ހިންދީ ފިލްމު "ދަ ކަޝްމީރް ފައިލްސް" އިން ގިނަބައެއްގެ ހިތްތައް ރޮށްވާލައިފިއެވެ.

މިފިލްމަކީ 1990 ވަނަ އަހަރު އިންޑިއާގެ ކަޝްމީރު ސަރަހައްދުގައި ދިރިއުޅުނު ހިންދޫ ދީނުގެ ޕަންޑިތުން އަނިޔާވެރިކަމާއެކު އެސަރަހައްދުން ބޭރުކުރި ހާދިސާގެ މައްޗަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ. އިންޑިއާގައި މިހާރު މުސްލިމު ޖަމާއަތްތަކުގެ ބާރުގެ ދަށުގައިވާ ކަޝްމީރަކީ ކުރިން ހިންދޫ ދީނުގެ މީހުން ގިނަ ސަރަހައްދެކެވެ.

ނަމަވެސް ކަޝްމީރުގައި އިސްލާމީ ހަރުކަށި ޖަމާއަތްތައް އިތުރުވުމާއިއެކު ހިންދޫ ދީނުގެ ޕަންޑިތުން އެސަރަހައްދުގައި ދިރިއުޅުމަށް އެތައް ހުރަސްތަކަކާއި ކުރިމަތިލާން ޖެހުނެވެ. އެގޮތުން ގެއިން ނެރުމާއި މުދާ އަތުލުމާއި އެކި ކަހަލަ އަނިޔާވެރިކަން ތަހައްމަލު ކުރަން މަޖުބޫރުވިއެވެ.

މިއާއެކު އެސަރަހައްދުން ހިންދޫ ދީނަށް ނިސްބަތްވާ މީހުން އިންޑިއާގެ އެކި ސަރަހައްދުތަކަށް ބަދަލުވާންފެށިއެވެ. އެއަށްފަހު 1990 ވަނަ އަހަރު ކަޝްމީރުގެ އިސްލާމީ ހަރުކަށި ޖަމާއަތްތައް ނިކުމެ، އެސަރަހައްދުގައި ބާކީ ތިބި ހިންދޫ ދީނަށް ނިސްބަތްވާ މީހުންނަކީ ކާފިރުން ކަމަށް ކަނޑައަޅައި، މުސްލިމަކަށް ވުމުން ނޫނީ ފުރާނަ ސަލާމަތް ނުވާނެކަމަށް ބިރުދައްކަން ފެށިއެވެ. މިއާއެކު ލައްކައެއްހާ ހިންދޫ ދީނަށް ނިސްބަތްވާ މީހުން ވަނީ ކަޝްމީރު ދޫކޮށް އަވަށްޓެރި ސިޓީތަކަށް ރެފިއުޖީންގެ ގޮތުގައި ހިޖުރަކޮށްފައެވެ.

ކަޝްމީރުގައި ދިރިއުޅުނު ހިންދޫ ދީނަށް ނިސްބަތްވާ މީހުންނަށާއި، ހިންދޫ ދީނުގެ ޕަންޑިތުންނަށް ކުރިމަތިވި އަނިޔާވެރިކަމަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ހިންދީ ފިލްމު "ދަ ކަޝްމީރް ފައިލްސް" ރިލީޒްކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ.

މިފިލްމުގެ ލީޑުން މިތުން ޗަކްރަބޮތީ އަދި އަނުޕަމް ކޭރް ފެނިގެން ގޮސްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން