ޝަހީދުންގެ ދުވަހަކީ މީގެ އަހަރުތަކެއް ކުރިން ފެށިގެން ރާއްޖޭގައި ފާހަގަކުރަމުން އަންނަ ދުވަހެކެވެ. މި ދުވަސް ނިސްބަތްވެގެންވަނީ އިސްލާމްދީނާއި ޤައުމުގެ ދިފާޢުގައި ޕޯޗްގީޒުންނާ ހަނގުރާމަކުރައްވައި، ޢަލީ ރަސްގެފާނު ޝަހީދުވެވަޑައިގެންނެވި ދުވަހަށެވެ. އެއީ ހިޖުރައިން 965 ވަނަ އަހަރުގެ ޝަޢުބާން މަހުގެ އެއްވަނަ ދުވަހެވެ. އައްސުލްޠާނު ޢަލީ 6 ވަނަ ސިރީ އައުދަ ސިއާކަ ކައްތިރި ބަވަނަ މަހާރަދުން ނުވަތަ އަލިރަސްގެފާނު ޝަހީދުކުރެވުނުއިރު ރަސްކަމުގެ މުއްދަތަކީ 2 މަހާއި 15 ދުވަހެވެ. އެރަސްކަލުން ރަސްކަމަށް އިސްވެވަޑައިގަތީ މީގެ 458 އަހަރު ކުރިން، މީލާދީން 1،558 ވަނަ އަހަރުއެވެ. އެއީ ހިޖުރައިން 965 ވަނަ އަހަރުއެވެ.

ދިވެހިރާއްޖޭގެ ޝަހީދުންގެ ދުވަސް ފާހަގަކުރަނީ، ޤައުމަށްޓަކައި ޝަހީދުވެ ގޮސްފައިވާ ޤައުމީ އަބްޠާލުންގެ ޚިދުމަތްތަކުގެ ހަނދާންކޮށް، އެ އަބްޠާލުންގެ ޒިކުރާ އާލާކުރުންކަމަށް ވާއިރު، މިގޮތަށް ޒިކުރާ އައުކުރަންޖެހޭ އެތައް ބަޠަލުންނެއް ދިވެހި ބިން ދެކިފައިވެއެވެ. ފަހުގެ ތާރީޚަށް ބަލާއިރު، މިގޮތުން ފާހަގަކުރެވޭ އަބްޠާލުންނަކީ 1988 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހު އިސްލާމް ދީނާއި ދިވެހި ޤައުމުގެ ދިފާޢުގައި ބޭރުގެ ޓެރަސްރިސްޓް ހަނގުރާމަވެރިންނާ ހަނގުރާމަކޮށް ޝަހީދުވި ފަރާތްތައްކަން ފާހަގަކޮށްލެވެއެވެ. ޚާއްޞަކޮށް، އެ ހަނގުރާމައިން ދިވެހިންނަށް ނަޞްރު ހޯދުމަށް ފަހިކަން ލިބޭފަދަ ވަރުގަދަ ޙަމަލާތަކެއް ދުޝްމަނުންނަށް ދިނުމަށްފަހު ދުޝްމަނުންގެ އުންޑަތަކުން ޝަހީދުގެ ޙުސައިން އާދަމްއަކީ ޚާއްޞަކޮށް ޒިކުރާ އައުކުރަންޖެހޭ ބަޠަލެކެވެ. މީގެ އިތުރަށް ޤާނޫނީ މައްސޫލިއްޔަތު އަދާކުރަނިކޮށް މަރާލެވުނު ނުވަތަ މަރުވި ފުލުހުންނަކީވެސް އެމީހުންގެ ޒިކުރާ މި ޤައުމުން ދިރުވާ ބައެކެވެ.

ދިވެހި ތާރީޚްގެ ލިޔުންތަކުން ފާހަގަކުރެވޭ މިފަދަ ޝަހީދުންގެ ތެރޭގައި ޕޯޗްގީޒުން ޝަހީދުކުޅަ ޢަލިތަކުރުފާނާއި ފޯޗްގީޒުންނާ ހަނގުރާމަކުރައްވަނިކޮށް ޝަހީދުވި ކަނބާ ޢާއިޝާ ރަނިކިލެގެފާނާއި ހޮޅީންނާ ހަނގުރާމަކުރައްވަނިކޮށް ޝަހީދުކުޅަ އައްސުލްޠާނު އިބްރާހީމް ކަލާފާނު ހިމެނިވަޑައިގަންނަވައެވެ.

ޝަހީދުންގެ ދުވަސް ފާހަގަކުރުމުގެ އިތުރަށްވެސް ދިވެހިން އަންނަނީ އިސްލާމް ދީނާއި ދިވެހި ޤައުމަށްޓަކައި ހަނގުރާމަކުރައްވަނިކޮށް ޝަޙީދުވި އަބްޠާލުންގެ ޒިކުރާ އައުކުރުމަށް ތަފާތު ކަންތައްތައް ކުރަމުންނެވެ. އޭގެ ތެރޭގައި ރާއްޖޭގައި ބިނާކުރެވޭ އިސްލާމް ދީނުގެ އެންމެ މަތިވެރި ބިނާތައްކަމަށްވާ މިސްކިތްތަކަށް މިފަދަ ބަޠަލުންގެ ނަންފުޅުތަކަށް ނިސްބަތްކޮށް ނަންދިނުމާއި އަދި ސްކޫތްކާއި މަގުތަކާއި ޤައުމުގެ މުހިންމު އެހެން ބިނާތަކަށްވެސް މިގޮތަށް ނަންދީގެން އެ ބަޠަލުންގެ ނަންފުޅުތައް އުފުލައި ދެމެހެއްޓުން ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން