ރޯދަ އަށް ހުރެ އިންހެއްލާ ބޭނުން ކުރުން

ރޯދަ އަށް ހުރެ ނޭވާހިއްލާތީ ބޭނުންކުރާ އިންހެއްލާ ބޭނުން ކޮށްފިނަމަ ރޯދަ ގެއްލޭނެތޯ؟

الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد

ޟަރޫރީ ޙާލަތެއްގައި ރޯދަ އަށް ހުރެ އިންހެއްލާ ބޭނުން ކުރުމަކީ މައްސަލަ އެއް ނޫނެވެ. ނަމަވެސް ރޭގަނޑަށް ލަސްކޮށްލެވޭނެނަމަ އެގޮތް މޮޅުއިތުރުވެގެންވެއެވެ. والله أعلم

ރޯދަވެރިޔާގެ އަނގައިން ލޭއައުން

އަޅުގަޑު ރޯދަ އަށް ހުންނަ ދުވަސްތަކުގައި އަނގައިން ލޭއާދެއެވެ. ގިނަފަހަރަށް މިލޭ ފެންނަނީވެސް ހެނދުނު ހޭލާ ގަޑީގައެވެ. ރަގަޅަށް އަނގަ ދޮވެލުމުން ލޭގެ ކުލަ މަޑުވެދެއެވެ. ބައެއް ފަހަރަށް ރީނދޫކުލަޔަށް ބަދަލުވެދެއެވެ. މިގޮތަށް ކަރުން އަންނަ ލޭ ދިރުވުމުން ރޯދަ ގެއްލޭނެތޯއެވެ؟

الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد

ސުވާލުގައި ބަޔާން ކުރައްވާފައިވާ ގޮތަށް ކަންތައް ވަނީނަމަ ވީހާވެސް ރަގަޅަކަށް އަނގައިގެ ތެރެ ދޮވެ ސާފު ކުރެވޭތޯ ބަލަންވާނެއެވެ. އަދި އެއިން އެއްވެސް މިންވަރެއް ދިރުވިޔަ ދީގެން ނުވާނެއެވެ. އިންޝާ ﷲ ރޯދަ ޞައްޙަވާނެއެވެ. والله أعلم

ޙައިޟުގެ މުއްދަތު ތަފާތުވާނަމަ ހަދާނީ ކިހިނެއް؟

ފުރަތަމަ އަހަރު އަޅުގަޑުގެ ޙައިޟުގެ މުއްދަތަކީ މަހަކު 6 ނުވަތަ 7 ދުވަހެވެ. ނަމަވެސް ދެވަނަ އަހަރުގައި 9 ވަރަކަށް ދުވަހަށް ދެމިގެން ދާން ފަށައިފިއެވެ. ދެވަނަ އަހަރުގެ ފަހުކޮޅު ނުވަތަ ތިންވަނަ އަހަރުގެ ކުރީކޮޅު ކޮންމެ ދެހަފްތާ އަކުން ނުވަތަ ތިންހަފްތާ އަކުން ޙައިޟުވާން ފެށިއެވެ. ރަމަޟާން މަސް އައުމުގެ ތިން ދުވަސް ކުރިން 18 ދުވަހުގެ މުއްދަތަށް ޙައިޟު ދެމިގެން ދިޔަ އެވެ. ރަމަޟާން މަހުގެ ތެރޭގައި 15 ދުވަހަށް ދެމިގެން ދިޔަ އެވެ. އެހެންކަމުން ގެއްލިފައިވާ ރޯދަތަކާއި މެދު ކަންތައް ކުރަންވީ ގޮތް ބުނެދެއްވުން އެދެމެވެ؟

الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد

ޙައިޟުގެ އެންމެ ދިގު މުއްދަތަކީ ކޮބައިކަން ކަނޑަ އެޅުމުގައި ޢިލްމުވެރިންގެ މެދުގައި އިޚްތިލާފްތަކެއް އެބަހުއްޓެވެ. އެންމެ ރަގަޅު ގޮތަކީ ޙައިޟުގެ ކުޑަމިން އަދި ދިގުމިން ކަނޑައެޅުމުގައިވެސް ވަކި މިންވަރެއް ނެތް ކަމެވެ. ބައެއް އަންހެނުންގެ މުއްދަތު ދިގުވެދެއެވެ. އަނެއްބައި އަންހެނުންގެ މުއްދަތު ކުރުވެދެއެވެ. މިތަނުގައި ބަލަން ޖެހޭނީ ޙައިޟުގެ ލޭ ފޭބުމަށެވެ. މުއްދަތަކަށް ނޫނެވެ.

ޝައިޚް ޢުޘައިމީން- ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ.

ޝައިޚުލް އިސްލާމާއި އިބްނުލް މުންޛިރު އަދި ޢިލްމުވެރިންގެ ޖަމާޢަތެއްގެ ބަޔަކު ވިދާޅުވާ ގޮތުގައި ޙައިޟުގެ މުއްދަތު ކަނޑައެޅުން ރަގަޅެއް ނޫނެވެ. ކޮންމެ ވަގުތެއްގައިވެސް އަންހެނުންގެ މެދުގައި މަޢްރޫފު ޙައިޟުގެ ލޭ ފެނިއްޖެނަމަ އެއީ ޙައިޟުގެ ލެޔެވެ. ސޫރަތުލް ބަގަރާގެ 222 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވާ ފަދައިންނެވެ. (وَيَسْأَلُونَكَ عَنِ الْمَحِيضِ ۖ قُلْ هُوَ أَذًى) މާނައަކީ: "އަދި حيض އާމެދު، ކަލޭގެފާނާ އެއުރެން سؤال ކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެއީ އުނދަގޫ (ލިބެނިވި) ކަމެކެވެ." (އެއީ އުނދަގޫ (ލިބެނިވި) ކަމެކެވެ) މިހެން އޮތުމުން އެނގެނީ ޙައިޟުގެ ލޭ އަންނަ ކަމަށް ވަނީ ނަމަ އުނދަގުލެއް ހުންނާނެ ކަމެވެ. އެހެންކަމުން އެއުނދަގޫ ހުރެއްޖެނަމަ އެއީ ޙައިޟުގެ ލެޔެވެ. އުނދަގޫ ނެތްނަމަ އެއީ ޙައިޟުގެ ލެޔެއް ނޫނެވެ." (އައްޝަރްޙުލް މުމްތިޢު 1/402).

އަދިވެސް ޝައިޚް ޢުޘައިމީން ވިދާޅުވެފައިވެއެވެ.

ބައެއް އަންހެނުން ޠުހުރުގައި ހަތަރު މަސް ދުވަހު ތިބެއެވެ. އަދި މަސްދުވަހަށް ދެމިގެންދާ ގޮތަށް ޙައިޟުގެ ލޭ އާދެއެވެ. އަދި ބައެއް އަންހެނުން މަހަކު ތިނެއް، ހަތަރެއް، ފަހެއް، އަދި ދިހަ ފަހަރުވެސް ޙައިޟުވެއެވެ." (އައްޝަރްޙުލް މުމްތިޢު 1/402).

އެހެންކަމުން ޙައިޟުގެ މުއްދަތަކީ ލޭފައިބާ ދުވަސްކޮޅެވެ. ޠުހުރު ފެނިއްޖައުމަށް ދާން ދެންނެވެ. ފަނަރަ ދުވަހަށް ވުރެ އިތުރުވީނަމަވެސް އެވެ. ނަމަވެސް މެދު ކެނޑިފައި އަނެއްކާވެސް ލޭ އަންނަ ކަމަށް ވަނީނަމަ އެވާނީ އިސްތިޙާޟާގެ ލެޔަށެވެ.

ފައިދާ އަށް ޓަކައި އިސްތިޙާޟާގެ ޙާލަތްތައް މިތަނުގައި ބަޔާން ކޮށްލާނަމެވެ.

މުސްތަޙާޟާ (އިސްތިޙާޟާގެ އަހްލުވެރި އަންހެން މީހާ) ގެ ތިން ޙާލަތެއް ވެއެވެ.

1. އިސްތިޙާޟާގެ ކުރިން ޙައިޟުވުން. މިޙާލަތުގައި އޭނާ އާދަވެގެން ޙައިޟުވާ މުއްދަތަކީ ޙައިޟުގެ ދުވަސްވަރު ކަމުގައި ބަލާނީއެވެ. އަދި އާދަވެގެން ޙައިޟުވާ މުއްދަތަށް ވުރެ އިތުރުވާ ބަޔަކީ އިސްތިޙާޟާގެ ލޭ ކަމުގައި ބަލާނީއެވެ. މިޘާލަކަށް: އަންހެނަކު ކޮންމެ މަހެއްގެ ފުރަތަމަ ހަދުވަހު ގަވާޢިދުން ޙައިޟުވެއެވެ. ބައެއް ފަހަރަށް ހަދުވަހަށް ވުރެ އިތުރުވެގެން ހިނގައްޖެނަމަ، އޭނާގެ ޙައިޟުގެ މުއްދަތު ކަމުގައި ބެލެވޭނީ ފުރަތަމަ ހަދުވަހެވެ. އޭގެ އިތުރުން އަންނަ މުއްދަތަކީ އިސްތިޙާޟާގެ މުއްދަތެވެ. لحديث عائشة رضي الله عنها أن فاطمة بنت أبي حبيش قالت : يا رسول الله إني أستحاض فلا أطهر أفأدع الصلاة ؟ قال : ( لا . إن ذلك عرق ، ولكن دعي الصلاة قدر الأيام التي كنت تحيضين فيها ثم اغتسلي وصلي ) رواه البخاري ، وفي صحيح مسلم : أن النبي صلى الله عليه وسلم قال لأم حبيبة : ( امكثي قدر ما كانت تحبسك حيضتك ثم اغتسلي وصلي ) އުއްމުލް މުއިމިނީނަ ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. ފާޠިމަތު ބިން އަބީ ޙުބައިޝް ވިދާޅުވިއެވެ. އޭ ﷲ ގެ ރަސޫލާ އެވެ. އަހަރެން ވަރަށް ގިނައިން އިސްތިޙާޟާވެއެވެ. އަހަރެން ޠުހުރެއް ނުވެއެވެ. އެހެންކަމުން އަހަރެން ނަމާދު ދޫކޮށްލަންވީތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. ނޫނެކެވެ. އެއީ ބައްޔެކެވެ. ނަމަވެސް ކަމަނާ ޢާދަވެގެން ޙައިޟުވާ މުއްދަތުގައި ނަމާދު ދޫކޮށްލާށެވެ. އެއަށް ފަހު ހިނަގައިގަނެގެން ނަމާދު ކުރާށެވެ." މިއީ އިމާމް ބުޚާރީ ރަޙިމަހުﷲ- ގެ ރިވާޔަތެކެވެ.

އިމާމް މުސްލިމްގެ ރިވާޔަތެއްގައިވެއެވެ. "ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އުއްމު ޙަބީބާ އަށް ދެންނެވިއެވެ. ކަމަނާގެ ޢާދަވެގެން ޙައިޟުވާ މުއްދަތުގައި ނަމާދުތައް ދޫކޮށްލާށެވެ. އެއަށްފަހު ހިނައިގަނެގެން ނަމާދު ކުރާށެވެ."

އެހެންކަމުން ގަވާޢިދުން ވަކި މުއްދަތެއްގައި ޙައިޟުވާ އަންހެނުން ބައެއް ފަހަރަށް މުއްދަތަށް ވުރެ އިތުރަށް ލޭ އަންނަ ކަމަށް ވަނީނަމަ އިތުރުވާ މުއްދަތު ބަލަން ޖެހޭނީ އިސްތިޙާޟާގެ މުއްދަތަށެވެ. އިސްތިޙާޟާގެ މުއްދަތުގައި ނަމާދު ކުރަން ޖެހޭނެއެވެ.

2. އިސްތިޙާޟާގެ ކުރިން ޙައިޟު ނުވުން. އެގޮތުން އަބަދުމެ ކުރިމަތީ ފަރާތުން ލޭ އައުމަކީ އެއަންހެން މީހާގެ ޢާދަ އެއް ކަމުގައިވުން. މި ޙާލަތުގައި ޙައިޟުގެ ލޭ ތަފާތު ކުރަން ހަދާނެ ގޮތަކީ ކުލަޔާއި ވަހަށް ބަލާނީއެވެ. ޙައިޟުގެ ލެޔަކީ ކަޅުރަތް ކުލައިގެ ލެޔެކެވެ. ނުބައިކަން ގަދަ ވަހެއް ހުރެއެވެ. ވީމާ، ކުލަޔާއި ވަހުގެ ގޮތުން ޙައިޟު ކަމުގައިވާނަމަ ބެލެވޭނީ ޙައިޟު ކަމަށެވެ. ނޫންނަމަ އެއީ އިސްތިޙާޟާ އެވެ.

މިޘާލަކަށް: އަންހެނެއްގެ ކުރިމަތީ ފަރާތުން ލޭ އަންނަނީއެވެ. މިގޮތަށް ލޭ އަންނަމުން ގޮސް ދިހަވަރަކަށް ދުވަހު އައީ ކަޅުރަތް ކުލައިގެ ނުބައިވަހެއް ހުންނަ ލެޔެކެވެ. ބާކީ ދުވަސްތަކުގައި އަންނަނީ އާދައިގެ ރަތް ކުލަޔެއްގެ ލެޔެކެވެ. އެހެންކަމުން، ޙައިޟުގެލޭ ވަކި ކުރާނީ ވަހާއި ކުލައިންނެވެ. ވަހާއި ކުލަ ނެތް ނަމަ ވާނީ އިސްތިޙާޟާ އަށެވެ. ފާޠިމަތު ބިންތި އަބީ ޙުބައިޝަށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (إذا كان دم الحيضة فإنه أسود يعرف ، فإذا كان ذلك فأمسكي عن الصلاة فإذا كان الآخر فتوضئي وصلي فإنما هو عرق) رواه أبو داود والنسائي ، وصححه ابن حبان والحاكم. މާނައަކީ: "ޙައިޟުގެ ލޭނަމަ ހުންނާނީ ކަޅުރަތް ކުލައެއްގައެވެ. އެފަދަ ޙާލަތް ތަކުގައި ނަމާދު ކުރުމުން ދުރުހެލިވާށެވެ. އެނޫން ދުވަސްވަރުގައި ވުޟޫކޮށްގެން ނަމާދު ކުރާށެވެ. ހަމަކަށަވަރުން އެއީ ބައްޔެކެވެ."

3. ޙައިޟުގެ ވަކި މުއްދަތެއް ނެތުން، އަދި އިސްތިޙާޟާ އާއި ޙައިޟުގެ ލޭ ވަކި ކުރަން ނޭނގުން. މި ޙާލަތުގައި ކަންތައް ކުރާނެ ގޮތަކީ ޢާދަވެގެން އަންހެނުން ޙައިޟުވާ މުއްދަތަކީ ޙައިޟުގެ މުއްދަތު ކަމުގައި ބަލާނީއެވެ. އަދި އޭގެ އިތުރުވާ ބަޔަކީ އިސްތިޙާޟާ ކަމުގައި ބަލާނީއެވެ.

މިޘާލަކަށް: ފުރަތަމަ ފަހަރަށް ލޭ ފެނުނީ މަހުގެ ފަސްވަނަ ދުވަހުއެވެ. ކުލަޔާއި އެނޫންވެސް ގޮތަކުން ޙައިޟުގެ ލެޔާއި އެނޫންވެސް ލޭ ކަމެއް ވަކި ކުރަން ނޭނގި ލޭ އައުން ދެމިގެން ދެއެވެ. މިޙާލަތުގައި އެމީހެއްގެ ޙައިޟުގެ މުއްދަތަކީ ކޮންމެ މަހެއްގެވެސް ފަސްވަނަ ދުވަހުން ފެށިގެން ހަޔެއް ނުވަތަ ހަތް ދުވަހެވެ. ޙަމްނާ ބިންތި ޖަޙްޝް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ދެންނެވިއެވެ. (يا رسول الله , إني أستحاض حيضة كبيرة شديدة فما ترى فيها قد منعتني الصلاة والصيام ؟ فقال : ( أنعت لك [أصف لك استعمال] الكرسف [وهو القطن] تضعينه على الفرج ، فإنه يذهب الدم ، قالت : هو أكثر من ذلك . وفيه قال : ( إنما هذا ركضة من ركضات الشيطان فتحيضي ستة أيام أو سبعة في علم الله تعالى ، ثم اغتسلي حتى إذا رأيت أنك قد طهرت واستنقيت فصلي أربعاً وعشرين أو ثلاثاً وعشرين ليلة وأيامها وصومي). رواه أحمد وأبو داود والترمذي وصححه. "އޭ ﷲ ގެ ރަސޫލާ އެވެ. އަހަރެން ވަރަށް ވަރުގަދަޔަށް ގިނަދުވަސް ތަކަކަށް ދެމިގެންވާ ގޮތަށް ޙައިޟުވެއެވެ. އެދުވަސްތަކުގައި އަހަރެން ނަމާދާއި ރޯދަ ދޫކޮށްލަންވީތޯއެވެ؟" ޙަދީޘް ކުރެއްވިއެވެ. "ފަރްޖު މަތީގައި ކަފަގަނޑެއް އަޅާ ލޭ މަނާ ކުރާށެވެ." އެކަމަނާ ވިދާޅުވިއެވެ. "އެއަށްވުރެ މާ ގިނައިން ލޭ އާދެއެވެ." ޙަދީޘް ކުރެއްވިއެވެ. "އެއީ ޝައިޠާނީ ކަމެކެވެ. ކަމަނާގެ ޙައިޟުގެ މުއްދަތަކީ ހަޔެއް ނުވަތަ ހަތް ދުވަހެވެ. އެއަށްފަހު ހިނައިގަނެ ތޭވީސް ނުވަތަ ސައުވީސް ރެއާއި ދުވާ ވަންދެން ނަމާދު ކޮށް ރޯދަ ހިފާ ހުށި ކަމެވެ."

ޙަދީޘްގައި މިވާ (ހަޔެއް ނުވަތަ ހަތެއް) ގެ މުރާދަކީ އިޚްތިޔާރީ މުއްދަތެއްގެ ވާހަކަ އެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ އިޖްތިހާދީ އެއްޗެކެވެ. އެއަންހެނަކާ ތިމާގެ ކަމުންނާއި ޢުމުރުގެ ގޮތުން އަދި ލޭއައުމުގައި އެންމެ އެއްގޮތް މީހަކަށް ބަލާނީއެވެ. އެންމެ އެއްގޮތް މީހާގެ މުއްދަތަކީ ހަދުވަސް ކަމަށް ވަނީނަމަ އެގޮތެވެ. އެންމެ އެއްގޮތީ ހަތްދުވަސް ކަމަށް ވަނީނަމަ އެގޮތެވެ.

ޙައިޟުގެ މުއްދަތު ކަމުގައި ބެލެވޭ ދުވަސްވަރުގައި ނަމާދާއި ރޯދަ ދޫކޮށްލާނީއެވެ. އެނޫން ދުވަސްތަކުގައި ނަމާދާއި ރޯދަ އަށް ރައްކާތެރިވާން ޖެހޭނެއެވެ. والله أعلم


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން