ކޮފީތަށި ކިތަންމެ މީރަސް ބައެއްފަހަރު ކޮފީތަށި ހުސްނުވާފަހަރު އާދެއެވެ. އެގޮތުން ހުސްނުވާ ކޮފީތަށި އިސްރާފުކޮށްލުމުގެ ބަދަލުގައި ކުރެވިދާނެ ކަމެއް ދެނެގަތުންވެސް ވަރަށް މުހިންމެވެ.

ގޭތެރޭގައި ގެންގުޅޭ ކުދި ގަސްގަހަށް ކޮފީއަކީ ވަރަށް ފައިދާ ހުރިއެއްޗެކެވެ. މިހެން ކަމުން ހުސްނުވެ ތަށީގެ ފުލުގައި ހުންނަ ބާކީ ކޮފީފޮދު އިސްރާފުކޮށްލުމުގެ ބަދަލުގައި ގޭތެރޭގައި ގެންގުޅޭ ކުދި ގަސްގަހުގެ ވެލިގަނޑަށް ބާކީވާ ކޮފީކޮޅު އަޅާލެވިދާނެއެވެ.

ވެލިގަނޑުން ގަހަށް ލިއްބައިދޭ މިނަރަލްސްއަކީ ގަހެއް ހެދި ބޮޑުވުމަށް އެންމެ ބޭނުންވާ އެއް މާއްދާއެވެ. ކޮފީގައި މިނަރަލްސްގެ އިތުރުން، ނައިޓްރިޖެން، ޕޮޓޭސިއަމް އަދި މެގްނީޒިއަމްފަދަ ގަސްގަހަށް ފައިދާ ހުރި މާއްދާތައް އެކުލެވެއެވެ.

މިހެން ކަމުން ގަސް އިންދާފައި ހުންނަ ވެލިގަނޑަށް ކޮފީ އެޅުމުން ގަހުގެ ސިއްހަތު ރަނގަޅުކޮށް ހެދިބޮޑުވުމަށް ބޭނުންވާ މާއްދާތައް އިތުރުވެގެންދެއެވެ.

ނަމަވެސް ހޫނުކޮށް ހުންނަ ކޮފީތަށި ގަސްބުޑަށް ނާޅާށެވެ. ހޫނު ފެނުގެ ސަބަބުން ގަހުގެ މޫތައް ހަލާކުވެ ގަހަށް އިތުރު ގެއްލުން ލިބުމުގެ ފުރުސަތު ބޮޑުކަމަށް ކަމާ ބެހޭ މާހިރުން ބުނެއެވެ. އަދި ކިރު ކޮފީ ގަސްބުޑަށް ނޭޅުމަށް ވެސް ކަމާބެހޭ މާހިރުން ބުނެއެވެ.

ގަހަށް ފައިދާ ވާގޮތަށް ކޮފީ އަޅާނަމަ، ކޮފީގެ ހިތިކަން ދައްވާވަރަށް ގިނައިން ފެން އެޅުން މުހިންމެވެ. އަދި ކޮފީގައި ގިނައިން އެސިޑް އެކުލެވޭ ބުއިމެއްކަމަށްވުމުން މާގިނަގިނައިން ގަސްބުޑަށް ކޮފީ އަޅާކަށް ނުވާނެއެވެ. އެގޮތުން އެންމެ ރަނގަޅު ގޮތަކީ ގަސްބުޑަށް ކޮފީ އަޅާނަމަ ހަފްތާއަކު އެއްފަހަރު ކޮފީއެޅުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން