ސަންޖޭލީލާ ބަންސާލީގެ ހިންދީ ފިލްމު ގަންގޫބާއީ ކަތިއަވަޑީގެ ނަން ބަދަލުކުރަން ނުޖެހޭނެކަމަށް އިންޑިއާގެ ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

ސުޕްރީމް ކޯޓުން މިފަދަ ނިންމުމެއް ނިންމިކަން ހާމަކޮށްފައިވަނީ ގަންގޫބާއީގެ ދަރިއަކު ހުށައެޅި މައްސަލައެއް ބަލައި ނިންމާލަމުންނެވެ. ގަންގޫބާއީ އެޑޮޕްޓް ކޮށްފައިވާކަމަށް ބުނާ މިމީހާ ކޯޓުގައި މައްސަލަ ޖައްސާފައިވަނީ އޭނާގެ މަންމަގެ ނަން ބޭނުން ކުރުމުން މަންމަގެ އަގުވައްޓާލެވެނީ ކަމަށްބުނެއެވެ.

ނަމަވެސް ކޯޓުން ވަނީ މައްސަލަ ޖެއްސި މީހާ އަކީ ގަންގޫބާއީގެ ދަރިއެއްކަމަށް ބެލެވޭނެ އެއްވެސް ހެއްކެއް ނެތްކަމަށް ބުނެފައެވެ. އެގޮތުން ފިލްމުގެ ނަން ބަދަލު ކުރަން އެދިފައި އޮތް ސަބަބު ބަލައިގަނެވެން ނެތްކަމަށްވެސް ކޯޓުން ފާހަގަކޮށްފައިވެއެވެ.

ގަންގޫބާއީ ކަތިއަވަޑި ފިލްމުގެ ފަރާތުން ވަކާލާތުކުރި ވަކީލުން ވަނީ މިފިލްމަކީ އެއްވެސް މީހެއްގެ އަގުވައްޓާލުމުގެ ނިޔަތުގައި ތައްޔާރުކޮށްފައިވާ ފިލްމެއް ނޫންކަން ހާނަކޮށްފައެވެ. އަދި މިފިލްމުން ދައްކައިދެނީ އާންމުން ބަލައިގަންނަ އިސް ލީޑަރަކަށް ވާސިލު ވުމަށް އަންހެނަކު ކުރާ މަސައްކަތްކަމަށް ގަންގުބާއީ ކަތިވަޑިޔަ ފިލްމުގެ ވަކީލުން ފާހަގަކުރިއެވެ.

ގަންގޫބާއީ ކަތިއަވަޑި ފިލްމަކީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް "މާފިޔާ ކުއީންސް އޮފް ބޮމްބޭ" ނަމުން ތައްޔާރުކޮށްފައިވާ ފޮތް އަސްލަކަށް ބަލައިގެން އުފައްދާފައިވާ ފިލްމެކެވެ. މިފިލްމުގައި ގަންގޫބާއީގެ ރޯލުން ފެނިގެންދަނީ އާލިއާ ބަޓެވެ.

މިފިލްމު އިންޑިއާގެ ސިނަމާތަކުގައި މިއަދު ރިލީޒްކުރުމަށް ވަނީ ހަމަޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން