ކުރީ ސަރުކާރުތަކުން ހިންގާފައިވާ ކަމަށް ބުނާ ހިޔާނާތުގެ މައްސަލަތައް ބަލައި ގެއްލުނު ފައިސާތައް ހޯދުމަށް މި ސަރުކާރުން އުފެއްދި އެސެޓް ރިކަވަރީ ކޮމިޝަން ފެއިލްވެ ނަތީޖާ ނުނެރެވުމުން އެކަމުގެ ޒިންމާ ސަރުކާރުން ނަގަން ޖެހޭނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދުމަށް ރައީސް ސާލިޙު އެކުލަވާލެއްވި "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" އެމަނިކުފާނު މިހާރު ވަނީ އުވާލައްވާފައެވެ. އެކަމާ ގުޅިގެން އާދަމް ޝަރީފް ވިދާޅުވީ އެސެޓް ރިކަވަރީ ކޮމިޝަން ފެއިލްވި ސަބަބު ދެނެގަންނަން ޖެހޭ ކަމަށެވެ. ބޮޑު ހަރަދެއް ރައްޔިތުންގެ ފައިސާއިން އެކަމަށް ހޭދަކޮށްފައިވާއިރު ނަތީޖާ ނުނެރެވުމުން ސަރުކާރުން އެކަމުގެ ޒިންމާ ނަގަން ޖެހޭނެ ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.



"އެމްއެމްޕީއާރުސީގެ ފައިސާ ނެގި މީހުންގެ ތެރޭގައި ސަރުކާރުގެ ވެރީން ހިމެނޭ. އެ ފައިސާ ނުހޯދޭނެ." އާދަމް ޝަރީފް ވިދާޅުވިއެވެ.

ރައީސް ސާލިޙު ވެރިކަމުގެ ހުވާކުރެއްވުމަށްފަހު 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އެމަނިކުފާނު އުފެއްދެވި ރިޔާސީ ކޮމިޝަނަށް ފާއިތުވި އަހަރުގެ ނޮވެންބަރު މަހާ ހަމައަށް 9.7 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ހޭދަކޮށްފައެވެ.

ރައީސް އޮފީހުން އެކަމާ ގުޅޭގޮތުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ އެސެޓް ރިކަވަރީ ކޮމިޝަން އުވާލެއްވުމާއެކު ކޮމިޝަނުން ކުރަމުން ދިޔަ މަސައްކަތް ދެން ކުރާނީ ކަމާގުޅުންހުރި މުއައްސަސާތަކުންކަމަށެވެ. އެކޮމިޝަން އުވާލައްވާފައިވަނީ ހުސްވެފައިވާ އޭސީސީ އަށް މެމްބަރުން އައްޔަންކުރެއްވުމަށްފަހުގައެވެ.



ކިޔުންތެރިންގެ ހިޔާލު