ހިންދީ ފިލްމު ބްރަހްމަސްޓްރާގެ މަސައްކަތް ފަސް އަހަރުވީއިރުވެސް ނުނިމުމުން ފާޑުކިއުން އަމާޒުވެއްޖެއެވެ.

ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް، އަޔާން މުކަރްޖީ ޑައިރެކްޓް ކުރާ މިފިލްމުގައި އާލިއާ ބަޓް، ރަންބީރް ކަޕޫރް، އަމީތާބް ބައްޗަން، އަދި މޯނީ ރޯއީ ފެނިގެންދާނެއެވެ.

މިފިލްމުގެ މަސައްކަތް ފަށާފައިވަނީ 2018 ވަނަ އަހަރުއެވެ. ނަމަވެސް މިއަހަރުގެ ސެޕްޓެމްބަރުގައި ރިލީޒް ކުރަން މިހާރު ހަމަޖެހިފައިވާ މިފިލްމުގެ މަސައްކަތް އަދިވެސް މުޅިން ނުނިމޭކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ވަނީ ހާމަކޮށްފައެވެ.

މިއާއެކު ގިނަ ބައެއްގެ ފާޑުކިއުން ފިލްމުގެ ޕްރޮޑަކްޝަން ޓީމަށް ވަނީ އަމާޒުވެފައެވެ. އެގޮތުން މިފިލްމުގެ މަސައްކަތް ފަށައި ނުނިމި އުޅެނިކޮށް ބޮލީވުޑްގެ އެހެން ގިނަ ފިލްމުތަކެއް މިހާރު ނިމިފައިވާކަންވެސް ގިނަފާޑުކިޔުންތެރިން ފާހަަކޮށްފައިވެއެވެ.

ހިންދީ ފިލްމު ބްރަހްމަސްޓްރާގެ މަސައްކަތް ފެށިފަހުން ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރި އަކްޝޭ ކުމާރު ވަނީ 12 ފިލްމެއްގެ މަސައްކަތް ނިންމާފައެވެ. ސަލްމާން ޚާންވެސް ހަތަރު ފިލްމެއްގެ މަސައްކަތް ނިންމާލާފައިވާއިރު، އަޖޭ ދޭވްގަން 10 ފިލްމެއްގެ މަސައްކަތް، އަދި އަޔުޝްމަން ކުރާނާއާއި ރާޖްކުމާރް ރާއޯ 9 ފިލްމެއްގެ މަސައްކަތް ނިންމާލާފައިވެއެވެ.

މީގެ އިތުރުން، ޖޯން އަބްރަހަމް 8 ފިލްމުގެ މަސައްކަތް ނިންމާލާފައިވާއިރު، ވަރުން ދަވަން އަދި ސިދާރތު މަލޯތުރާ ވަނީ ފަސް ފިލްމެއްގެ މަސައްކަތް ނިންމާލާފައެވެ.

ބްރަހްމަސްޓްރާގެ މަސައްކަތް ނުނިމޭކަމަށް ބުނެ ފާޑު ކިޔާ ފަރާތްތަކަށް ރައްދުދެމުން ފިލްމުގެ މަސައްކަތް ޑިލޭވެފައިވަނީ ކޮވިޑުގެ ބަލިމަޑުކަމާއި ގުޅިގެންކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ފާހަގަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން