ޔޫކްރޭންގައި އަދިވެސް ރާއްޖެ ނާދެވި ތާށިވެފައި 12 ދިވެހިން އެބަތިބި ކަމަށް ޚާރިޖީ ވުޒާރާއިން ބުނެފި އެވެ.

މިއަދު ބޭއްވު ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޚާރިޖީ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ ޢަބްދުﷲ ހުމައިދު ވިދާޅުވީ މިވަގުތު 12 ދިވެހިން ޔޫކްރެއިންގައި ތާށިވެފައި އެބަތިބި ކަމަށެވެ. އެމީހުން ހަންގޭރީއަށް ގެންދިއުމަށް މަސައްކަތްކުރަމުން އަންނަކަމަށާއި، ނަމަވެސް ދަތުރުފަތުރު ކުރުމަކީ މިވަގުތު ރައްކާތެރިކަމެއްކަމަށް ނުފެންނަކަމަށް ހުމައިދު ވިދާޅުވިއެވެ.

ހުމެއިދު ވިދާޅުވީ، މިހާރު ދިވެހިން ތިބި ސަރަހައްދުން ހަންގޭރީގެ ބޯޑަރާއި ހަމައަށް ދަތުރުކުރުމަށް 15 ގަޑިއިރު ނަގާނެކަމަށެވެ. އަދި އެމީހުންގެ ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށްވެސް އޭނާ މިއަދު ވިދާޅުވިއެވެ.

ޚާރިޖީ ވުޒާރައިން ބުނީ ޔޫކްރެއިންގެ މަސްރަހު ގޯސްވަމުން ދިއުމާއި ގުޅިގެން ޖަރުމަނުގައި ހުންނަ ދިވެހި އެމްބަސީން އެ ޤައުމުގައި ތިބި ދިވެހިންގެ ޙާލަތު ވަރަށް ކައިރިން ބަލަމުންގެންދާ ކަމަށެވެ. އަދި ޔޫކްރެއިންގައި މިވަގުތު ނާދެވި ތިބި 12 ދިވެހިން ހަންގޭރީގެ ބޯޑަރާއި ހަމައަށް ގެންދިއުމަށް ދެޤައުމުގެ ޚާރިޖީ ވަޒީރުން ނިއުޔޯކްގައި މަޝްވަރާކުރައްވާފައިވާކަމަށް ޚާރިޖީ ވުޒާރާއިން މިއަދު ހާމަކޮށްފައިވެއެވެ.



ޔޫކްރޭންގައި ތިބި ދިވެހިންގެ ތެރެއިން ހަންގޭރީއަށް މިހާރު ގެންގޮސްފައިވާ 15 ދިވެހިން މިއަދު ރާއްޖެ އަންނާނެކަމަށް ޚާރިޖީ ވުޒާރާއިން ވަނީ ބުނެފައެވެ. އޭގެ އިތުރުން ރަޝިޔާގައި މިވަގުތު ތިބި 88 ދިވެހިންނާއި ބެލަރޫސްގައި ތިބި 137 ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް ވެސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޚާރިޖީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

އެންމެ ފަހުގެ ޚަބަރުތައް ބުނާގޮތުން ގިނަ ދިވެހިން ތާށިވެފައި ތިބި ހާރްކީވް ސިޓީއަށް ރަޝިއާ ސިފައިން މިހާރު ވަނީ އަރާފައެވެ.



ކިޔުންތެރިންގެ ހިޔާލު