އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިއާ ސެލީނާ ކިންތަނިއްޔާ ޕެރޭޒް މަރުވިތާ 26 އަހަރު ފަހުން އޭނާގެ އަލްބަމެއް ރިލީޒްކުރަން ނިންމައިފިއެވެ.

1980 ގެ އަހަރުތަކުން ފެށިގެން 1990 ގެ އަހަރުތަކުގައި މެކްސިކަން މިއުޒިކް ސްޓައިލަށް ލަވަކިއުމުގައި މަޝްހޫރުވި ސެލީނާ ކިންތަނިއްޔާ ޕެރޭޒް މަރާލައިފައިވަނީ 1995 ވަނަ އަހަރުއެވެ. އުމުރުން އެންމެ 23 އަހަރުގައި ސެލީނާގެ ގަޔަށް ބަޑިޖަހާ މަރާލީ އޭނާގެ ފޭން ކްލަބްގެ ރައީސެވެ. އޭނާގެ ކުއްލި މަރާއެކުވެސް "ކުއީން އޮފް ޓެޖާނޯ"ގެ ނަމުން މަޝްހޫރުވެފައިވާ މިލަވަ ކިޔުންތެރިޔާގެ އަޑެއް ފަނޑެއް ނުވެއެވެ.

އެގޮތުން ސެލީނާ ކިންތަނިއްޔާ ޕެރޭޒްގެ ބައްޕަ ވަނީ ސެލީނާގެ ރިލީޒްނުކޮށް ހުރި އާލަވަތަކަކާއި އެކު އަލްބަމެއް ރިލީޒްކުރަން ހަމަޖެހިފައިވާކަން އިއުލާންކޮށްފައެވެ. މި އަލްބަމުގައި ސެލީނާގެ 13 ލަވަ ހިމެނިގެން ދާއިރު އޭނާގެ އުމުރުން 13 އަހަރުގައި ރިކޯޑް ކޮށްފައިވާ ލަވައެއްވެސް ހިމެނިގެންދެއެވެ. މިލަވަ ހިމަނާފައިވަނީ ސެލީނާ މަރުވުމުގެ ކުރިން އޭނާގެ އަޑު ހުރިގޮތަށް ލަވައިގެ އަޑު ޑިޖިޓަލީ އަޕްގްރޭޑްކޮށްފައެވެ.

ސެލީނާގެ މިއަލްބަމް އަންނަ މަހު ރިލީޒްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ލަވަކިއުންތެރިން މަރުވުމުން، އެމީހުން ރިކޯޑްކޮށް ރިލީޒް ނުކޮށް ހުންނަ ލަވަތައް ރިލީޒްކުރުމަކީ އާންމުކަމެކެވެ. އެގޮތުން މިހާރު މިދުނިޔެ ދޫކޮށްފައިވާ މެކް މިލަރ، ޖޫސް ވޯލްޑް، ފްރެޑީ މާކިއުރީ ފަދަ ބައެއްލަވަކިޔުންތެރިންގެ ލަވަތަކެއްވެސް މިފަހަކުން ވަނީ ރިލީޒްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން