އަހުމަދު މަސްނޫމް   24 ފެބްރުއަރީ 2022 - 22:3
ރަޝިޔާގެ ފައުޖުތަކުން މިއަދު ހެނދުނު ރާއްޖެ ގަޑިން ހެނދުނު 8:00 ޖެހުމާއެކު ވަނީ ޖެހިގެން އިރުމައްޗަށް އޮތް ޔޫކްރެއިނަށް ވަޔާއި ކަނޑާއި އެއްގަމު މަގުން ވަދެ، ހަމަލާތައް ދޭން ފަށާފައެވެ. ޔޫކްރެއިންގެ ރައީސްވެސް ވަނީ ރަޝިޔާއިން ޔޫކްރެއިނަށް އަރައިގަނެފައިވާކަމަށް ވިދާޅުވެ، ގައުމު ދިފާއުކުރުމަށް ރައްޔިތުންނަށް ގޮވާލައްވާފައެވެ. މިއާއެކު މުޅި ދުނިޔޭގެ ސަމާލުކަން ވަނީ ޔޫކްރެއިނަށް ހުއްޓިފައެވެ.

ރަޝިޔާއާއި ޔޫކްރެއިނަކީ ކުރީގެ ސޮވިއެޓް ޔޫނިއަންގައި ހިމެނޭ ދެ ގައުމެވެ. 90ގެ ކުރީ ކޮޅު ސޯވިއެޓް ޔޫނިއަން ރޫޅި، ދައުލަތްތައް ވަކިވެގެންދިޔައިރު ޔޫކްރެއިން ވެގެންދިޔައީ އެމެރިކާއާއި ރަޝިޔާއަށްފަހު އެންމެ ގިނަ އެޓަމިކް އާސެނަލް ނުވަތަ ނިއުކްލިއަރ ހަތިޔާރު ހުރި ގައުމަށެވެ. ރަޝިޔާއާއި އެމެރިކާއިން އޭރު ބޭއްވި މަޝްވަރާތަކާއެކު ޔޫކްރެއިންގެ ކޮންޓްރޯލްގައި ހުރި ހުރިހާ ނިއުކްލިއަރ ހަތިޔާރެއް ރަޝިޔާގެ ކޮންޓްރޯލްގެ ދަަށަށް ބަދަލުކުރިއެވެ. ޝަރުތެއްގެ ގޮތުގައި ކަނޑައެޅީ ރަޝިޔާގެ ފަރާތުން އެ ގައުމަށް ނުރައްކަލެއް ނާންނާނެކަމުގެ ޔަގީންކަމެވެ.

ރަޝިޔާއާއި ޔޫކްރެއިންއާ ދެމެދު އޮތް ގުޅުން ގޯސްވެގެންދިޔައީ 2014 ވަނަ އަހަރު ރަޝިޔާއިން ޔޫކްރެއިނަށް ވަދެ، އެ ގައުމުގެ އިރުމަތީގައި އޮތް އޮންނަ، ގިނަ އަދަދެއްގެ ރަޝިޔާގެ ދަރިކޮޅުގެ މީހުން އުޅޭ ކްރައިމިއާ ޕެނިންސިއުލާ ރަޝިޔާގެ ބަޔަކަށް ހެދުމުންނެވެ. (ކްރައިމިއާގައި އުޅޭ މީހުންނަކީ ރަޝިޔާ ދަރިކޮޅުގެ، ރަޝިޔާއަށް ތާއީދުކުރާ މީހުން) އަދި އޭރު ޔޫކްރެއިންގެ ރައީސަކަށް ހުންނެވި ރަޝިޔާއަށް ތާއީދުކުރާ ވިކްޓަރ ޔަނުކޮވިޗް އެމެރިކާގެ ވާގި ލިބިގެން ޔޫކްރެއިންގައި ހިނގި މުޒާހަރާތަކަކަށްފަހު ވެރިކަމުން ދުރުކުރިއެވެ. އަދި އޭގެފަހުން 2015 ވަނަ އަހަރު ދެ ގައުމުގެ މެދުގައި ސުލްހައިގެ އެއްބަސްވުމެއް ގާއިމްކުރިނަމަވެސް ޔޫކްރެއިންގެ އިރުމަތީގައި، ރަޝިޔާގެ ބޯޑަރު ގުޅޭ ހިސާބުގައި ދިޔައީ ހަމަނުޖެހުންތައް ހިންގަމުންނެވެ. ( ޔޫކްރެއިންގެ އިރުމަތީ ހިސާބުތަކުގައި ހާއްސަކޮށް ޑޮމްބަސް ސަރަަހައްދުގައި އުޅެނީ ރަޝިޔާ ދަރިކޮޅުގެ، ރަޝިޔާއަށް ތާއީދުކުރާ މީހުން). އަދި މި ހަމަނުޖެހުންތަކުގައި މިހާތަނަށް 14000 އެއްހާ މީހުން ވަނީ މަރުވެފައެވެ.

ރަޝިޔާއާއި ޔޫކްރެއިންއާ ދެމެދު އޮތް އަނެއް މައްސަލައަކީ، ނޭޓޯއާއި ޔޫކްރެއިންގެ ގުޅުމެވެ. ރަޝިޔާއިން ޔޫކްރެއިނަށް ކުރާ ހަމައެކަނި ޝަރުތަކީ ޔޫކްރެއިން ނޭޓޯގެ މެމްބަރަކަށް ނުވުމެވެ. ރަޝިޔާގެ ރައީސް ޕޫޓިން ބޭނުން ވަނީ އެ ޔަގީންކަމެވެ. އަނެއްކޮޅުން ނޭޓޯއިން ދަނީ ޔޫރަޕް އިރުމައްޗަށް ( ރަޝިޔާއާ ވީ ދިމާލަށް) ނޭޓޯގެ ބާރު ފުޅާކުރުމަށް މަސައްކަތް ކުރަމުންނެވެ. މިއީ ޕުޓިންއަށް އެއްގޮތަކަށްވެސް ބަލައިގަނެވޭނެކަމެއް ނޫނެވެ. އެއީ 30 ގައުމުގެ މައްޗަށް އެކުލެވޭ ނޭޓޯގެ ފައުޖުތައް އައިސް ރަޝިޔާގެ ބޯޑަރު ކައިރީގައި ހަމަޖެހިލާއިރު ރަޝިޔާ އޮންނާނީ ނުރައްކަލެއް ހުށަހެޅިފައެވެ.

ރަޝިޔާއާއި ޔޫކްރެއިންގެ މައްސަލަ އަނެއްކާވެސް މިފަހުން ހޫނުވާން ފެށީ ނޭޓޯއާ ގުޅުމުގެ ވާހަކަ ޔޫކްރެއިންގެ ވެރިން ފާޅުކަން ބޮޑު ގޮތެއްގައި ދައްކަން ފެށުމުންނެވެ. އެހާހިސާބުން ޕުޓިންގެ ކެތްތެރިކަން ކޮޅުންލިއެވެ. އަދި ރަޝިޔާގެ އަސްކަރީ ފައުޖުތައް މިދިޔަ އަހަރު ޔޫކްރެއިންއާ ދިމާލަށް އިރުމައްޗަށް ޖައްސަން ފެށިއެވެ. ޕުޓިންގެ ހަމައެކަނި ޑިމާންަޑަކަށް އޮތީ ޔޫކްރެއިން ނޭޓޯއާ ނުގުޅުމެވެ. ނަމަވެސް އެ ޔަގީންކަން ޔޫކްރެއިންގެ ވެރިންނަށް ނުދެވުނެވެ.

އެއާއިއެކު ޔޫކްރެއިނަށް އަރައިގަތުމުގެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ޕުޓިން ކުރެއްވި ފުރަތަމަ ކަމަކީ ޔޫކްރެއިނުގެ އިރުމަތީގައި އޮންނަ ދޮންބާސްގެ ދެ ދަޢުލަތުގެ މިނިވަންކަން ޤަބޫލުކުރައްވައި ޞުލްޙައާއި އަމާންކަން ޤާއިމުކުރުމަށް އެ ސަރަޙައްދަށް ސިފައިން ފޮނުއްވުމަށް ނިންމެވުމެވެ. ޕުޓިން އެ ނިންމެވުން ނިންމެވިއިރު، ރަޝިޔާގެ ގާނޫނު ހަދާ މަޖިލީހުން އޮތީ ރަޝީޔާ ސިފައިން ދުނިޔޭގެ ކޮންމެ ގައުމެއްގައި ބޭތިއްބުމުގެ ހުއްދަ ޕުޓިންއަށް ދެއްވާފައެވެ.

ދޮންބާސްގެ ދޮނެސްކާއި ލުހާންސްކުން ވަނީ 2014ވަނަ އަހަރުގެ ތެރޭގައި އަމިއްލައަށް މިނިވަންކަން އިޢުލާންކޮށްފައެވެ. އަދި އެ ދެ ދަޢުލަތުގެ މިނިވަންކަން ޤަބޫލުކުރުމަށް އެންމެ ފުރަތަމަ އެދިފައިވަނީ ރަޝިޔާގެ ކިބައިންނެވެ. ރަޝިޔާ ސިފައިން ދޮންބާސް ސަރަހައްދަށް ފޮނުވަން ޕުޓިން ނިންމެވި އިރު ޔޫޚްރެއިނުގެ ފައުޖުތަކާއި ދޮންބާސްގެ ހަނގުރާމަވެރި ޖަމާޢަތްތަކާ ދެމެދު ވަރުގަދަ ޙަމަލާތަކެއް ދިޔައި ބަދަލުކުރަމުންނެވެ.

ރަޝިޔާގެ ގާނޫނުގެ ހަދާ މަޖިލީހުގެ ހުއްދައާއި، ދޮންބާސް ސަރަހައްދުގެ ދޮނެސްކާއި ލުހާންސްކުންގެ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ރަޝިޔާގެ ރައީސް ވުލަޑުމީރް ޕުޓިންގެ އެންގެވުމަށް ބަރުހަތިޔާރާއެކު ރަޝިޔާގެ އެތައް ހާސް ސިފައިންނެއް ވަނީ މިއަދު ހެނދުގެ ވަގުތެއްގައި ތިން ސަރަޙައްދަކުން ޔޫކްރެއިނަށް ޙަމަލާ ދޭން ފަށައިފާއެވެ. ރަޝިޔާއިން ޔޫކްރެއިނަށް ވަދެގަތީ އަވަށްޓެރި ބެލަރޫސުންނާއި ޔޫކްރެއިނުގެ ހުޅަނގުގެ ސަރަހައްދުތަކުންނާއި ރަޝިޔާގެ ބާރުގެ ދަށުގައި އޮތް ށް ކްރައިއާ ސަރަޙައްދު ބޭނުންކޮށްގެންނެވެ. 3 ދިމާލަކުން ރަޝިޔާ ސިފައިން ޔޫކްރެއިނަށް ވަދެގަނެފައިވާއިރު، ވަޔާއި، ކަނޑާއި އެއްގަމު މަގުން ރަޝިޔާއިން ދަނީ ހަމަލާދެމުންނެވެ.

ރަޝިޔާއިން ޔޫކްރެއިނަށް ހަމަލާދެމުންދާއިރު، މިކަން ނިމެނީ ކިހިނެތް ކަމާމެދު ވަނީ ސުވާލު އުފެދިފައެވެ. ބައެއް މީހުން ގަބޫލުކުރާ ގޮތުގައި ރަޝިޔާއިން މުޅި ޔޫކްރެއިން ހިފާނެއެވެ. ނޫނީ ރަޝިޔާގެ ބާރުގެ ދަށަށް ގެންނަނީ ޔޫކްރެއިންގައި ރަޝިޔާއަށް ތާއީދު ބޮޑު ސަރަހައްދުތަކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން