މަޑުއްވަރީ ކައުންސިލާ މާސްކް ހަވާލުކުރުމުގެ ރަސްމިއްޔާތު
މަޑުއްވަރީ ކައުންސިލާ މާސްކް ހަވާލުކުރުމުގެ ރަސްމިއްޔާތު
މ. މަޑުއްވަރީގައި އިޖްތިމާޢީ ގިނަ ޙަރަކާތްތަކެއް ހިންގަމުން ގެންދާ ކްލަބް އަޕްރައިޒިންގ ގެ ފަރާތުން މަޑުއްވަރީ ކައުންސިލަށް މާސްކް ހަދިޔާކޮށްފިއެވެ.

ކޯވިޑް-19 އާ ގުޅިގެން ރައްޔިތުންގެ އާއްމު ސިއްޙަތަށް ކުރިމަތިވެފައިވާ ހީރާސް އަށް ލުޔެއް ފޯރުކޮށްދިނުމުގެ ގޮތުން އެ ކްލަބުން 300 ފޮތި މާސްކް މ. މަޑުއްވަރީ ރައްޔިތުންނަށް ބެހުމަށްޓަކައި، މ. މަޑުއްވަރީ ކައުންސިލަށް ހަދިޔާކޮށްފައިވާ ކަމަށް އެ ކްލަބުން ވަނީ ބުނެފައެވެ.

ކްލަބް އަޕްރައިޒިންގ ގެ ޗެއަރމަން އާދަމް ސުޢުބާން "ރަސް އޮންލައިން" އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ފޮތި މާސްކު ފޯރުކޮށްދިނުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ، ގިނަ ދުވަހަށް ދޮވެގެންވެސް ބޭނުންކުރެވޭނެ އެއްޗަކަށް ފޮތި މާސްކު ވާނެތީ ކަމަށެވެ.

"އަޅުގަނޑުމެން މި ފޯރުކޮށްދިނީ 300 ފޮތި މާސްކް. މި ކުޑަކުޑަ އެހީގެ ސަބަބުން ފަރުދީ ޒިންމާ އަދާކުރުމުގައި، ރައްޔިތުންނަށް އިތުރު ފަސޭހައެއް ލިބިގެން ދިއުމަކީ އަޅުގަނޑުމެންގެ އުއްމީދު. އަދި ފޮތި މާސްކު ބޭނުން ކުރަށްވާއިރުވެސް މާސްކުގެ ސާފުތާހިރުކަމަށް ސަމާލުކަންދީ، ރައްކާތެރި ގޮތުގައި ބޭނުންކުރުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް." ސުޢުބާން ވިދާޅުވިއެވެ.

ރާއްޖެ މިހާރު ނިއު ނޯމަލް އަކަށް ދާއިރު، މިއީ ކްލަބްގެ ފަރާތުން މަޑުއްވަރީ ރައްޔިތުންނަށް ދިން ކުޑަކުޑަ ހަދިޔާއެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މިސްކިތަށް ދިއުމާއި، މަގުމައްޗަށް ނުކުމެ އުޅުމުގައި މާސްކް ބޭނުން ކުރުމަކީ ތިމާ އާއި، އެހެނިހެން ރައްޔިތުންގެ ރައްކާތެރިކަމަށް ވެދެއްވޭނެ އެހީތެރިކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެދެނީ ހުރިހާ ރައްޔިތުންވެސް ފަރުދީ ޒިންމާ އަދާކޮށް ކަމާބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުތައް ބެހެއްޓެވުމަށް. މާތްﷲ އަޅަމެންނަށް ދުޅަހެޔޮ ސިއްޙަތެއް މިންވަރު ކުރަށްވައި މި ޢާލަމީ ވަބާއިން މުޅި ދުނިޔެ ސަލާމަތްކޮށްދެއްވާށި!" ސުޢުބާން ގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.

ކްލަބް އަޕްރައިޒިން އަކީ މ. މަޑުއްވަރީގެ ނޫކަށިފުރާގެ ގިނަ ޒުވާނުން ތަކެއް ގުޅިގެން އުފައްދާފައިވާ ކްލަބެކެވެ. މި ކްލަބުން ގިނަ ޙަރަކާތްތަކެއް ކުރިއަށް ގެންދާއިރު، މީގެ ކުރިން ވަނީ ޑައިބެޓިކްސް އެސޯސިއޭޝަނާ ގުޅިގެން ރައްޔިތުންގެ އާއްމު ސިއްޙަތު މޮނިޓަރ ކުރުމުގެ ޕްރޮގްރާމެއްވެސް ކުރިއަށް ގެންގޮސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން