މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރަމުންދާއިރު، އަންހެނުން ބާރުވެރި ކުރުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވެސް ގެންދަނީ ނުހަނު އަގުހުރި މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން އިދާރީ މަސައްކަތުން ފެށިގެން ފުލުހުންގެ އިސްސަފުގައި ފައިހަމަކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް ދިވެހި އަންހެން ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. މިކަން ދިވެހި އަންހެން ފުލުހުންގެ ޚިދުމަތުގެ ތެއްތިރީސް އަހަރުވީ ތާރީހުން ވެސް ހެކި ދެއެވެ.

ދިވެހި ތާރީހަށް ނަޒަރު ހިންގައިލާއިރު، އެންމެ ފުރަތަމަ ސިފައިންނާއި ފުލުހުންގެ ޚިދުމަތުގައި އަންހެނުން ހަރަކާތްތެރިވާން ފަށާފައިވަނީ 1989 މާރިޗު 1 ވަނަ ދުވަހުއެވެ. އެގޮތުން، އެންމެ ފުރަތަމަ ސިފައިންގެ ޚިދުމަތަށް ނަގާފައިވަނީ 65 އަންހެނުންނެވެ. ފިރިހެނުންނެކޭ އެއްފަދައިން އަންހެނުން ވެސް މިދާއިރާއިން ޓްރޭނިންގތައް ހަދައި ސިފައިންގެތެރޭގައި ހަރަކާތްތެރިވާންފެށިއެވެ. އޭރު މިދާއިރާއާ ގުޅުނު ގިނަ އަންހެން ސިފައިން މަސައްކަތް ކުރަމުން ގޮސްފައި ވަނީ ފުލުހުންގެ ދާއިރާގައި ޕޮލިސް ހެޑްކުއާޓަރުގައެވެ.

އެގޮތުން އަސްރާރް މުހައްމަދުއާއި، އާމިރާ ޔޫސުފް އަދި އާމިނަތު ހަނީފާއާއި، އާމިނަތު ޢަބްދުލްހާދީއާއި، ފާތިމަތު އަޒްލިފާ އަދި ޒުހުރާ އިބްރާހީމް ފަދަ އަންހެން ފުލުހުން ފާހަގަކޮށްލެވެއެވެ. މި ކަނބަލުންގެ ތެރެއިން މިހާރު ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ޒުހުރާ އިބްރާހީމް ފިޔަވައި އެހެން ކަނބަލުން މިއަދު ފުލުހުންގެ ޚިދުމަތުން ރިޓަޔަރ ވެފައިވީ ނަމަވެސް މި ކަނބަލުންނަކީ ވެސް ފުލުހުންގެ ތެރޭގައި ފާހަގަކޮށްލެވޭފަދަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ކަނބަލުންކަން އުފަލާއެކު ފާހަގަކުރަމެވެ.

ސިފައިންނާއި ފުލުހުން ވަކި ދެ މުއައްސަސާއަކަށް ބަދަލުވުމުގެ ކުރިން ސިފައިންގެ ތެރޭގައި އަދި ފުލުހުންގެ ތެރޭގައިވެސް އަންހެން ކޮމިޝަންޑު އޮފިސަރަކު ނުހުރެއެވެ. 2004 ވަނަ އަހަރު ޗީފް ސްޓޭޝަން އިންސްޕެކްޓަރެއްގެ މަގާމުގައި ފުލުހުންގެ ދާއިރާއާ އަލަށް ގުޅުނު އަންހެން ފުލުހަކީ ފާތިމަތު އިނާލާއެވެ. ފުލުހުންގެ ޓްރެއިނިންގ ހެދުމަށްފަހު ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގައި ފުލުހުންގެ އަންހެން ކޮމިޝަންޑު އޮފިސަރެއްގެ މަގާމަށް ދިވެހި ތާރީހުގައި ފާތިމަތު އިނާލާގެ ނަން ފެވިގެން ދިޔައެވެ.

ފާތިމަތު އިނާލާ އަކީ މާސްޓަރ ކޯސް ފުރިހަމަކުރުމަށްފަހު ފުލުހުންގެ މަސައްކަތަށް ނުކުތް ފުރަތަމަ އަންހެން ފުލުހެވެ. އެއަށްފަހު މަޑުމަޑުން އަންހެން ފުލުހުންވެސް މިދާއިރާއަށް ނުކުންނަންފަށައި އަދި ރާއްޖެއާއި ރާއްޖޭން ބޭރުންވެސް ތަފާތު ކޯސްތައް ހަދަމުން ގެންދިޔައެވެ.

އެގޮތުން މާސްޓަރ ކޯސް ފުރިހަމަ ކުރުމަށްފަހު ކޮމިޝަންޑު އޮފިސަރެއްގެ މަގާމަށް އަންޔަނު ކުރެވުނު ދެ ވަނަ އަންހެން ފުލުހަކީ މިރުފަތު ފާއިޒެވެ. އަދި ތިން ވަނަ އޮފިސަރެއްގެ ގޮތުގައި އިޒްމިއާ ޒާހިރު ވެގެންދިޔައެވެ. މި ތިން ކަނބަލުންގެ ތެރެއިން މިހާރު ފުލުހުންގެ ހިދުމަތުގައި ހުންނެވީ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިޒްމިއާ ޒާހިރެވެ.

ފުލުހުންގެ ޚިދުމަތް ފުޅާވެ، ވަކި މުއައްސަސާއެއްގެ ގޮތުގައި ހަމަޖެހުމާއެކު ފިރިހެން ފުލުހުންނެކޭ އެއްފަދައިން އަންހެން ފުލުހުން ވެސް އަތޮޅު ޕޮލިސް ސްޓޭޝަންތަކުގައި މަސައްކަތް ކުރަން ފެށިއެވެ. ޕޮލިސް ސްޓޭޝަންތަކުގެ އިންޗާޖުންގެ ގޮތުގައާއި ޕެޓްރޯލް މަނުންގެ ގޮތުގައެވެ.

އެގޮތުން އެންމެ ފުރަތަމަ ޕޮލިސް ސްޓޭޝަނެއްގެ އިންޗާޖެއްގެ ގޮތުގައި އަތޮޅު ޕޮލިސް ސްޓޭޝަނެއްގައި މަސައްކަތްކުރި އަންހެން ފުލުހަކީ އަސްރާރު މުހައްމަދެވެ. އަސްރާރް މުހައްމަދު ވަނީ 2003 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށް ކ. ތުލުސްދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކޮށްފައެވެ. އަތޮޅު ޕޮލިސް ސްޓޭޝަންގެ އިންޗާޖެއްގެ ގޮތުގައި ދެ ވަނައަށް މަސައްކަތްކުރި އަންހެން ފުލުހަކީ މިހާރު ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި މަރިޔަމް އަޒުމާއެވެ.

އަތޮޅުތަކެކޭ އެއްފަދައިން މާލޭގައިވެސް އަންހެން ފުލުހުންގެ ޚިދުމަތް ފުޅާވެގެން ދިޔައެވެ. ކުރިން ކޮމާންޑު ސެންޓަރާއި އިންވެސްޓިގޭޝަން އޮފިސަރ އަދި އެޑްމިން މަސައްކަތްތައް އަންހެން ފުލުހުން ކުރަމުން ދިޔަ ނަމަވެސް މަގުމަތީގައި ފޯރިމެރުމާއި، ކުށުގެ ވެއްޓަށް ދިއުމާއި، ކުށްވެރިން ބެލެހެއްޓުމާ، އަދި ފޮރެންސިކް ތަހުލީލުތަކުގައާއި ވިލީ ފުލުސް ތަކުގެ އިންޗާޖުކަމުން ފެށިގެން ކޮމާންޑަރުންގެ ލެވެލްގައި ވެސް އަންހެން ފުލުހުންގެ ދައުރު ދުވަހެއް ދުވަހަކަށް ފުޅާވަމުން ދިޔައެވެ.

ފުލުހުންގެ ޚިދުމަތާ އަލަށް ގުޅޭ އަންހެނުން އިތުރުކޮށް މުޅި ރާއްޖެއަށް އަންހެން ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް މިހާރުވެސް ދަނީ ކުރެވެމުންނެވެ. މިގޮތުން މިއަދު ދިވެހި ފުލުހުންގެ ޚިދުމަތުގެ އިސްސަފުގައި ގިނަ އަންހެން ފުލުހުން މަސައްކަތްކުރަމުން ގެންދާއިރު، އަތޮޅު ކޮމާންޑަރުންގެ ގޮތުގައާއި ރީޖަން ކޮމާންޑަރުންގެ ގޮތުގައި ވެސް އަންހެން ފުލުހުން ހަރަކާތްތެރިވަމުންދާކަމީ ތެއްތިރީސް އަހަރުވީ އަންހެން ފުލުހުންގެ ހިދުމަތަށް ލިބިފައިވާ އިތުރު ކާމިޔާބީއަކާއި ކުރިއެރުމެކެވެ. އަދި އެއީ ދިވެހި ފުލުހުންގެ ޚިދުމަތަށް ލިބޭ ފަހުރަކާއި ޝަރަފެކެވެ.

2021 މާރިޗް 9 ވަނަ ދުވަހު ފުރަތަމަ ފަހަރަށް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ ރޭންކު ތިން އަންހެން ފުލުހަކަށްވަނީ ލިބިފައެވެ. އެއީ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިޒްމިއާ ޒާހިރާއި، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މަރިޔަމް އަޒުމާއާއި، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ފާތިމަތު ނަޝްވާއެވެ.

ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ރޭންކުގެ އިތުރުން ކޮމިޝަންޑު އޮފިސަރ ރޭންކުތަކާއި ސީނިއަރ ނޮން ކޮމިޝަންޑު އޮފިސަރުންގެ ރޭންކުތަކުގައި ވެސް އަންހެން ފުލުހުން މިއަދު މަދެއް ނޫނެވެ. ވަކިން ހާއްސަކޮށް ޑިރެކްޓަރުގެ މަގާމާ ހަމައަށް އަންހެން މުވައްޒަފުން ފުލުހުންގެ ޚިދުމަތުގައި މިއަދު މަސައްކަތް ކުރަމުންދާކަމީ ވެސް އުފާކުރަންޖެހޭ ކަމެކެވެ.

ދިވެހި އަންހެން ފުލުހުންގެ ޚިދުމަތުގެ ދުވެލި މިއަދު މިވަނީ އަތުނުޖެހޭ މިންވަރަށް ހަލުވިވެ ކުރިއަރާފައެވެ. އެގޮތުން، ރާއްޖެއާއި ރާއްޖޭން ބޭރުގައި ހިންގާ ފުލުހުންގެ އެކި ތަމްރީނުތައް ފުރިހަމަކޮށްފައިވާ ގާބިލު އަންހެން ފުލުހުންނާއި އަންހެން ސިވިލް މުވައްޒަފުން މިއަދު ދިވެހި ފުލުހުންގެ ޚިދުމަތުގައި އެބަތިއްބެވެ. ވަކިން ހާއްސަކޮށް ފުލުހުންގެ ޚިދުމަތުގައި އަންހެން ޑައިވަރުންނާއި، ޑްރައިވަރުން އަދި އަންހެން މެކޭނިކުން ފަދަ ކުރިން މި ޚިދުމަތުގައި އަންހެނުން މަސައްކަތް ނުކުރާފަދަ ދާއިރާތަކުންވެސް އަންހެން މުވައްޒަފުން ތަމްރީނުވެ ފެންނަމުންދާކަމީ މިކަމުގެ އަލިގަދަ ހެއްކެކެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށް ހާއްސަކޮށްގެން ފުލުހުންގެ ހިދުމަތުން ވަނީ މޯލްޑިވްސް ވިމެން އިން ޕޮލިސިންގެ ނަމުގައި ކޮމެޓީއެއް ވެސް އުފައްދާފައެވެ. މި ކޮމެޓީއަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނުގެ މަގުސަދުތަކާއި، އިސްތިރާޖީ އަމާޒުތަކުގެ ގޮތުގައި ކަނޑައަޅާ ލަނޑުދަނޑިތައް ހާސިލުކުރުމުގައި އަންހެން މުވައްޒަފުންގެ ދައުރު ފުލުހުންގެ ތެރޭގައި ވީހާވެސް ފުޅާކޮށް، ހަމަހަމަ ފުރުސަތުތަކެއް ފަހިކޮށްދިނުމާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަކީ އަންހެނުން ޝައުގުވެރިވާނެ ވަޒީފާއެއްގެ ގޮތުގައި ކުރިއަރުވައި ދެމެއްޓުމަށް މަސައްކަތްކުރުމުގެ އިތުރުން ފުލުހުންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރކޮށްފައިވާ އަންހެން މުވައްްޒަފުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައި، ކޮމިޝަނަރ އޮފް ޕޮލިހަށް ފުލުހުންގެ ގާނޫނުން ލިބިދީފައިވާ ބާރާއި އިހުތިޔާރުގެ ދަށުން އުފައްދާފައިވާ ކޮމެޓީއެކެވެ.

މިއަދު ފާހަގަކުރަމުންމިދާ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންމެހައި ކަނބަލުންނަށާއި އެ ކަނބަލުންގެ އާއިލާތަކަށް އަރިސްކުރަމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން