯދަ ހިފުން މެދުކެނޑިގެން ދިޔައަސްވެސް އަލުން ފަށާކަށް ނުޖެހޭނެއެވެ. ނިންމާލި ހިސާބުން ކުރިޔަށް ގެންދާނީއެވެ. އަލުން ފަށާކަށް ނުޖެހޭނެއެވެ." والله أعلم

ބުރަ މަސައްކަތް ކުރަން ޖެހުމުގެ ސަބަބުން ރޯދަ ދޫކޮށްލުން

އަޅުގަޑުމެންނަކީ ހުޅަނުގެ ގައުމެއްގައި ދިރިއުޅޭ ބަޔަކީމެވެ. މިރަށުގެ އަހްލުވެރިން ރޯދަ އަކަށް އަދި ރޯދަވެރިންނަކަށް އެއްވެސް ފަރުވާލެއް ނުބަހައްޓައެވެ. އަޅުގަޑުގެ ފިރިމީހާ އަކީ ފާމަސިސްޓް ކަން ކިޔަވާ ދަރިވަރެކެވެ. މިއީ އޭނާގެ ފައިނަލް އަހަރެވެ. މިއަހަރުގައި ޖެހެނީ މަސައްކަތުގެ ތަޖްރިބާ ހޯދާށެވެ. އަޅުގަޑުމެންނަށް ދިމާވާ ދައްޗަކީ މަސައްކަތް ކުރާ ތަނަށް ކާރުގައި ދަތުރުކޮށްފައި ދެވެނީ ގަޑިއެއްހާ އިރު ދުއްވާފައެވެ. އަދި އެތަނަކީ ބަލިމީހުން ފުނި ޖެހިފައި އޮންނަ ތަނެކެވެ. އަޅުގަޑުގެ ފިރިމީހާ އަށް ބޮލުގައި ރިއްސާ، ބޯއަނބުރާ ކަންތައް ތަކެއް ދިމާވިއެވެ. ބައެއް ފަހަރަށް ބަލި މީހުންނަށް ނުބައި ބޭސްތަކެއްވެސް ދެވިފައި އެބަހުއްޓެވެ. އެހެންވެ، އޭނާ ވިސްނަމުންދަނީ މިދުވަސްކޮޅު ރޯދަ ނުހިފާ ދޫކޮށްލުމަށެވެ. އޭނާ މަސައްކަތުގައި މެދުނުކެނޑި 12 ގަޑި އިރު އުޅެން ޖެހެއެވެ. ވީމާ، ސުވާލަކީ އޭނާގެ ކިޔެވުމުގެ ފަހު އަހަރު ނިންމާލުމަށްފަހު ރޯދަތައް ގަޟާ ކުރާ ގޮތަށް ރޯދަ ދޫކޮށްލެވިދާނެ ހެއްޔެވެ؟

الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد

ރޯދަ އަކީ ދީނުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. މިކަން ގުރްއާނުންނާއި ސުންނަތުން އަދި އުއްމަތުގެ އިޖްމާޢިން ޘާބިތުވެއެވެ. އެހެންކަމުން، ބައްޔެއްވެގެން ނުވަތަ ދަތުރެއްގެ މަތީގައި ވުން ފަދަ ޝަރްޢީ ޢުޛުރެއް މެދުވެރިވެގެން މެނުވީ ރަމަޟާން މަހުގެ ރޯދަ ދޫކޮށެއް ނުލެވޭނެއެވެ. ރޯދަ އަށް ހުންނަ ވަގުތު ދަތި އުނދަގޫ ތަކަކާ ކުރިމަތިލާން ޖެހިދާނެއެވެ. އެހެންނަމަވެސް، އެފަދަ ކަންތަކަށް ޖެހޭނީ ކެތްތެރިވާށެވެ. އަދި ﷲ ގެ ޙަޟްރަތުން ވާތްގަށް އެދޭށެވެ. ރޯދަ އަށް ހުއްޓާ ކަރުހިއްކައިގެންފިނަމަ ބޮލަށް ފެން އެއްޗެއް އަޅާ އަނގަޔަށް ފެންލާ ހެދުމަކީ އެންމެ ރަގަޅު ކަންތައްތަކެވެ. ކަރު ހިއްކައިގެން ގަތީނުން ފެން ނުބޮއިފިނަމަ މަރުވެދާނެކަމަށް ނުވަތަ ހަށިގަނޑަށް ބޮޑު ގެއްލުމެއް ވެދާނެ ކަމުގެ ބިރުވެރިކަން އޮވެއްޖެނަމަ، ރޯދަ ދޫކޮށްލުން ހުއްދަވެގެންވެއެވެ. އެހެންނަމަވެސް، ފަހުން މިރޯދަތައް ގަޟާ ކުރަން ޖެހޭނެއެވެ.

ތިމާ އަށް ދިމާވާ ދައްޗަކީ އަދާ ކުރާ ވަޡީފާ ކަމުގައި ވަނީނަމަ، ރަމަޟާން މަހާއި ދިމާކޮށް ޗުއްޓީ ނެގިދާނެއެވެ. ނުވަތަ މަސައްކަތް ލުއިކޮށްލެވިދާނެއެވެ. ނޫންނަމަ ތަންކޮޅެއް ފަސޭހަ މަސައްކަތަކަށް ބަދަލު ކޮށްލެވިދާނެއެވެ.

ސަޢޫދީގެ އިފްތާ ކޮމިޓީގެ ބޭފުޅުން މިމައްސަލާގައި ވިދާޅުވެފައިވެއެވެ.

ދީނުގައި ކޮންމެހެން އެނގެންޖެހޭ ކަންތައްތަކުގެ ތެރޭގައި ކޮންމެ މުކައްލަފަކުވެސް ރަމަޟާން މަހު ރޯދަ ހިފަން ޖެހޭކަން ދަންނަން ޖެހެއެވެ. އަދި ރޯދަ އަކީ އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން ރުކުނެއްވެސް މެއެވެ. ﷲ ތަޢާލާ ތިމާގެ މައްޗަށް ފަރްޟު ކުރައްވާފައިވާ ރޯދަ ހިފުމަށްޓަކައި ގަދައަޅާ މަސައްކަތް ކުރުމަކީ ކޮންމެ މުކައްލަފެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. ﷲ ގެ ޙަޟްރަތުން ދެއްވާ ދަރުމަ އާއި ޘަވާބަށް އެދިގެންނެވެ. ދުނިޔޭގެ ނަޞީބުގެ މަތިން ހަނދާން ނައްތާލުމެއް ނެތިއެވެ. އަދި އާޚިރަތަށް ވުރެ ދުނިޔެ އިސްކުރުމެއްވެސް ނެތިއެވެ. ﷲ ފަރްޟު ކުރައްވާފައިވާ ފަރްޟު އަދާ ކުރުމާއި ތިމާ ދުނިޔޭގައި ދިރިއުޅުމަށް ކުރާ މަސައްކަތާއި ފުށު އަރަނީނަމަ، އެދެކަންތައް އެއްކޮށް ގެންދެވޭނެ ފަދަ ގޮތެއް ރާވަން ޖެހޭނެއެވެ. އެގޮތުން ދުނިޔޭގައި އުޅުމަށް މަސައްކަތް ކުރާ ވަގުތަކީ ރޭގަނޑު ކަމުގައި ހަމަޖެއްސިދާނެއެވެ. އެގޮތަށް އެކަންވާން ނެތިއްޖެނަމަ ރަމަޟާން މަހު ޗުއްޓީ ނެގިދާނެއެވެ. ނޫންނަމަ މުސާރަ ނުލިބޭ ގޮތަށްވެސް ޗުއްޓީ ނެގިދާނެއެވެ. އެގޮތަށްވެސް އެކަން ވާން ނެތިއްޖެނަމަ ދެކަންތައް އެއްކޮށް ކުރެވޭނެ ކަހަލަ ވަޡީފާ އެއް ހޯދިދާނެއެވެ. އާޚިރަތަށް ވުރެ ދުނިޔެ އަށް އިސްކަމެއް ނުދެވޭނެއެވެ. ދުނިޔޭގައި އުޅެން ކުރެވިދާނެ މަސައްކަތްތައް ބައިވަރެވެ. ސޫރަތުއް ޠަލާގްގެ 2-3 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވަނީ މިފަދައިންނެވެ. (وَمَن يَتَّقِ اللَّـهَ يَجْعَل لَّهُ مَخْرَ‌جًا ﴿٢﴾ وَيَرْ‌زُقْهُ مِنْ حَيْثُ لَا يَحْتَسِبُ ۚ وَمَن يَتَوَكَّلْ عَلَى اللَّـهِ فَهُوَ حَسْبُهُ ۚ إِنَّ اللَّـهَ بَالِغُ أَمْرِ‌هِ ۚ قَدْ جَعَلَ اللَّـهُ لِكُلِّ شَيْءٍ قَدْرً‌ا ) މާނައަކީ: " އަދި اللَّه އަށް تقوى ވެރިވާމީހާ (ދަންނާށެވެ!) އެކަލާނގެ އޭނާޔަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ. އަދި ހީވެސްނުކުރާފަދަ ގޮތްގޮތުން އެކަލާނގެ އޭނާޔަށް رزق ދެއްވާނެތެވެ. އަދި اللَّه އަށް وكيل ކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާޔަށް އެކަލާނގެ ފުދެއެވެ. ހަމަކަށަވަރުން، اللَّه އީ، އެކަލާނގެ أمر ފުޅު ހިންގަވައި، ފުރިހަމަކުރައްވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، اللَّه ކޮންމެ އެއްޗަކަށް މިންވަރެއް ކަނޑައަޅުއްވާފައިވެއެވެ."

ތިމާ ދުނިޔޭގައި އުޅެން ކުރެވޭނެ އިތުރު މަސައްކަތެއް ނެތިއްޖެނަމަ، ނުވަތަ ދިރިއުޅޭ ގައުމުގެ އަނިޔާވެރި ގާނޫނު ތަކުގެ ސަބަބުން ދީނީ ޝިޢާރުތައް ގާއިމް ކުރަން އުނދަގޫ ކަމަކަށް ވެއްޖެނަމަ އެމީހެއްގެ ދީން ހިފައިގެން އެރަށަކުން ނިކުތުން ރަގަޅެވެ. ﷲ ގެ ބިން ތަނަވަސްވެގެންވެއެވެ. ސޫރަތުއް ނިސާގެ 100 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَمَن يُهَاجِرْ‌ فِي سَبِيلِ اللَّـهِ يَجِدْ فِي الْأَرْ‌ضِ مُرَ‌اغَمًا كَثِيرً‌ا وَسَعَةً) މާނައަކީ: " اللَّه ގެ މަގުގައި هجرة ކުރާ މީހަކަށް، ބިމުގައި هجرة ކޮށްއުޅޭނެ ގިނަތަންތަނާއި، ތަނަވަސްކަން ފެންނާނެތެވެ." ސޫރަތުއް ޒުމަރުގެ 10 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (قُلْ يَا عِبَادِ الَّذِينَ آمَنُوا اتَّقُوا رَ‌بَّكُمْ ۚ لِلَّذِينَ أَحْسَنُوا فِي هَـٰذِهِ الدُّنْيَا حَسَنَةٌ ۗ وَأَرْ‌ضُ اللَّـهِ وَاسِعَةٌ ۗ إِنَّمَا يُوَفَّى الصَّابِرُ‌ونَ أَجْرَ‌هُم بِغَيْرِ‌ حِسَابٍ) މާނައަކީ: " ކަލޭގެފާނު ވިދާޅުވާށެވެ! އޭ إيمان ވި، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން تقوى ވެރިވާށެވެ! މިދުނިޔޭގައި ހެޔޮކޮށް ކަންތައްކުޅަމީހުންނަށް ހެޔޮދަރުމަހުށްޓެވެ. އަދި اللَّه ގެ ބިންވަނީ ތަނަވަސްވެގެންނެވެ. ކެތްތެރިންނަށް އެއުރެންގެ ދަރުމަ ދެއްވާހުށިކަން ކަށަވަރީ حساب އެއްނެތިއެވެ." والله أعلم


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން