ލޯނެއް ނުދައްކައިގެން އިންޑިއާގެ ފިލްމީތަރި ޝިލްޕާ ޝެޓީއާއި އޭނާގެ ކޮއްކޮ ޝަމީތާ ޝެޓީ އަދި މަންމަ ސުނަންދާ ޝެއްޓީ ކޯޓަށް ހާޒިރުވާން އަންގައިފިއެވެ.

ޝިލްޕާ، ޝަމީތާ އަދި ސުނަންދާ ކޯޓައް ހާޒިރުވާން އަންގައިފައިވަނީ 21 ލައްކަ ރުޕީޒްގެ ލޯނެއް ނުދައްކައި އޮވެގެންނެވެ. މައުލޫމާތު ލިބިފައިވާގޮތުން، ޝިލްޕާގެ އާއިލާ ދަރަނިވެރިވެފައިވަނީ އިންޑިއާގެ އޮޓޯމޮބައިލް އޭޖެންސީއެއްގެ ވެރިއަކަށެވެ.

މިލޯނަކީ ޝިލްޕާގެ ބައްޕަ ނަގާފައިވާ ލޯނެކެވެ. މިލޯނު އެއްބަސްވުމުގައި ވާގޮތުންނަމަ، 2017 ވަނަ އަހަރުގެ ޖެނުއަރީމަހު ލޯނުގެ އިންޓްރެސްޓާއެކު ދައްކާ ނިންމުމައް ވަނީ އަންގާފައެވެ. 2015 ވަނަ އަހަރު ޝިލްޕާގެ ބައްޕަ ނެގި މިލޯނަކީ ޝިލްޕާ އަށާއި ޝަމީތާ އަދި މަންމައަށްވެސް އެނގިގެން ނަގާފައިވާ ލޯނެކެވެ. އަދި މިލޯނު ނަގާފައިވަނީ ޝިލްޕާގެ ބައްޕަގެ އަމިއްލަ ކުންފުންޏެއްގެ ނަމުގައެވެ.

ނަމަވެސް 2016 ވަނަ އަހަރު ޝިލްޕާގެ ބައްޕަ ވަނީ ހާޓްއެޓޭކްއެއްޖެހި މަރުވެފައެވެ. އެއާއެކު ޝިލްޕާ އަދި އޭނާގެ އާއިލާއިން ވަނީ މިލޯނު ދެއްކުމަަށް ދެކޮޅު ހަދައި ލޯނެއް ނަގާފައިވާކަމަށް އެއްބަސްވާންވެސް ދެކޮޅު ހަދާފައެވެ.

އެގޮތުން ލޯނު ދިން ވިޔަފާރިވެރިޔާ ވަނީ މިމައްސަލަ ކޯޓަށް ހުށައަޅައި ގާނޫނީ އިމުގެތެރެއިން ލޯނައްވާފައިސާ އަނބުރާހޯދައިދިނުމަށް އެދިފައެވެ.

އަދި ކޯޓުން ވަނީ މިހިނގާ ފެބްރުއަރީމަހުގެ 28 ވަނަ ދުވަހު، ޝިލްޕާ އާއެކު، ޝިލްޕާގެ މަންމަ އަދި ޝަމީތާ ކޯޓަށް ހާޒިރުވުމަށް އަންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން