ގިނައިން ފެން ބުއިމަކީ ހަށިގަނޑަށް ވަރަށް ފައިދާ ހުރި ކަމެކެވެ. ހާއްސަގޮތެއްގައި ހޫނު މޫސުމުގައި ގިނަގިނައިން ފެން ބުއިމުން ހަށިގަނޑު ޑީހައިޑްރޭޓް ވުން ދައްކޮށްދޭން އެހީތެރިވެދެއެވެ.

އަދި ފެންތައްޓަށް ލުނބޮއެއް ފެލާލައި ނުވަތަ ލުނބޯ ފޮއްޗެއް ލުމުން ފެނުގެ ރަހައަށް ބަދަލު އައުމުގެ އިތުރުން ސިއްހަތަށް ލިބޭ ފައިދާ އިތުރުވެގެންދެއެވެ.

ސިއްހީ ދިރާސާތަކާ ހަވާލާދީ ޑައިޓިޝަނުން ބުނާގޮތުގައި ލުނބޯ ފެން ނުވަތަ ލުނބޯފަނީގެ ސަބަބުން ބަނޑު ފުރި ބާރުވެފަ ހުންނަހެން ހީވުން ނުވަތަ ބްލޯޓްވުން ދައްކޮށްދެއެވެ. އަދި ހަށިގަނޑުގައި ފެނުގެ މިންވަރު އިތުރު ކޮށްދިނުމަށްވެސް އެހީތެރިވެއެވެ.

ލުނބޮޔަކީ ވިޓަމިން ސީ ގިނަ އަދަދަކަށް އެކުލެވޭ މޭވާއެކެވެ. އެންމެ ލުނބޮއެއްގައިވެސް 20 މިލިގްރާމްގެ ވިޓަމިންސީ އެކުލެވޭކަމަށް ދިރާސާތަކުން ދައްކައެވެ. މިއީ އިންސާނެއްގެ ހަށިގަނޑަށް ދުވާލެއްގެ މައްޗަށް ބޭނުންވާ ވިޓަމިންސީގެ 20 އިންސަތައެވެ. އެގޮތުން ލުނބޯފެން ބުއިމުން ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދީ ގިނަ އާންމު ބަލިތަކަކުން ރައްކާތެރިވުމަށްވެސް އެހީތެރިވެދެއެވެ.

ހަޖަމުކުރުމުގެ ނިޒާމަށް އުނދަގޫތަކެއް ކުރިމަތިވާނަމަވެސް ލުނބޯފެން ވަރެއް ނެތްކަމަަށް ސިއްހީ މާހިރުން ފާހަގަކުރެއެވެ. ހާއްސަގޮތެއްގައި ހެނދުނު ހުސްބަނޑާހުރެ، ތާފަނާ ފެނަށް ލުނބޮއެއް ފިތާލައި ނުވަތަ ލުނބޯ ފޮއްޗެއް ލައިގެން ބުއިމުން ހަޖަމުކުރުމުގެ ނިޒާމަށް އެހީވެދީ ބޮޑުކަމު ދިއުމަށް ފަސޭހަވެގެންދެއެވެ.

މީގެއިތުރުން ހަނގަނޑު ހައިޑްރޭޓްކޮށްލާ ރީތިކޮށް ބެހެއްޓުމަށް ފެން ގިނަގިނައިން ބުއިމަކީ ރަނގަޅު އާދައެކެވެ. އަދި ލުނބޯފެން ބުއިމުން ހަންގަނޑަށް ބޭނުންވާ ފައިދާހުރި ވިޓަމިންސީގެ މާއްދާތަކުން ހަންގަނޑުގެ ސިއްހަތު ރަނގަޅުކޮށް، ހަންގަނޑު އޮމާންކޮށްލާ، ޒުވާންކަންމަތީ ބެހެއްޓުމަށް އެހީތެރިވެދެއެވެ.

އަދި ލުނބޯފެނަކީ ހަށިގަނޑުގެ ބަރުދަން ލުއިކޮށްލުމަށްވެސް އެހީތެރިވެދޭ ބުއިމެއްކަމަށް ގިނަ ޑައިޓިޝަނުން ފާހަގަކުރެއެވެ.

ލުނބޯފެނަކީ ފިނިކޮށްވެސް ތާފަނާ ފެނުގައިވެސް ބޯލަން މީރު ބުއިމެކެވެ. އެގޮތުން ހަކުރު ނާޅާ ލުނބޮލެއްގެ ދެބައިކުޅަ އެއްބައި ނުވަތަ ހަތަރު ފަޅިކޮށްފައި އެއްފަޅި ފެންތައްޓަކަށް ފެލާލައިގެންވެސް ލުނބޯފެން ހެދޭނެއެވެ. އަދި ހުތް ރަހަ މަޑުކޮށްލުމަށް ލުނބޯ ފެލާލުމުގެ ބަދަލުގައި، ލުނބޯ ފޮތި ފޮތި ކޮށްލުމަށްފަހުވެސް ބޭނުންކުރެވިދާނެއެވެ.

މިގޮތަށް ލުނބޯފެން ބޯނަމަ އެންމެ ރަނގަޅުގޮތަކީ، ފެން ބުއިމުގެ ދެތިން ގަޑިއިރު ކުރިން، ފެނަށް ދެތިންފޮތި ލުނބޯ ލުމަށް ފަހު ބެހެއްޓުމެވެ. ނުވަތަ ރޭގަނޑު ފެންފުޅިއަކަށް ނުވަތަ ފެންޖަގަކަށް ލުނބޮއެއް ފޮތިކޮށްލާފައި ބެހެއްޓުމަށްފަހު އަނެއް ދުވަހު އެލުނބޯފެން ބުއިން ރަނގަޅެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން