އިރު އޮއްސުމުގެ އިރުކޮޅެއް ކުރިން އަންހެނަކު ޙައިޟުވެއްޖެނަމަ ރޯދަ ގެއްލޭނެތޯ؟

އިރުއޮއްސުމުގެ ފަސްމިނިޓް ކުރިން އަންހެނަކު ޙައިޟުވެއްޖެނަމަ އެމީހާ ރޯދަ ފުރިހަމަ ކުރާނީތޯ؟ ނުވަތަ ގަޟާ ކުރާނީތޯ؟

الحمد لله، والصلاة والسلام على رسول الله، صلى الله عليه وسلم، وبعد

އިރު އޮއްސުމުގެ ހިނދުކޮޅެއް ކުރިން ޙައިޟުވީނަމަވެސް ރޯދަ ގެއްލޭނެއެވެ. އަދި އެދުވަހުގެ ރޯދަ އެހެން ދުވަހަކުން ގަޟާ ކުރަން ޖެހޭނެއެވެ. والله أعلم

ދަތުރުވެރިޔާ އަށް ރަގަޅީ ރޯދަ ދޫކޮށްލުންތޯ ނުވަތަ ރޯދަ ހިފުންތޯ؟

ދަތުރުވެރިޔާގެ މައްޗަށް މޮޅުއިތުރުވެގެންވަނީ ރޯދަ ހިފުންތޯ ނުވަތަ ދޫކޮށްލުންތޯ؟

الحمد لله، والصلاة والسلام على رسول الله، صلى الله عليه وسلم، وبعد

ހަތަރު މަޛްހަބުގެ އިމާމުންނާއި ޞަޙާބީންގެ ގިނަބޭކަލުން އަދި ތާބިޢީންގެ ގިނަ ބޭކަލުން ދެކިލައްވާ ގޮތުގައި ދަތުރު މަތީގައި ރޯދަ ހިފުމަކީ ހުއްދަ ކަމެކެވެ. އަދި ރޯދަ ހިފައިފިނަމަ ރޯދަ ޞައްޙަވެސް ވާނެއެވެ.

އެހެންނަމަވެސް، ދަތުރުވެރިޔާ އަށް މޮޅު އިތުރުވެގެންވަނީ ކޮންގޮތެއްތޯ، މިމައްސަލާގައި ތަފްޞީލު އެބަ އޮތެވެ.

ފުރަތަމަ ޙާލަތަކީ: ރޯދަ ހިފުމާއި ނުހިފުން ހަމަހަމަ ވުން، މާނައަކީ ރޯދަ ހިފިޔަސް އަދި ނުހިފިޔަސް އޭނާ އަށް އުނދަގުލެއް ނުވުން. މިފަދަ ޙާލަތުގައި ރޯދަ ހިފުން، އެއީ އެންމެ ރަގަޅު ގޮތެވެ. މިކަމުގެ ދަލީލުތައް:

- عَنْ أَبِي الدَّرْدَاءِ رَضِيَ اللَّهُ عَنْهُ قَالَ خَرَجْنَا مَعَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي شَهْرِ رَمَضَانَ فِي حَرٍّ شَدِيدٍ حَتَّى إِنْ كَانَ أَحَدُنَا لَيَضَعُ يَدَهُ عَلَى رَأْسِهِ مِنْ شِدَّةِ الْحَرِّ وَمَا فِينَا صَائِمٌ إِلَّا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَعَبْدُ اللَّهِ بْنُ رَوَاحَةَ

މާނައަކީ: މާތް ﷲ ރުއްސުންލެއްވި އަބުއްދަރްދާއު ގެ ކިބައިން ރިވާވެގެންވެއެވެ. "ރަމަޟާން މަހެއްގެ ވަރަށް ހޫނު ގަދަ ދުވަހެއްގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ އަރިހުގައި ތިމަންމެން ދަތުރަކު ނިކުތީމެވެ. ހޫނު ގަދަކަމުން އަހަރުމެން އެންމެންވެސް ބޮލުގައި އަތް އަޅާ ހެދީމެވެ. ތިމަންމެންގެ ތެރޭގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި ޢަބްދުﷲ ބިން ރަވާޙާ ފިޔަވާ ރޯދަ އަށް ތިއްބެވި އެއްވެސް ބޭކަލު ނުވެއެވެ".

- އެމީހެއްގެ ޛިންމާ އަދާ ކުރުމުގައި އެންމެ ރަގަޅު ގޮތަކީ އަވަހަށް ރޯދަ ހިފާ ނިންމާލުމެވެ. ފަހުން އަދާ ކުރާނެ ދަރަންޏެއް ނުބޭއްވުމެވެ.

- ވަގުތުގައި ރޯދަ ހިފުމަކީ އެންމެ ފަސޭހަ ގޮތެވެ. ސަބަބަކީ މީސްތަކުންނާއި އެކުގައި ރޯދަ ހިފާ އަދި މީސްތަކުންނާއި އެކު ރޯދަ ވީއްލުމަކީ އެންމެ ފަސޭހަ ގޮތެވެ.

ދެވަނަ ޙާލަތަކީ: ރޯދަ ވީއްލުމަކީ އޭނާ އަށް ފަސޭހަ ގޮތް ކަމުގައިވުން. މި ޙާލަތުގައި ރޯދަ ދޫކޮށްލުން އެއީ މޮޅުއިތުރުވެގެންވާ ގޮތެވެ. އުނދަގުލާއި އެކުގައިވެސް ރޯދަ ހިފައިފިނަމަ އެކުރެވުނީ މަކްރޫހަ ކަމެކެވެ. ސަބަބަކީ ރުޚްޞަތު އޮއްވާ އޭގައި ނުހިފީތީވެއެވެ.

ތިންވަނަ ޙާލަތަކީ: ރޯދަ ހިފުމަކީ އޭނާ އަށް ވަރަށް ބޮޑަށް އުނދަގޫ ކަމަކަށްވުން، މިފަދަ ޙާލަތުގައި ރޯދަ ހިފުމަކީ އޭނާގެ ޙައްގުގައި ޙަރާމް ކަމެކެވެ. މިކަމުގެ ދަލީލަކީ ما رواه مسلم عَنْ جَابِرِ بْنِ عَبْدِ اللَّهِ رَضِيَ اللَّهُ عَنْهُمَا أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ خَرَجَ عَامَ الْفَتْحِ إِلَى مَكَّةَ فِي رَمَضَانَ فَصَامَ حَتَّى بَلَغَ كُرَاعَ الْغَمِيمِ فَصَامَ النَّاسُ ثُمَّ دَعَا بِقَدَحٍ مِنْ مَاءٍ فَرَفَعَهُ حَتَّى نَظَرَ النَّاسُ إِلَيْهِ ثُمَّ شَرِبَ فَقِيلَ لَهُ بَعْدَ ذَلِكَ إِنَّ بَعْضَ النَّاسِ قَدْ صَامَ فَقَالَ أُولَئِكَ الْعُصَاةُ أُولَئِكَ الْعُصَاةُ

މާނައަކީ: މާތް ﷲ ރުއްސުންލެއްވި ޖާބިރު ބިން ޢަބްދިﷲ ގެ ކިބައިން ރިވާވެގެންވެއެވެ. މައްކާ ފަތަޙަ ކުރެއްވި އަހަރުގެ ރަމަޟާން މަހުގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މައްކާ އަށް ވަޑައިގަތުމަށް ނިކުމެވަޑައިގަތެވެ. ކުރާޢުލް ޣީމޭ ކިޔުނު ހިސާބަކަށް ދެވެންދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހުންނެވީ ރޯދަ އަށެވެ. އަދި ތިމަންމެންވެސް ތިބީ ރޯދަ އަށެވެ. ދެން އެކަލޭގެފާނު ފެންކަންވާރެއް ގެނައުމަށް އަމުރު ކުރެއްވިއެވެ. އަދި ފެންކަންވާރު އެކަލޭގެފާނަށް އެރުވުމުން އަތްމައްޗަށް ނަންގަވާ މީސްތަކުންނަށް ފެންނާނެ ގޮތަށް އުފުއްލެވިއެވެ. އެއަށްފަހު އެފެން ކަންވާރުން ފެންފޮދު ހިއްޕެވިއެވެ. އެއަށް ފަހުގައި އެކަލޭގެފާނަށް ދެންނެވުނެވެ. ބައެއް ޞަޙާބީން އަދިވެސް ތިއްބެވީ ރޯދައަށެވެ. ޙަދީޘް ކުރެއްވިއެވެ. އެބައިމީހުންނަކީ އުރެދުނު މީހުންނެވެ. އެބައިމީހުންނަކީ އުރެދުނު މީހުންނެވެ". މި ޙަދީޘް ގައި މިވަނީ އުނދަގުލާއި އެކުގައި ދަތުރު މަތީގައި ރޯދަ ހިފުމަކީ މާތް ﷲ އަށް އުރެދުމެއް ކަމުގައި ކަނޑައަޅުއްވާފައެވެ. والله أعلم


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން