ރާއްޖޭގެ ސިޔާސީ މަޝްރަޙަށް ބަލާއިރު ގިނަ ބައެއްގެ ނަޒަރު މިވަގުތު ހުއްޓިފައިވަނީ އަންނަ މަހުގެ 14 ވަނަ ދުވަހު ބާއްވާ ސަރުކާރު ހިންގާ މައިޕާޓީ އަދި އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިޚާބަށެވެ. މިފަހަރު ބާއްވާ އެމްޑީޕީގެ އެތެރޭގެ މި އިންތިޚާބު ވެގެން ގޮސްފައި މިވަނީ އެޕާޓީގެ ސިޔާސީ ހަޔާތުގައި ޕާޓީން ކުރިމަތިލާ އެންމެ ވާދަވެރި އިންތިޚާބަށެވެ. ޕާޓީގެ ތެރޭގައި މިހާތަނަށް ބާއްވާ އެންމެ ވާދަވެރި އަދި ތަފާތު އިންތިޚާބަށެވެ. މިއިންތިޚާބުގެ އެންމެ ވާދަވެރިވެފައި އެންމެ ޚައިރާން ކުރަނިވި ކަންތައް ތަކެއް ފެނިގެން ދަނީ ޕާޓީގެ ޗެއާ ޕާސަންގެ ވާދަވެރި ކަމުގެ ތެރެއިންނެވެ. ބުނެވޭ ގޮތުގައި މިފަހަރު މިމަގާމުގެ ވާދަވެރިކަން އެހާ ބޮޑުވެގެން މިއުޅެނީ ފަރުދާގެ ފުރަގަހުގައި "ބޮޑު ދެގެރި" ތަޅަމުން ގެންދާތީއެވެ.

ސިޔާސީ ތަޖުރިބާކާރުން ބުނާ ގޮތުންނަމަ އެމްޑީޕީގެ ޗެއާ ޕާސަންގެ މަގާމަކީ އެޕާޓީގެ ރައީސް މުޙައްމަދު ނަޝީދު ނުރުއްސަވާ ނުވަތަ ތާއީދުނެތް ބޭފުޅަކަށް ހުންނެވޭނެ މަގާމެއް ނޫނެވެ. އެފަރާތްތަކުން އެގޮތަށް ބުނަނީ ވޭތުވެދިޔަ ދިގު މާޒީގައި ފެންނަން އޮތް ބޮޑު މަންޒަރަށް ބަލައިގެންނެވެ. އެމަގާމުގައި ހުންނަވާ ބޭފުޅަކާ ރައީސް ނަޝީދު ނުރުއްސަވައިފި ނަމަ އެބޭފުޅެއްގެ އަޖަލު އެޖެހުނީއެވެ. މިއީ މާޒީން ފެންނާން އޮތް އެބުނާ ބޮޑު މަންޒަރެވެ. އެއީ އެޕާޓީއާއި ފެއަށް ވަޑައިގެންނެވި ހުރިހާ ބޭފުޅުން ވެސް ވިދާޅުވާ ބަސްފުޅެވެ.

އެހެންވީމާ މިފަހަރު ޗެއާޕާސްންގެ މަގާމުގެ ވާދަވެރިކަން ބޮޑުވެ ޕާޓީ ދެފަޅިއަށް ފަޅައިގެން ގޮސްގެން މިއުޅޭ ސަބަބަކީ އެއީއެވެ. ޕާޓީގައި ރައީސް ނަޝީދަށްވުރެ އިސް ވެރިއަކު އުފެދުނީއެވެ. އެއީ އެޕާޓީގެ އަސާސީ ގަވާއިދު ބުނާ ގޮތެވެ. ކަންދިމާކުރި ގޮތުން މިފަހަރު ޕާޓީއަށް ވެރިކަން ލިބުނުއިރު ވެރިކަން ލިބުނީ ޕާޓީގެ ފަރާތުން އަބަދުވެސް އެމަގާމުގައި ހުންނަން ޖެހޭނެ ކަމަށް އެޕާޓީގެ ބައެއް މީހުންނަށް ގަބޫލުކުރެވޭ ޕާޓީގެ ރޫހާނީ ލީޑަރަކަށް ނޫނެވެ. އެހެންވީމާ ޕާޓީގެ އެންމެ އިސް ލީޑަރުގެ މަގާމު ރައީސް ނަޝީދަށް ގެއްލުނީމާ ޕާޓީގައި އެންމެ އިސް ދެވެރިން އުފެދި އެވާދަވެރިކަން ބޮޑުވީއެވެ. އެހެންވީމާ ބޮޑު ދެގެރި ތަޅަންޏާ ކަށްގަލަށް ބާރުކުރާނެއޭ ބުނާހެން ޕާޓީގެ އިސް ދެލީޑަރުން އެއް މަގާމަކަށް ވާދަކުރަށްވަން ނުކުންނެވީމާ ޕާޓީގެ ހުރިހާ ގުނަވަން ތަކަކަށް އެ އަސަރު ކުރަނީއެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި "ތިލަފަތުގެ ރަމުޒް" މި ޝިއާރުގެ ދަށުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވާދަކުރައްވާއިރު "އެމްޑީޕީ ހިންގާލަން" މި ޝިއާރުގެ ދަށުން ޗެއާޕާސަން ކަމަށް ދެން ވާދަކުރައްވަނީ އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލެެވެ. އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި އެންމެ ބޮޑު ވާދަވެރިކަމެއް އޮތީ ވެސް މި ދެބޭފުޅުންގެ މެދުގައެެވެ. އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ކެމްޕޭން ފޯރި ގަދަވެފައިވާ މި ދަނޑިވަޅުގައި އިންތި އާއި ފައްޔާޒު ގެންދަވަނީ އެ ދެބޭފުޅުން މަގާމަށް ގެންނަންވީ ސަބަބުތައް ވަރަށް ތަފްސީލްކޮށް އެމްޑީޕީގެ މެމްބަރުންނަށް ހާމަކޮށްދެއްވައި ތާއިދު ހޯއްދަވަން މަސައްކަތް ކުރައްވަމުންނެެެވެ.

އިވޭ އަޑުތަކާއި ފެންނަ މަންޒަރުތަކުން އިންތި އާއި ފައްޔާޒުގެ ސިޔާސަތުތައް އުޑާއި ބިމާހާ ތަފާތެވެ. ޗެއާޕާސަން އިންތިޚާބުގެ ކެމްޕޭންގެ ތެރެއިން "ތިލަފަތުގެ ރަމުޒް" މި ޝިއާރުގެ ދަށުން ކެމްޕޭން ކުރާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީއާއި އޭނާގެ ކެމްޕޭން ޓީމުން ދައްކާ ބައެެއް ވާހަކަތަކުން އެމްޑީޕީގެ މެމްބަރުންނަށް ހިތްވަރުގެ ބަދަލުގައި ލިބެނީ މާޔޫސްކަމެވެެ. އެފަދަ އެއް ވާހަކައަކީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަކީ ދޮޅުއަހަރަށް އިންތިޚާބުކުރާ މަގާމެއް ނޫން ކަމަށް ވިދާޅުވެ އިމްތިޔާޒު ފަހުމީ (އިންތި) އާއި އޭނާގެ ކެމްޕޭން ޓީމުން ދެއްކި ވާހަކައެވެެ. އެ ވާހަކަ އެމްޑީޕީއަށް ވަފާތެރި ގިނަ މެމްބަރުން ތަރުޖަމާ ކުރީ ވަރަށް ތަފާތުކޮށެވެ.

އެ ވާހަކައިން ދޭހަވީ ދޮޅު އަހަރަށްފަހު މި ވެރިކަން ނުވަތަ އެމްޑީޕީގެ ވެރިކަން ނިމޭނެ ކަމާއި އެމްޑީޕީއަށް ދެން ވެރިކަން ލިބޭނެ ކަމުގެ އުއްމީދެއް ނެތް ކަމެވެ. މި ވާހަކަތައް އެމްޑީޕީގެ ގިނަ މެމްބަރުންނަކަށް ހަޖަމެއް ނުކުރެވުނެެވެ. މިއީ އެމްޑީޕީގެ މެމްބަރުންނަށް އަޑުއަހަން އެހާ ފަސޭހަ ވާހަކަތަކަކަށް ނުވަނީއެވެ. އެބޭފުޅުން ވިދާޅުވާ ގޮތަށް ބާޣާވާތަކުން އެމްޑީޕީގެ ވެރިކަން ވައްޓާލި ފަހުން ވެރިކަމާއި ގާތް ނުވެވި މަގުމަތީގައި ހަތް އަހަރު ދުވަހު އުޅެ، ތެޅި، ފޮޅި "މަރުވެގެން" ހޯދި ވެރިކަން އެންމެ ފަސް އަހަރު ކޮށްފައި ނިންމާލުމަކީ އެކުރި މަސައްކަތުގެ އަގު ކަމުގައި ގިނަ ބޭފުޅުންނަށް ގަބޫލު ނުކުރެވެނީއެވެ.

އެހެންވީމާ އިންތި މި ވިދާޅުވާ ވިދާޅުވުން ވެގެން ދިޔައީ ވޭތުވެ ދިޔަ 16 އަހަރު ޕާޓީގެ އިސް ސަފުގައި ތިބި ލީޑަރޝިޕްގެ ބޭފުޅުން މެމްބަރުންނަށް އުއްމީދެއް ދިނުމުގެ ބަދަލުގައި މެމްބަރުންގެ މޫނުމަތީގައި ޖެހި ވަރުގަދަ ތަފާލަކަށެވެ. ކޮންމެ ސިޔާސީ ޕާޓީއެއްގެ ވެސް އެންމެ މުހިއްމު ބޭނުމަކީ ރައްޔިތުންގެ އިތުބާރާ ތާއިދާއެކު ވެރިކަން ހޯދުމެވެ. އެކަމާ ދިމާ އިދިކީލަ ވިސްނުން ހުރި ބަޔަކު ޕާޓީގެ އިސްމަގާމުތަކަށް ގެނައުމަށް އެމްޑީޕީގެ މެމްބަރުން ބޭނުންވާނެ ކަމަށް ގަބޫލެއް ނުކުރެވެއެވެެ.

އެހެންވީމާ އެމްޑީޕީއަށް ވެރިކަން ލިބެން ނޭދޭ މީހަކު ޗެއާޕާސާން ކަމަށް ގެނެސްގެން އެމްޑީޕީއަށް 2023 ކާމިޔާބު ކުރެވޭނެތޯ މިއީ ޕާޓީއަށް ވަފާތެރި މެމްބަރުން މިހާރު އުފައްދާ ސުވާލެވެ. އެމްޑީޕީއަށް ވަފާތެރި ބައެއް މެމްބަރުން ބުނާގޮތުން އިންތި ޓީމުން މިހާރު ކުޅެނީ އިދިކޮޅު ޓީމު މޮޅުވާ ގޮތަށެވެ. އަންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީ މޮޅުނުވާނެ ކަމަށް ނިންމައި އިންތިގެ ޓީމުން ގޯލުވެސް ޖަހާތަން ފެންނަމުން ދަނީ ބައިކޮޅަށެވެ. އެމްޑީޕީ އަބަދު އޮންނަން ޖެހޭނީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައޭ ބައެއް މީހުން ބުނެއެވެ. ފެންނަ ފެނުމަށް މިއީ އިންތިގެ ފަލްސަފާއެވެެ.

އިންތިގެ ޓީމުން ދައްކާ ވާހަކަތަކުން އެ ނޫންގޮތަކަށް އެވާހަކަތައް ތަރުޖަމާއެއް ނުކުރެވެއެވެ. އެއާ ޚިލާފަށް ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ މުޅި ސިޔާސަތުގެ އަމާޒު ހިފާފާއި ހުރީ އެމްޑީޕީއަށް 2023 ވަނަ އަހަރު ވެރިކަން ހޯދައި ދިނުމަށެެވެ. މިހާރު އޮތް އެމްޑީޕީގެ ވެރިކަން ދަމަހައްޓައި ވެރިކަން ދިފާއު ކުރުމަށެވެ. ފައްޔާޒު ވަރަށް ޔަގީން ކަމާއިއެކު އެއް ވާހަކަ އެއް ވިދާޅުވެއެވެ. އެއީ 2023 ވަނަ އަހަރު އޮންނަންޖެހޭނީ އެމްޑީޕީގެ ވެރިކަމެއް ކަމަށް ވިދާޅުވާ ވާހަަކައެވެެ. އެމްޑީޕީގެ ގިނަ މެންބަރުންނަށް 2023 ގެ އިންތިޚާބުގެ ކާމިޔާބީ ހަގީގަތުގައި ވެސް ފެންނަނީ ފައްޔާޒު ގެންގުޅުއްވާ ލޯގަނޑަށް ބެލުމުންނެވެ. ފައްޔާޒު ދެކިވަޑައިގަންނަވާ ހުވަފެނުގައި ކުލަޖެހިގެންނެވެ. ފައްޔާޒު އެދައްކަވާ ބޮޑު މަންޒަރަށް ބަލައިގެންނެވެ.

އެމްޑީޕީއަށް ވެރިކަން ނުލިބޭނެ ގޮތަށް މަސައްކަތް ކުރާ ފަރާތްތަކުގެ މަސައްކަތް ފެއިލްކޮށްލަން ފައްޔާޒު ހުންނެވީ ތައްޔާރަށެވެ. ކިތަންމެ ބޮޑު ގުރުބާނީއެއް ވެގެންވެސް އެކަން ކުރަށްވާން ނުކުމެ އެހުންނެވީ ފައްޔާޒު އިސްމާއީލްކަން މިހާރު އެމްޑީޕީގެ "އަސްލު މެންބަރުންނަށް" ކަށަވަރު ވެއްޖެއެވެ. އަނެއްކޮޅުން އެދައްކާ ކަހަލަ ޕާޓީ ރޫޅި ބައިބައިވެގެންދާ ކަހަލަ ވާހަކައެއް ފައްޔާޒުވެސް ފައްޔާޒުގެ ޓީމަކުން ވެސް ނުދައްކައެވެ. ފައްޔާޒުގެ ޓީމުގެ ހަގީގީ މަސައްކަތަކީ އެމްޑީޕީ ބޮޑުކޮށް ހަރުދަނާކޮށް އަސްލު އެމްޑީޕީގެ ގޮތުގައި އެޕާޓީ ހިންގާލުމެވެ. އެމަންޒަރު ކިތަންމެހާވެސް ފުރިހަމައަށް ފައްޔާޒާއި އޭނާގެ ޓީމުން އެބަ ދައްކައެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ގޮތް ނިންމުމުގެ ހުރިހާ ބާރެއް އޮތީ އެމްޑީޕީގެ މެމްބަރުންގެ އަތްމަތީގައެވެ. ވަގުތާއި ހާލަތަށް ބަލައި އެމްޑީޕީގެ މެމްބަރު އެކަމުގައި ވަރަށް ހަރުދަނާ ރަނގަޅު ނިއްމުމެއް ނިއްމަންޖެހެއެވެ. މިއީ ހަގީގަތުގައިވެސް އެމްޑީޕީގެ މުސްތަގުބަލް ބިނާވެފައި އޮތް އިންތިޚާބަކަށްވާތީއެވެ. ފައްޔާޒުގެ ޓީމުން ބުނާހެން 2023 ގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް އެމްޑީޕީގެ ވެރިކަން އިތުރު އަހަރު ތަކަކަށް ދެމެހެއްޓުމަށް އޮތް ހަމަ އެކަނި ފުރުސަތަކީ ފައްޔާޒު ޗެއާޕާސަންގެ ގޮނޑީގައި ބެއިންދުމެވެ. ނޫނީ ދެން އޮތީ އެބުނާ ތިލަފަތުގެ ރަމްޒަށް ވޯޓު ދީފައި އެޓީމުން އެ ބުނާގޮތަށް އެމްޑީޕީ ރާއްޖޭގެ ވެރިކަމަށް ޓާޓާ ކިއުމެވެ.


ކިޔުންތެރިންގެ ހިޔާލު


3

ހާސިންޖީ

06-May-2022

މީ ވަރަށްބޮޑަށް އެއްފަރާތަށް ޖެހިފައިވާ ލިޔުމެއް


8

ޢަފީފު

21-Apr-2022

ޚިޔާލު ތަފާތު ވިޔަސް ގައުމުގެ ވެރިކަން އެމް ޑީ ޕީން ގެއްލޭ ގޮތަކަށް އެއްވެސް މެމްބަރަކު ފިޔަވަޅެއް އެޅުމަކީ ކޮއްގެންވާނެ ކަމެއް ނޫން އެމްމެން ވިސްނަވާ



ޓްރެންޑިން