ބޭންކް އޮފް މޯލްޑިވްސްއަށް ނުވަތަ ބީއެމްއެލަށް ދިވެހީން ބަރޯސާވެ އަދި ޚިދުމަތް ހޯދުމުގައި ގިނަ ދިވެހީން އެބޭންކަށް އިސްކަން ދެނީ ސަބަބު ތަކެއް ނެތިއެއް ނޫނެވެ. މީގެ އެންމެ ބޮޑު ސަބަބަކީ ދިވެހި ގައުމީ ބޭންކްގެ ނަމުގައި އަދި ދިވެހި ގައުމީ ބޭންކްގެ ގޮތުގައި، ދިވެހީންގެނަން ބޭނުންކޮށްގެން އެބޭންކް ހިންގުމެވެ. މީގެއިތުރުން އެބޭންކަކީ ދިވެހީންގެ ގައުމީ ބޭންކަށްވާތީ ރާއްޖޭގައި ހިންގާ އެހެން ބޭންކް ތަކަށް ނުލިބޭ އިނާޔަތްތަކަކާއި ޚާއްޞަ ކަމަކާއި އިތުރު މަންފާތަކެއް ސަރުކާރާއި ދުނިޔޭގެ މާލީ އިދާރާތަކުން އެބޭންކަން ލިބެނީވެސް މިސަބަބުތަކަށް ޓަކައެވެ. އެބޭންކުގެ ހިއްސާ ގަނެގެން ގިނަ ދިވެހީން އެވިޔަފާރީގައި ބައިވެރިވެ ތިބީވެސް އެހެން ވެގެންނެވެ. އަދި އާންމު ރައްޔިތުންނަށް އާންމުގޮތެއްގައި މާލީ ގޮތުން ދައުލަތުން ނޫނީ ސަރުކާރުން ލިބިދޭން ޖެހޭ ނޫނީ ފޯރުކޮށްދޭން ޖެހޭ ފަސޭހަތަކާއި އެހީތެރިކަން ހޯދުމަށް ރައްޔިތުން ބީއެމްއެލް އިހުތިޔާރު ކުރާ އެންމެ ބޮޑު އެއް ސަބަބަކީ ވެސް އެއީއެވެ. ބޭންކުން ރައްޔިތުންނަށް އެޚިދުމަތްތައް ދެނީ ވެސް އެހެން ވެގެންނެވެ. މިއީ ގިނަ ދިވެހީން ދަންނަ ކަންކަމެވެ.

ދިވެހި ގައުމީ ބޭންކޭ ކިޔާފައި ދިވެހީން އެބޭންކުން އެއްވެސް ޚިދުމަތެއް ހޯދަނީ ހިލެއަކު ނޫނެވެ. ކިތަންމެ ކުޑަ ކުޑަ ލޯނެއް ނެގިޔަސް އެލޯނު ދެނީ ބޮޑު އިންޓަރަސްޓް ނުވަތަ ފައިދާ ލިބޭ ގޮތަށެވެ. ފައިސާގެ މުއާމަލާތް ކުރަން ކޭޝް ކާޑް ނުވަތަ ކްރިޑިޓް ކާޑުގެ މުއާމަލާތްތައް ހިންގަނީވެސް ހިލެއަކު ނޫނެވެ. ހަމަ ބޮޑުކޮށް އިންޓަރަސްޓް ނަގައިގެންނެވެ. މިއީ ރައްޔިތުންނަށް މިއަދު ކިޔައިދީ ބުނެދޭން ޖެހޭ ވަރަށްވުރެ ރައްޔިތުން މާ ފަރިތަ ވާހަކަ ތަކެކެވެ. އެހެންވީމާ މި ވާހަކަތައް ބަހައްޓާފައި އަޅުގަނޑު ދައްކާން މިއުޅޭ ވާހަކައަށް ޖެހިލާނަމެވެ.

ދިވެހި ރާއްޖެއަށް ބޭރުފައިސާ ވަންނަ އެންމެ މުހިންމު ނުވަތަ މައިގަނޑު ވިޔަފާރިއަކީ ފަތުރުވެރިކަމުގެ ވިޔަފާރިއެވެ. ދިވެހީން ބާނާ މަސްކޮޅު ވިއްކައިގެން ވެސް ކޮންމެވެސް އެއްޗެއް ނުލިބެއެކޭ ނޫނެވެ. މިދެންނެވި ބޭރުފައިސާ ވަންނަ ވިޔަފާރި ހިންގަނީ ދިވެހި ރައްޔިތުންގެ ބިންތަކުގައެވެ. ރިސޯޓްތައް ހަދަން ދައުލަތުން، ސަރުކާރުން ކުއްޔަށް ދޫކުރާ ރަށްތަކަކީ ދިވެހީންގެ މިލްކެވެ. އެހެންވީމާ އެއިން ލިބޭ ނަފާއިން ގައުމު ހިންގާފައި ދިވެހީންނަށްވެސް އެއްޗެއް ދޭން ޖެހޭނެކަން އެއިރަކު އޮންނަ ސަރުކާރަކުން ވެސް ގަބޫލުކުރާނެއެވެ. ނޫނީ ކުރާން ޖެހޭނެއެވެ. އެހެންވީމާ ދިވެހި ވިޔަފާރިތަކަށް ބޭނުންވާ ފައިސާގެ އިތުރުން ދިވެހީންގެ އަމިއްލަ ބޭނުންތަކަށް ބޭނުންވާ ބޭރުފައިސާ ވެސް ލިބޭނެ މަގެއް ސަރުކާރުން އޮންނަނީ ފަހިކޮށްދީފައެވެ. ގިނަ ބަޔަކަށް އެނގިފައި އޮންނަ ގޮތުން އެކަން ހަވާލުކޮށްފައި އޮންނަނީ މިދެންނެވި ދިވެހި ގައުމީ ބޭންކާއެވެ.

ބޭންކް އޮފް މޯލްޑިވްސް ނުވަތަ ދިވެހި ގައުމީ ބޭންކުން އެންމެ ގިނަ ދިވެހީން ހޯދާ އެއް ޚިދުމަތަކީ ކޭޝް ކާޑާއި ކްރިޑިޓް ކާޑުގެ ޚިދުމަތެވެ. އެޚިދުމަތް ދިވެހީން ހޯދަނީ ހަމައެކަނި ރާއްޖޭގައި އެކާޑު ބޭނުން ކުރުމަކަށް ނޫނެވެ. ބޭރު ގައުމުތަކަށް ގޮސް އުޅޭއިރުއާއި ބޭރުގައުމުތަކުގައި ދިރިއުޅޭ އިރުއާއި ބައިނަލްއަޤްވާމީ މާލީ މުއާމަލާތްތަކުގައި ވެސް އެކާޑުތައް ބޭނުން ކުރެވޭތީއެވެ. އެކަމަކު އެއީއަކީވެސް ހިލެއަކު ނޫނެވެ. ކާޑު ބޭނުންކޮށްގެން ކުރާ ކޮންމެ މުއާމަލާތަކަށް ބޮޑު އަގު ދީފައެވެ. ބޭންކަށް ވެސް ބޮޑު ފައިދާ ލިބޭ ގޮތަށެވެ. މިއީ ވެސް ގިނަ ދިވެހީން ނިކަން ފަރިތަ މައުލޫމާތެކެވެ.

ބޭންކުން ދޫކުރާ މިދެންނެވި ކާޑު ތަކުގެ ޚިދުމަތް ދިވެހީން ބޭނުން ކުރަނީ ވަރަށް މުހިންމު ބޭނުން ތަކުގައެވެ. އެއީ ހިލޭ ބަޔަކު ދޭ ފައިސާއެއް ނޫން ވީމައެވެ. ކޭޝް ކާޑު ވިއްޔާ ބޭނުން ކުރެވެނީ އަމިއްލަ އެކައުންޓްގައި ހުންނަ ފައިސާއެވެ. ކްރިޑިޓް ކާޑު ވިއްޔާ ބޮލުގައި އެޅިފައި އޮންނަ ބޮޑު ދަރަންޏެއް ގޮތަށް ދެކިގެންނެވެ. ބޮޑު އިންޓަރެސްޓް ނަގާނެކަން ވެސް ދެނެ ތިބެއެވެ.

ނަމަވެސް މިފަހަކަށް އައިސް މި ކާޑަކީ އާންމު ދިވެހީންނަށް މާބޮޑު ބޭނުމެއް ކުރެވޭ އެއްޗަކަށް ނުވެއެވެ. އޭއްޗެއް މިހާރު ދީފައި އޮންނަނީ ހަސަނަށް އޮޑިދޭ ބީދައިންނެވެ. ދަންނަވަން މިއުޅެނީ އެއީ މިހާރު އާންމު ދިވެހި ރައްޔިތުންނަށް ހަމަ ވަރަށް ބޭކާރު އެއްޗަކަށް ވެފައި ވާ ވާހަކައެވެ. ކާޑު އޮންނަނީ ދީފައެވެ. އެކަމަކު އޭގައި ނެގޭ ގޮތަށް ނޫނީ ބޭނުން ކުރެވޭ ގޮތަށް ދޫކޮށްފައި ހުންނަނީ މަދު ޑޮލަރުކޮޅަކަށްވާ މިންވަރެކެވެ. ރާއްޖެއިން ބޭރުގައި ކިތަންމެ ބޮޑު މުހުތާދެއް ޖެހުނަސް އެކާޑަކުން ކުރެވޭ ކަމެއް ހަމަ ހަރާމެވެ. މިހެން ދެންނެވީމާ އެތަނުގެ މޫނުމަތި ރީތިކުރަން އުޅޭ ކުދިން އެއީ ހުސް ދޮގޭ ބުނެފާނެއެވެ. އެބުނަނީ އެތާނގައި މިހާރު އެހުންނަ ފަރަންޖީ ބޮސް ދިފާޢު ކުރުމަށެވެ. ބޭންކުން ދީފައި އޮންނަ ކަމަށް އެބުނާ ލިމިޓުން ރާއްޖެއިން ބޭރު ގައުމެއްގައި ހަފުތާއަކު ކައިބޮއި ނުހެދޭނެއެވެ. ރަނގަޅަށް ކައިބޮއިފިއްޔާ ދެން ނިދާން ޖެހޭނީ މަގުމަތީގައެވެ. މިއީ ހައްގު ތެދުކަން މީސް މީޑިއާގައި މީހުން ދައްކާފައި އެހެރަ ވާހަކަތައް ބަލައިލީމާ ކޮންމެ މީހަކަށް ވެސް އެނގޭނެއެވެ.

ދިވެހީންގެ ބޭންކުން ދިވެހީންނަށް ދޫކޮށްފައިވާ ކާޑުތައް ބޮޑުތަޅުއަޅުވައި ބަންދުކޮށް އިސްކުރުލައި ލިމިޓް ކުރީ ކޯވިޑްގެ އާލަމީ ވަބާގައި ރަންބިސް އަޅާ ކުކުޅު ބިސް އެޅުން ހުއްޓާލީމައެވެ. އެކަން އެންމެން ވެސް ގަބޫލުކުރިއެވެ. ދިވެހީންގެ ބޭންކް ހިންގަން ހަވާލުކޮށްފައި އެހުންނަ ޓިމް ސޯޔާ އެކަން ވަރަށް ބަރާބަރަށް ކުރިއެވެ. ކޮށްފައި ބުނީ ކޮންމެހެން ބޭނުންވާ ކަންކަމަށް ބޭނުންވާ ބޭރުފައިސާ ވެސް މަދުވަމުންދާތީ އެކަން ކުރަން ޖެހުނީ ކަމަށެވެ. އެހެންވީމާ އެބުނާހެން ކާޑުކޮޅާ، ތެޔޮކޮޅާ، ބޭސްކޮޅާ، އަލުއިކޮޅާ، ފިޔާކޮޅާ، ބިސްކޮޅު ނުލިބިދާނެތީ ދިވެހީންވެސް އެކަން ގަބޫލުކޮށްގެން މަޑުމަޑުން ތިބީއެވެ.

ޓިމް މިއެޅި ފިޔަވަޅުގެ ސަބަބުން ބޭރުގައި ދިރިއުޅޭ ދިވެހީންނަށާއި ބޭރުގައި ތިބި ކިޔަވާ ކުދީންނަށް ވަރަށް ދަތިވިއެވެ. އެއިން ކާޑަކުން ބޭރަށްދާން ޓިކެޓެއްވެސް ގަނެ ނުލެވެއެވެ. މިހެން ބުނީމާ ވެސް އެތާ އެސޮރުގެ މޫނުމަތި ރީތިކުރަން ތިބޭ ކުދިން ބުނާނީ "އެއީ ހުސްދޮގޭ އެތަނަށް ލިއުނީމާ ލިއުންތައް ފޮނުވީމާ ލިމިޓް ބޮޑޫކޮށްދެއޭ" އެވެ. މިބުނަނީ ހަމަ ހައްގު ތެދެކެވެ. އެބުނާ ލިއުންތައް ލަމުން ލަމުން ގޮސް ނުވިހާ ކުއްޖާގެ ފޫޅުމާ ފޯމު ލާށޭ ބުނެގެން އެލީމާ ވެސް ތިޔަ ބުނާ ޓިމް ޖަހަނީ ރިޖެކްޓެވެ. މީގެ ހެކި ވެސް އެބަހުއްޓެވެ.

ދެން ޓިމް މިސަކަރާތެއް ޖަހަން ފެށީމާ ވީގޮތަކީ އޭގެސަބަބުން ރާއްޖޭގައި ޑޮލަރުގެ ކަޅު ބާޒާރެއް އުފެދި އެ ވިޔަފާރީގެ ޑިމާންޑް ބޮޑުވެ އެހެން ގޮތެއް ނެތިގެން ކަޅުބާޒާރުން ބޮޑު އަގުގައި ދިވެހީންނަށް ޑޮލަރު ގަންނަން މަޖުބޫރުވީއެވެ. ކާޑަކަށް 250 ޑޮލަރު ދިން އިރުވެސް ދިވެހީން ދަތި ހާލުގައި އުޅުނެވެ. އެކަމަކު އޭގެ ދުވަސް ކޮޅެއް ފަހުން އެބުނާ ރަންބިސްއަޅާ ކުކުޅު މަދުމަދުން ބިސް އަޅާން ފަށައިފިއެވެ. މިއަދު އެއްކަލަ ކާޑުގެ ލިމިޓަށް ކުޑަކުޑަ ދުލެއް ދީފައި ޓިމް އެއޮތީ ނިދާފައެވެ. ނޫނީ ފިލައެވެ. މިއަދު ރަންބިސް އަޅާ ކުކުޅު ހެސް ކިޔާފައި އެއޮށްގެން ބިސްއަޅާ ނަގަނީއެވެ. ކުރީގައި ބިސް އަޅައި އުޅުނު ވަރަށް ވުރެވެސް ގިނައިން މިހާރު ބައެއް މަސްމަހު ބިސް އަޅާ ކަމަށް ވެއެވެ. އެހެންވީމާ މިއަދު ކަޅު ބާޒާރުގައި ޑޮލަރަށް ވުރެ ގިނަ އެއްޗެއް ނެތެވެ. އެއްފަހަރާ އެއް މިލިއަން ޑޮލަރު ގަންނާން ބޭނުން ވިޔަސް ކަޅު ބާޒާރުގައި އެއޮތީ ބޭނުން ވަރަކަށް އޭތި ލިބޭށެވެ. އެހެންވީމާ އާންމު ބަހުރުވައިން ދިވެހީން ބުނެ އުޅެނީ މިތާގައި ޑޮލަރު "ބޯކޮށް" އެބައޮތޭ އެވެ.

މިއާއެކު މިއަދު އާންމު ރައްޔިތުން އެބުނާ ޓިމް ސޯޔާއާއި އެންމެ ގިނައިން ކުރާ ސުވާލަކީ، "ކޯވިޑަށް އެޅުވި ޑޮލަރު ލިމިޓް ބޯޑު އަދިވެސް ނަގާކަށް ނުވޭ ހެއްޔެވެ؟ ޓްވިޓާގައާއި އެފްބީ ގައި ވެސް ގިނަ ދިވެހީން މިއަދު އެ ސުވާލު އެބަކުރެއެވެ. ބޭންކް އޮފް މޯލްޑިވްސް ކައިރީގައި އެމީހުން އެއަހަނީ، "ކާޑުގެ ލިމިޓް އަދިވެސް ބޮޑު ކުރާކަށް ނުވޭ ހެއްޔެވެ؟" އެމީހުން އަދި ޓިމް ކައިރީގައި ބުނަނީ "އެއީ ކޯވިޑާ ގުޅިގެން އެޅުވި ބޯޑެއް ވިއްޔާ މިހާރު ނައްޓާކަން ނުވޭ ހެއްޔެ؟" އަދި، "މިހާރު ދެން އެބޯޑެއް ނުނެގިގެން ތިޔަ އުޅެނީ އޭރު އެބުނި ގޮތަށް ކޯވިޑާ ގުޅިގެން ލިބުން ދަތިވި ޑޮލަރު، ދަތިވިގޮތަށް ތާށިވެ ޒަރޫރީ ބޭނުމަށް ބޭނުންކޮށްފާ އާންމު ދިވެއްސަކަށް ދޭވަރަށް އަދިވެސް އެއްޗެއް ނުލިބޭތީ ހެއްޔޭ" ވެސް އެމީހުން އެބަ ސުވާލު ކުރެއެވެ.

އެކަމަކު މިއަޑުތަކެއް ބޭންކަކަށް ވެސް އެބޭންކް ހިންގަން ލާފައި އެހެރެ ޓިމް ސޯޔާގެ ކަންފަތަކަށް ވެސް ނީވެއެވެ. ބައެއް މީހުން ބުނާ ގޮތުގައި އެކަލޭގެއަށް އެއަޑުތައް ނީވެނީ ދިވެއްސަކަށް ނޫންވީމާ ދިވެހި ބަސް ނޭނގޭތީއެވެ. އަނެއް ބަޔަކު ބުނަނީ އެސޮރުގެ ފަރަންޖީ ބަހުރުވައިން ލިޔުނަސް އެސޮރަށް ނޭގޭ ކަމަށެވެ. ވާނީވެސް އެހެންތާއެވެ. އެއީ ދިވެހި ލޭ ހިނގާ ދިވެހި ރައްޔިތެއް ނޫނެވެ. ދިވެހީންގެ މުހުތާދު ތަކެއް ތިޔަ ބުނާ ޓިމަކަށް ނޭނގޭނެއެވެ. އަމުދުން ދިވެހީންނާމެދު އަގަލެއް ކުލުނެއްވެސް އެސޮރުގެ ނުހުންނާނެއެވެ. އެހެން ނޫންނަމަ އެވަރަށް ދިވެހި ރައްޔިތުން އެވާހަކަ ދައްކާއިރު ޓިމުގެ ހިތައް ކޮންމެވެސް އަސަރެއް ކުރާނެކަން ޔަގީނެވެ.

ނޫނީ ދެން އެވަނީ އެހެން ގޮތެކެވެ. އޭނާއަށް މުސާރަ ލިބެނީ ޑޮލަރުން ވީމާ އޭނާއަށް ދަތި ނުވަނީއެވެ. އަދި އޭނާ އެމަގާމު ދިފާއުކުރަން ޑޮލަރުކޮޅުކޮޅު ދޭން ޖެހޭ އިއްޒަތްތެރި މެންބަރުންނަށާއި ވެރީންނަށް "ބޯކޮށް" ޑޮލަރު ދެނީއެވެ. އެހެން ނޫންނަމަ އާންމު ދިވެހި ރައްޔިތުން އެދައްކާ ވާހަކަ އަޑު އިވިގެން ޓިމް ނޫނަސް، އެ އިއްޒަތްތެރިން ޖަލްސާގައި ވެސް އެވާހަކަ ދައްކާނެއެވެ. އެސޮރު ކޮމިޓީއަށް ގެނަސްގެން ވެސް ސުވާލުކޮށް ރޭރުކުރާނެކަން ޔަގީނެވެ. އެހެން ނޫންނަމަ އާންމު ދިވެހި ރައްޔިތުންނަށް ޑޮލަރެއް ނުލިބިގެން، ސަލާން ޖަހައިގެންވެސް ނުލިބުނީމާ ބޮޑު އަގުގައި ގަންނަން ޖެހިގެން އެވާހަކަ ދައްކާއިރު އެމީހުން އަޅައިލީހެވެ. އެމީހުން ޖަލްސާގައި އެވާހަކަ ދެއްކީހެވެ.

މަޖިލީހުގެ މެންބަރުންނަށް އެފަދަ އަޑުތައް އިއްވުމަށް އާންމުކޮށް ރައްޔިތުން ގޮސް އުޅެނީ މަޖިލިސް ދޮށަށެވެ. އެހެންވީމާ ޓިމަށް އެއަޑު އިއްވާން ދާން ޖެހޭނީ ބޭންކް ދޮށަށް ތާއެވެ. ހަމަގައިމުވެސް އޭނާއާއި މަގުމަތީންވެސް ބައްދަލުވާނީ އެތަނަށް ގޮސްގެންތާއެވެ. އެތަނަށް ގޮސް އަނގައިން ބުނަން ބޭނުން ނޫނިއްޔާ، އޭނާއަތަށް އެ ބޭކާރު ކާޑުތައް ހަވާލުކޮށްފައި އަންނާން ވެސް އެތަނަށް ދާންވީއެވެ. ދެން އެނޫން ގޮތަކަށް އެކަން ވާނެ ގޮތެއް އެނގިވަޑައިގަންނަވާ ބޭފުޅަކު އެކަން ރައްޔިތުންނަށް ވިދާޅުދެއްވާށެވެ.

ރައްޔިތުންނަށް އެނގޭ އެއްޗަކީ ބާޒާުރުގައި "ބޯކޮށް" ޑޮލަރު އެބަހުރި ކަމެވެ. ބޮޑު އަގުގައި ގަންނަން ލިބޭ ކަމެވެ. އެކަން ނޭނގެނީ ބޭންކަށާއި އެބޭންކާއި ހަވާލުވެ ހުރި ޓިމަށެވެ. އެހެންވީމާ ޓިމް ގޮވައިގެން ގޮސް ވެސް އެތަން އޭނާއަށް ދައްކައިގެން ވެސް މިކަން ކުރާން މިހާރު ޖެހިއްޖެއެވެ. ބޭރުގައި އުޅޭ ދިވެހީން އެހާވެސް ތަކުލީފު އެބަ އުފުލައެވެ.

ދެން އޮތީ އަމިއްލަ ޑޮލަރު އެކައުންޓްގައި ހުންނަ ޑޮލަރު ކޮޅުގައި ވެސް އަތް އަޅައި، ބަނޑު އަޅައިގެން ލިމިޓް ކުރާ ވާހަކައެކެވެ. އެއީ އަދި މާ މަޖާ ވާހަކައެކެވެ. އެވާހަކަ އެހެން ދުވަހަކަށް ބާއްވާލާނަމެވެ.


ކިޔުންތެރިންގެ ހިޔާލު


6

ނުރަބޯ

02-May-2022

ތިޔައީ ޓިމްސޯޔާގެ މައްސަލައެއްނޫނެވެ. ސަރުކާރުން ބޭނުންވާ ގޮތެވެ. ރަޝިޔާ ޔުކްރެއިން ހަނގުރާމަ ފެށުމުން ދުނިޔޭގެ ބާޒާރު ގައި ތެލުގެ އަގު ރިކޯޑް މިންވަރަކަށް އުފުލުނެވެ. ދަނޑިވަޅު ބަލާފައި ރާއްޖެއިން ވެސް ފުލުފުލުގައި ތެލުގެ އަގު ބޮޑުކޮށް ރިކޯޑް މިންވަރަކަށް އުފުލާލިއެވެ. މިއަދު ކުޑަސަެިކަލެއްގެ ތެތޮޓޭންކް 50 ރުފިޔާއިންވެސް ފުރާ ނުލެވެއެވެ. ކަން މިހެން އޮއްވާ މިހާރު ދުނިޔޭގެ މާރކެޓް ގައި ތެލުގެ އަގު ދެފަހަރަށް ހެޔޮވެއްޖެ އެވެ އެހެން ނަމަވެސް ރާއްޖެ އަށް އަދިވެސް “ތަށަށް ކިޔަނީ މަރިޔަނބޭ” ވެސް ހީނުވެއެވެ. އެކަމަކު ހަމަ މާދަމާ ދުނިޔޭގައި ތެލުގެ އަގު އުފުލުނަސް ރާއްޖެއިން ތެލުގެ އަގު ބޮޑުކުރާނެ އެވެ.


5

ޢަލީ

01-May-2022

މިލިޔުމަކީ ވަރަށް ފުރިހަލަ ލިޔުމެއް



ޓްރެންޑިން