އިނގިރޭސިވިލާތުގައި އިންޑިއާގެ ފިރިހެނަކު އޭނާގެ އަންހެނުންގެ ވަގުސޮޔަކާއިއެކު ވަރިކޮށް، އަދި ވަރިކުރިކަން އަނބިމީހާއަށް ނޭނގި 12 އަހަރު ހޭދަކޮށްފިއެވެ.

އިނގިރޭސިވިލާތުގައި ދިރިއުޅެމުންދާ އިންޑިއާ ނަސްލުގެ ރާޗްޕަލް ނަމަކަށް ކިޔާ މިފިރިހެން މީހާ، އޭނާގެ އަންހެނުން ކެވަލް ރާދަވާ އާއި ކައިވެނިކޮށްފައިވަނީ 1978 ވަނަ އަހަރު އިނގިރޭސިވިލާތުގައެވެ. އަދި 2009 ވަނަ އަހަރުއްސުރެ މިދެމަފިރިން ވަނީ ވަކިން ދިރިއުޅެންފަށާފައެވެ. އެއަށްފަހުވެސް ދެމީހުން ވަނީ ދެމަފިރިންގެ ގޮތުގައި އެކި އާއިލީ ހަފްލާތަކުގައި ބައިވެރިވެފައެވެ.

ވަކިން ދިރިއުޅެންފެށިނަމަވެސް ކެވަލް ރާދަވާގެ ފިރިމީހާ އޭނާ ވަރިކޮށްފައިވާކަން ނޭނގޭކަމަށް ކެވަލް ރާދަވާ ވަނީ ހާމަކޮށްފައެވެ.

މިކަމާގުޅިގެން ކެވަލް ރާދަވާގެ ވަގުސޮޔާއެކު ކޮށްފައިވާ ވަރީގެ މައްސަލަ ބަލަމުންދާ އިނގިރޭސިވިލާތުގެ ކޯޓުން ވަނީ އަންހެން މީހާއަށް ނޭނގި އޭނާގެ ސޮއި ކޮށްފައިވާކަމުގެ ތުހުމަތު ފިރިހެން މީހާގެ މައްޗަށްކޮށްފައެވެ. އަދި އޭނާ ވަރިކޮށްފައިވާކަން އަނބިމީހާއަށް ނޭނގޭކަމަށްވެސް ކޯޓުން ހާމަކޮށްފައިވެއެވެ.

މިމައްސަލައިގައި ކޯޓަށް މައުލޫމާތު ދެމުން ކެވަލް ވަނީ 2011 ވަނަ އަހަރު ރާޗްޕަލް އެހެން އަންހެނަކަށް ދަރިއަކު ހުންނަ ކަމުގެ ތުހުމަތުތައް އަޑުއެހިކަމަށާއި ނަމަވެސް އެހެން އަންހެނަކާއި ކައިވެނީގެގޮތުން ގުޅިގެން އުޅޭކަން ނޭނގޭކަން ހާމަކޮށްފައެވެ.

ނަމަވެސް ކޯޓުން ވަނީ މިފަދަ ކަމެއް ކުރާނީ ދެވަނަ ކައިވެންޏެއް ކުރުމުގެ ވިސްނުމެއް ގެންގުޅޭތީކަމަށް ރާޗްޕަލަށް ތުހުމަތުކޮށްފައެވެ. އަދި މިކަމުން ދޭހަވަނީ ފަސޭހައިން އެއްވެސް މައްސަލައަކާއި ނުލައި ދެމަފިރިން އެއްބަސްވެ ވަރީގެ ކަންކަން ނިންމާލެވޭނެ ފަސޭހަގޮތެއް ހޯދީކަން ކޯޓުން ހާމަކޮށްފައިވެއެވެ.

އިނގިރޭސިވިލާތުގެ ގާނޫނުގައި ބުނާގޮތުން ދެމަފިރިން އެއްބަސްވެ ކުރާ ވަރީގެ ސަބަބެއް ބަޔާންކޮށްދޭކަށް ނުޖެހޭނެއެވެ. އެގޮތުން އަންހެނުންގެ ވަގުސޮޔަކާއިއެކު ނަމަވެސް ވަރިކޮށްދިނުމަށް އެދި 2010 ވަނަ އަހަރު ރާޗްޕަލް ހުށައެޅި މައްސަލަ ވަނީ ކޯޓުގެ އަޑުއެހުމަކަށް ނުގޮސް ނިންމާލާފައެވެ.

މިކަން ފަޅާއެރީ ދެމީހުން ވަކިން އުޅޭތާ އެތައް އަހަރެެއް ފަހުން ރަސްމީކޮށް ކައިވެނި ރޫޅާ ދިނުމަށް އެދި ކެވަލް ރާދަވާ ކޯޓަށް ހުށައެޅުމުންނެވެ. 2019 ވަނަ އަހަރު ކޯޓަށް ހުށައެޅި މައްސަލަ ކޮވިޑާ ގުޅިގެން ލަސްވެގެން ދިއުމަށްފަހު، މިމައްސަލަ ބަލަން ފަށާފައިވަނީ މިއަހަރުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން