މަސައްކަތުގައި އަވަދިނެތި އުޅެންޖެހޭ ދުވަސްދުވަހު ހާއްސަކޮށް ބޮޑަށް ވަރުބަލިވެ ހަކަތަ ދަށްވާކަން ފާހަގަކުރެވޭނެއެވެ. މިފަދަ ދުވަސް ދުވަހު ފޮނިއެއްޗެއް ކާލުން ނުވަތަ އެނަރޖީ ބުއިމެއް ނުވަތަ ދެވަނަ ކޮފީތަށި ބޯލުމުން ވަގުތީގޮތުން ހަށިގަނޑުގައި ވަރުޖައްސައިދިނަސް އެއީ ސިއްހަތަށް އެންމެ ފައިދާ ހުރި ކަމެއްތޯ ވިސްނާލުން ރަނގަޅެވެ.

ހަށިގަނޑުގައި ވަރުޖައްސާލުމަށް އެންމެ ރަނގަޅީ ސިއްހަތަށް ފައިދާހުރި ކާނާއެވެ. އެގޮތުން މުޅި ދުވަހު ހަށިގަނޑުގައި ވަރުޖައްސާލައި ހަކަތަ އިތުރުކޮށްލުމަށް ޕްރޮޓީންސް އަދި ކޮމްޕްލެކްސް ކާބްސް ގިނައިން އެކުލެވޭ ކާނާގެ ބާވަތްތައް ބޭނުންކުރަން އިސްކަމެއް ދިނުމަށް ސިއްހީ މާހިރުން ލަފާދެއެވެ.

ހަށިގަނޑުގައި ވަރުޖައްސާލައި ހަކަތަ އިތުރުކޮށްލުމަށް ޕްރޮޓީންސް އަދި ކޮމްޕްލެކްސް ކާބްސް ގިނައިން އެކުލެވޭ ކާނާގެ ބާވަތްތަކުގެ ތެރޭގައި:

▪︎ ކޮޓެޖް ޗީޒް



ޕްރޮޓީންސް ގިނައިން އެކުލެވޭ ކޮޓެޖް ޗީޒުގެ އެއްތަށީގައި 25 ގްރާމް ޕްރޮޓީންސް ހިމެނެއެވެ. ދިރާސާތަކުން ދައްކާގޮތުގައި ހަށިގަނޑަށް ބިހުން ލިބޭހާ ފައިދާ ކޮޓެޖް ޗީޒުން ލިބެއެވެ. އެގޮތުން ހަށިގަނޑުގައި ވަރުޖައްސާލައި ހަކަތަ އިތުރުކޮށްލުމަށް ސްނެކެއްގެ ގޮތުގައިވެސް ކޮޓެޖް ޗީޒް ބޭނުންކޮށްލެވިދާނެއެވެ.

▪︎ ސޭމޮން



މަހުގެ ބާވަތްތަކުގެ ތެރެއިން ސޭމޮން އަކީ ވިޓަމިން ބީ އަދި ބީ12، ވިޓަމިން ޑީގެ އިތުރުން ޕްރޮޓީންސް ގިނައިން އެކުލެވޭ މަހުގެ ބާވަތެކެވެ. އެގޮތުން އާންމުކޮށް ކެއިން ބުއިމުގެ އެކި ޑައިޓުގައިވެސް މިމަސް ހިމަނާލުމުން ހަށިގަނޑުގައި ވަރުޖައްސާލައި ހަކަތަ އިތުރުކޮށްލުމަށް އިސްރޯލެއް އަދާކުރެއެވެ.

▪︎ ގްރީކް ޔޯގަޓް



ގްރީކް ޔޯގަޓުގައި ޕްރޮޓީންސްގެ އިތުރުން ކެލްސިއަމް ފަދަ ސިއްހަތަށް ފައިދާހުރި މާއްދާތައް އެކުލެވުމުގެ ސަބަބުން އާންމުކޮށް ކެއިން ބުއިމުގެ ޑައިޓުތަކުގައި ނުވަތަ ސްނެކެއްގެ ގޮތުގައިވެސް ބޭނުންކުރެވިދާނެއެވެ. އެގޮތުން މޭވާގެ އެކި ބާވަތްތައް ނުވަތަ އެކިކަހަލަ ބަދަނުގެ ބާވަތްތަކާއެކު ގްރީކް ޔޯގަޓް ބޭނުންކުރެވިދާނެއެވެ.

▪︎ އަލްމޮންޑްސް



ބަދަނުގެ އެކި ބާވަތްތަކުގެ ތެރެއިން އަލްމަންޑްސް އަކީ ޕްރޮޓީންސް އަދި ފައިބަރ ގިނައިން އެކުލެވޭ ކާނާގެ ބާވަތެކެވެ. މީގެ އިތުރުން މިނަރަލްސް އަދި މެންގަނީޒް، ކޮޕަރ، ރައިބޯފްލޭވިން، ވިޓަމިން އީ، ކެލްސިއަމް އަދި ޕޮޓޭސިއަމް ފަދަ ވިޓަމިންސް ގިނައިން އެކުލެވޭ އަލްމޮންޑްސްއަކީ ހަށިގަނޑުގައި ވަރުޖައްސާލައި ހަކަތަ އިތުރުކޮށްލާދޭ ބަދަނުގެ ބާވަތެކެވެ.

▪︎ ޑާކް ޗޮކޮލެޓް



ޑާކް ޗޮކޮލެޓަކީ ގިނައިން އެންޓޮއޮކްސިޑަންޓްސް އެކުލެވޭ އެއްޗެކެވެ. ސިއްހަތަ ފައިދާހުރި ގިނަ މާއްދާތަކެއް އެކުލެވޭ ޑާކް ޗޮކޮލެޓަކީ ބްލަޑް ޕްރެޝަރ ވެސް ދައްކޮށްދޭ އެއްޗެކެވެ. ނަމަވެސް ޑާކް ޗޮކޮލެޓް ސިއްހަތަށް ފައިދާ ވަނީ ކޮކޯގެ މިންވަރު އިތުރުވިވަރަކަށެވެ. އެގޮތުން ސްނެކެއްގެ ގޮތުގައި 75 ޕަސެންޓް ޑާކް ޗޮކޮލެޓް ބޭނުން ކުރުމުން ސިއްހަތަށް ފައިދާބޮޑުކަމަށް ސިއްހީ ދިރާސާވެރިން ބުނެއެވެ.

▪︎ ކައްޓަލަ



ސްވީޓް ޕޮޓޭޓޯ ނުވަތަ ކައްޓަލަ އަކީ ކޮމްޕްލެކްސް ކާބްސް ގިނައިން އެކުލެވޭ ކާނާގެ ބާވަތެކެވެ. މީގެއިތުރުން ވިޓަމިން އޭ އަދި ސީ ގިނައިން އެކުލެވޭ ކައްޓަލައިން ހަށިގަނޑުގެ ދިފާއީ ބާރު ވަރުގަދަކޮށްދިނުމަށްވެސް އެހީތެރިވެދެއެވެ.

▪︎ ދޮންކެޔޮ



ހަށިގަނޑުގައި ވަރުޖައްސާލައި ހަކަތަ އިތުރުކޮށްލުމަށް ދޮންކެޔޮ ވަރެއްނެތެވެ. ހާއްސަގޮތެއްގައި ހަކުރުގެ ތަފާތު ބާވަތްތައްކަމަށްވާ ފްރުކްޓޯޒް، ގްލޫކޯޒް އަދި ސުކްރޯޒް ފަދަ މާއްދާތަކުން ހަށިގަނޑުގައި ވަރުޖައްސާލައި ހަކަތަ އިތުރުކޮށްލުމަށް މާގިނަވަގުތެއް ނުނަގާކަމަށްވެސް ދިރާސާތަކުން ދައްކައެވެ. އެގޮތުން އާންމުކޮށް ކެއިން ބުއިމުގެ ޑައިޓުތަކުގައި ނުވަތަ ސްނެކެއްގެ ގޮތުގައިވެސް ދޮންކެޔޮ ބޭނުންކުރެވިދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން