ޓްވިޓަރއާއި ހަވާލުވިފަހުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ދެކޮޅު މީހުން އަޖައިބުވާހާ ގިނައިން ފެންނަކަމަށް އީލަން މަސްކް ބުނެފިއެވެ.

އީލަން މިހެން ބުނެފައިވަނީ ޓްވިޓަރއާއި ހަވާލުވުމަށްފަހު ޓްވިޓަރއަކީ ކޮންމެ މީހަކަށްވެސް ބޭނުންކަމަކާ މެދު މިހާރަށްވުރެއްވެސް ފަސޭހަޔަށް ހިޔާލު ފާޅުކޮށްލެވޭނެ ޕްލެޓްފޯމަކަަށް ހެދުމަށް މަސައްކަތްކުރާނެކަމަށް ބުނުމުން ގިނަބަޔަކު ފާޑުކިޔުމުންނެވެ.

ޓްވިޓަރގައި މިހާރުވެސް ހަމަހަމަ ކަމާއި ސުލްޙަވެރިކަން ގެއްލޭފަދައިން ހިޔާލުފާޅުކޮށް ޓްވީޓް ކުރާ މީހުންގެ ގިނަ ޓްވީޓްތަކާއި އެމީހުންގެ އެކައުންޓްތައް ދަނީ ބްލޮކް ކުރަމުންނެވެ. މީގެތެރޭގައި ގައުމުތަކުގެ އިސްވެރިންނާއި ސިޔާސީ ފަރާތްތައްވެސް ހިމެނެއެވެ. އެގޮތުން ގިނަބަޔަކު ފާހަގަކުރާ ގޮތުގައި، އީލަން ބުނާ ކޮންޓްރޯލެއް ނޯންނާނެފަދައިން "ފްރީ ސްޕީޗް" ކުރުމަށް ދެވޭ ފުރުސަތުގެ ސަބަބުން އޭގެ ނާޖާއިޒު ފައިދާ ނަގައި، ހަމަހަމަ ކަމާއި ސުލްޙަވެރިކަން ގެއްލޭފަދައިން ޓްވީޓް ކުރާ މީހުން ގިނަވެގެން ދާނެއެވެ.

މިކަމަށް ރައްދުދީ އީލަން ބުނަނީ ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމާ ދެކޮޅު މީހުން އަޖައިބުވާހާ ގިނަކަމަށެވެ. އަދި އޭނާ "ފްރީ ސްޕީޗް" ޕްރޮމޯޓް ކުރީ ގާނޫނުތަކާ ހިލާފުވާން ޕްރޮމޯޓް ކުރަން ނޫން ކަމަށެވެ.

އީލަން ބުނީ ގާނޫނެއް ނެތި ކަންކަން ސިއްރު ކުރުމާއި ކަންކަމާ ބެހޭގޮތުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނިގުޅައި ނުގަނެވޭނެކަމަށާއި، އަދި ޓްވިޓަރ އިންވެސް އެކަން އެގޮތަށް ކުރިއަށް ނުދާނެކަމަށެވެ. ނަމަވެސް ވަކި ކަންކަމާ ބެހޭގޮތުން ހިޔާލުފާޅުކުރުމުގެ މިނިވަންކަން މަނާ ކުރުމަށް ކޮންމެ ގައުމަކުންވެސް ގާނޫނެއް ހެދުމުން އެގައުމަށް ހިދުމަތް ފޯރުކޮށްދިނުމުގައި ޓްވިޓަރއިންވެސް ގާނޫނާ އެއްގޮތަށް އަމަލު ކުރާނެކަމަށް އީލަން ބުނެފައިވެއެވެ.

މަޝްހޫރު ވިޔަފާރިވެރިއާ އަދި ބިލިއަނަރ އީލަން މަސްކް ޓްވިޓަރ ގަނެފައިވަނީ 44 ބިލިއަން ޑޮލަރަށެވެ. މިއާއެކު ޓްވީޓްތައް އެޑިޓް ކުރެވޭ ފީޗަރސް ތަކާއެކު ބޮޑެތި ބަދަލުތައް ޓްވިޓަރއަށް އަންނާނެކަމަށް އީލަން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން