އުފާވެރި ޢާއިލާއެއް: ދަރީން ހެޔޮލަފާ ކުދިބަޔަކަށް ވެވޭނީ މައިންބަފައިންނާއި ބެލެނިވެރިންވެސް އެދަރިންނަށް ނަމޫނާ ދައްކައިގެން
އުފާވެރި ޢާއިލާއެއް: ދަރީން ހެޔޮލަފާ ކުދިބަޔަކަށް ވެވޭނީ މައިންބަފައިންނާއި ބެލެނިވެރިންވެސް އެދަރިންނަށް ނަމޫނާ ދައްކައިގެން
މިއީ ޝައްކެއް އޮތް ކަމެއް ނޫނެވެ. އެންމެ ޣާފިލް، އެންމެ ޖާހިލް އަދި އެންމެ ނުލަފާ މައިންބަފައިންނާއި ބެލެނިވެރީން އެދެނީވެސް ތިމާމެންގެ ދަރީންނަކީ، ރަނގަޅު، މާތް ޢިއްޒަތްތެރީންނަށް ވުމަށެވެ. ޢިލްމުވެރި، މާތް މައިންބަފައިންނާއި ބެލެނިވެރީން އެދެނީވެސް ހަމަ މިގޮތަށެވެ. ޔަޤަިނެވެ. އެބައިމީހުންގެ ދަރީން ބޮޑެތިވެގެން، ބަދްޢަޚްލާޤީ އަދި ނުބައިނުލަފާ މީހުންނަށް ވުމަކަށް ހަމަ އެއްވެސް މަންމައަކާއި ބައްޕައަކު އަދި ބެލެނިވެރިޔަކުވެސް ނޭދޭނެއެވެ. ނުވެސް އެދޭނެމެވެ. އަދި އެމީހުންގެ ދަރީންނަކީ، ބޮޑެތިވެގެން އެކިބާވަތް ބާވަތުގެ ކުށްތަކުގެ ޢުޤޫބާތް ލިބެމުންދާ ބަޔަކަށްވުމަށްވެސް ނުމެ އެދޭނެއެވެ.

ކަންމިހެން ހުރުމާއެކުވެސް، ޢިލްމު ލިބިފައިނުވާ، ނުވިސްނޭ އަދި ދުރަށް ޚިޔާލު ނުކުރެވޭ މައިންބަފައިންނަށާއި، ބެލެނިވެރީން މަދެއް ނޫނެވެ. އެބައިމީހުންގެ ބަހާއި ޢަމަލުން ދަރީންނަށް ދަސްކޮށްދެނީ، އުނގަންނައިދެނީ، ދޮގާއި މަކަރު ހެދުމެވެ. ކެހިވެރިކަމާއި ޚިޔާނާތްތެރި ކަމެވެ. މިފަދަ މައިންބަފައިންނާއި ބެލެނިވެރީންނާ އަޅުގަނޑު ސުވާލެއް ކޮށްލާނަމެވެ.

ތިޔަބައިމީހުން ދަރީންގެ ކުރިމަތީގައި ނުވަތަ އެ ކުދީންނަށް ފެންނަ، އަޑުއިވޭ ހިސާބުގައި، ތިޔަބައިމީހުންގެ ބަހާއި ޢަމަލުގައި، މަތީގައި ބަޔާންކުރެވުނު ފަދަ ބަދް އަޚްލާޤީ ގޮތްތައް ގެންގުޅޭއިރު، އަދި މިއީ އެކަންކަން ކުދީން ދަސްކުރަމުންދާ ދުވަސްވަރު ކަމަށްވާއިރު، އެކުދީން އެފަދަ ނުބައި ކަންކަމުން ދުރުކޮށް އިޞްލާޙް ކުރުވާނެ ޖާދޫގެ ބާރެއް ތިޔަބައިމީބުންގެ ބަހާއި އަޑުލުމުގައި އަދި ޖަހާ ބޮޑީގައި ވޭހެއްޔެވެ. ޖަވާބަކަށްވާނީ، ހަމައެކަނި "ނުވެއޭ ނުވެސް ވާނެއޭ" ބުނުމެވެ. އެހެން ޖަވާބެެއް ނޯންނާނެއެވެ.

ޝައްކެއް ނެތެވެ. ޖާހިލު އަދި ނުވިސްނޭ މައިންބަފައިންނާއި، ބެލެނިވެރީން، އެބައިމީހުންގެ ބަހާއިޢަމަލުން ތިމާމެންގެ ދަރީން އަޚްލާާޤު ނުބައި، ނުލަފާ ކުދީންނަށް ހަދަނީއެވެ. ނަމަވެސް މިއީ، އެބައިމީހުން ގަސްދުގައި ކުރާކަމެއް ނޫނެވެ. އެބައިމީހުން ދަންނަގޮތުގައި ދަރީން ގެންގުޅެންވީ ގޮތަށް ގެންގުޅުނީމާ ވާގޮތެވެ. އެއީ އެމީހުންގެ ޖާހިލުކަމުން ތެދުމަގަށް އެޅިފައި އޮންނަ އަނދިރިކަން ބޮޑީއެވެ.

ބައެއްފަހަރަށް ކުދީންގެ އަޚްލާޤް ނުބައިކުރުވައި ނޭދެވޭގޯސް މަގުތަކަށް އެކުދީން އަޅުވަނީ، އެކަނިމައިންބަފައިންނާއި ބެލެނުވެރީންނެއް ނޫނެވެ. ގާތްތިމާގެ މީހުންނެވެ. ގޭގައިގެންގުޅޭ ޚާދިމުންނެވެ. ރައްޓެހި އެކުވެރި ކުދީންވެސް މެއެވެ. އާއެކެވެ ބައެއްފަހަރު ފަހަރު، އެގެއަކަށް ގޮސްއުޅޭ ކޮންމެވެސް ގާތްތިމާގެ ކުދީންގެ ދިރިއުޅުން ހުންނަ ގޮތަކުން، ގޭގައި ގެންގުޅޭ ޚާދިމުންގެ ބަހާއި ޢަމަލު ހުންނަގޮތަކުން، އަދި ބައެއްފަހަރު، އެކުދީންގެ އެކުވެރިންގެ ކިބައިގައި ހުންނަ ބަދްއަޚްލާޤީ ސިފަތަކެއްގެ ސަބަބުން، ދަރީން ނުބައިނުލަފާ ކުދީންނަށް ވެއެވެ.

މައިންބަފައިންނާއި ބެލެނިވެރީންގެ ބަހާއި ޢަމަލް ހުންނަގޮތުން ދަރީންގައި، ނުބައިކަމުގެ އޮށް އިންދޭ ގޮތުގެ ކުޑަ މިސާލެއް، މިތާނގައި ބަޔާންކޮށްލާނަމެވެ.

ބައްޕަގޭގައި އުޅެނިކޮށް، ބޭރުން މީހަކު، ބައްޕަ ހޯދަން އަތުވެއްޖެއެވެ. އެވާހަކަ ދަރިފުޅު އައިސް ބައްޕަގާތު ބުނެފިއެވެ. ބައްޕަ ބުނީ ކީކޭކަމަށްތޯއެވެ؟ ބައްޕަ ދަރިފުޅު ގާތުގައި ބުނީ "ބައްޕަ ގެއަކުނެތޭ އޭނާ ގާތު ގޮސް ބުނާށޭ" އެވެ. ދަރިފުޅު ކަން ކުރީ ހަމަ އެގޮތަށެވެ.

ބައްޕަ މިހެންބުނީ، މާބޮޑުވިސްނުމަކާއި ލައިގެނެއް ނޫނެވެ. އެވަގުތު، ބޭރުން އައިމީހާއާއި ބައްދަލުނުވާންވެގެން، ނުވަތަ ބައްދަލުވެލެއްވެން ނެތިގެން ބުނި ބުނުމެކެވެ. ނަމަވެސް އެކުރު ޢިބާރާތުން ނުކުތީ ކޮންނަތީޖާއެއްތޯއެވެ؟ ވަރަށް ނޭދެވޭ ނުބައި ނަތީޖާއެކެވެ. އެއީ، ދަރިފުޅަށް ދޮގުހަދަން ދަސްވުމެވެ. ދޮގު އެންމެފަހުން ދަސްކޮށްދެނީ މަކަރާއި ޙީލަތާއި ވައްކަން ކުރުމެވެ.

ކުޑަވެސް ޝައްކެއް ނެތެވެ. މިފަދަ މައިންބަފައިންނާއި ބެލެނިވެރީންގެ ހިޔާވަހިކަމުގެ ދަށުގައި ބޮޑުވަމުން އަންނަ ކުދީންނަކީ، ހެޔޮލަފާ، ރަނގަޅު، މާތް ކުދިބަޔަކަށް ދުވަހަކުވެސް ނުވާނެކަމީ، މެންދުރުގެ އިރުފަދައިން އެނގި ޔަޤީން ވެގެންވާ ކަމެކެވެ.

ވީމާ، އެންމެ ފުރަތަމަ މައިންބަފައިންނާއި ބެލެނިވެރީންގެ މައްޗަށް ލާޒިމުވެގެންވަނީ، އެބައިމީހުންނަކީ، އަޚްލާޤު ރީތި، ތެދުވެރި، ވަފާތެރި، މާތް މީހުންނަށް ވުމެވެ. ބަހާއި ޢަމަލުންނެވެ. ޔަޤީނެވެ. ތިމާމެންގެ ދަރީންނަކީ ތިމާމެން އެދޭފަދަ ރަނގަޅު، މާތް ކުދިބަޔަކަށް ހެދޭނީ، އެގޮތުގެމަތީން ޢަމަލުތައް ބެހެއްޓިގެންނެވެ.

އާއެކެވެ. ދަރީންގައި ހުންނަން އެދޭ ހަރުދަނާ މާތް ސިފަތަކެއްގެވެރީން ކަމުގައި ފުރަތަމަވާންވާނީ، މައިންބަފައިންނާއި ބެލެނިވެރީންނެވެ. މިހެންނުވިނަމަ، އެދެވޭ ރަނގަޅުގޮތެއްގައި ދަރީން، ތަރުބިއްޔަތެއް ނުކުރެވޭނެއެވެ.

ދަރީން ބޮޑުވަމުން އަންނައިރު، ތަޢުލީމާއި ތަރުބިއްޔަތުގެ ރޮނގުން އެކުދީންނަށް ގެއްލުން ލިބިދާނެ ކޮއްމެ ޖައްވަކުން، އެކުދީން ސަލާމަތްކޮށް، ރައްކައުތެރި ކުރުމަކީ، މައިންބަފައިންނާއި ބެލެނިވެރީންގެ ވާޖިބެކެވެ. އެގެއަކީ ކިތަންމެ ގާތް ތިމާގެ މީހެއްގެ ގެއެއް ކަމުގައިވިޔަސް، އެގެއެއްގައި ބަދްއަޚްލާޤީ ގޮތަކަށް ކަންކަން ހިންގަމުންދާނަމަ، އެގެއަކަށް ދަރީން ފޮނުވައިގެން ނުވާނެއެވެ. މިފަދަ އެހެން ތަންތަނަށްވެސް، ދަރީން ފޮނުވައިގެން ނުވާނެއެވެ. އަދި އެކުއްޖަކީ ކިތަންމެ ގާތްތިމާގެ ކުއްޖެއް ނަމަވެސް، އެއީ ބަދްއަޚްލާޤީ ކުއްޖެއްނަމަ، އެކުއްޖަކާއެކު، ތިމާގެ ދަރިފުޅު އުޅުނަދީގެން ނުވާނެއެވެ. ހަމަމިފަދައިން، ދަރީން ރަށުތެރެއަށް ވީއްލިގެން ދިޔަދީގެންވެސް ނުވާނެއެވެ. ނުބައިނުލަފާ ކުދީންނާގުޅި، އެކުވެރިވެވޭނެ މަގު ތަނަވަސް ކޮށްދީގެންވެސް ނުވާނެއެވެ.

ކުއްޖެއްގެ ޢުމުރުން ބާރަތޭރަ އަހަރުވަންދެން، އެކުއްޖަކު ހުންނަންވާނީ، މައިންބަފައިންގެ ނުވަތަ ބެލެނިވެރީންގެ ހިފެހެއްޓުމުގެ ދަށުގައެވެ. ސަބަބަކީ

މިޢުމުރަކީ، ކުދީން، އެންމެ ފަސޭހައިން ނުބައިމަގުތަކަށް ނުކުންނަ ދުވަސްވަރަށް ވުމެވެ. މިދުވަސްވަރު، ކުއްޖަކު، މައިންބަފައިންގެ އަތްދަށުން ވީއްލިގެން ރަށުތެރެއަށް ނުކުމެގެންފިނަމަ، ދެން އަނބުރާ އެކުއްޖާ، މައިންބަފައިންގެ ކިޔަމަނަށް ގެނައުމަކީ، ވަރަށްވެސް ނުވެވޭނެ ކަމެކެވެ.

ވަރަށް ގިނައިން ފެންނަ މަންޒަރެކެވެ. މީހެއްގެ ތިބި ދެދަރީންނެވެ. އެއްކުއްޖެއްގެ ޢުމުރަކީ ހަތަރުއަހަރެވެ. އަނެއްކުއްޖަކަށް ދެއަހަރެވެ. ދެބޭންތިބީ މެދުގޯތިތެރޭ ކުޅޭށެވެ. މަންމަ ތަންކޮޅެއް ދުރުގައި، ކޮންމެވެސް ކަމެއް ކުރަން އިނެވެ. ދެބޭން މިގޮތަށް ކުޅޭން ތިބުމުގެތެރޭ، އެތަނުން ބޮޑު ކުއްޖާ، ބިންމަތީ އޮތް ދަނޑިބުރިއެއް، ނަގައިފިއެވެ. އެކުއްޖާ އެދަނޑިބުރި ނެގީ އެއްވެސް ބޭނުމެއްގައް ނޫނެވެ. ކުޑަކުދީންގެ ތަބީޢަތް ނިޔާކުރާގޮތުން ނެގީއެވެ. މިތަންފެނިފައި، މަންމައަށް ހީވީ ، އެކުއްޖާ، އެދަނޑިބުރިން ކޮއްކޮގައިގައި ޖަހާފާނެކަމަށެވެ. ނަމަވެސް އެހާތަނަށް، ދަނޑިބުރިއަކީ، ކުދީންގެ ގައިގާ ޖަހާ އެއްޗެއްކަމެއް، އެކުއްޖާ ނުދަނެއެވެ. ކޮންމެއަކަސް މަންމައަށް ހީވިހީވުމުގެ މަތިން "ދަނޑިބުރިން ކޮއްކޮގައިގައި ނުޖަހައްޗޭ" އޭ މަންމަ ގޮވާލައިފިއެވެ.

ދެންވީ ކިހިނެއްތޯއެވެ؟ ވީގޮތަކީ، ކުއްޖާ އެދަނޑިބުރިން، ކޮއްކޮގައިގައި ޖެހީއެވެ. މަންމަ ގާތަށް ވަރަށް ބޮޑަށް ރުޅިއައިސްފައިހުރެ، ދަނޑިބުރިއަތުލާފައި އެއްލާލައިފިއެވެ. މިކަމުން އެކުއްޖާގެ ހިތުގައި މަންމަގެ މައްޗަށް ނުޤަބޫލުކަމާއި ނަފުރަތެއް އުފެދުނެވެ. މަންމައަށް ނޭނގުނުނަމަވެސް، މިކަންކުރުވީ ޙަޤީޤަތުގައި މަންމައެވެ. ސަބަބަކީ، ދަނޑިބުރި އެއީ، ކުދީންގައިގައި ޖަހާ އެއްޗެއްކަން، މަންމަ ދަރިފުޅަށް ދަސްކޮށްދިނީއެވެ. އާއެކެވެ. އޭގެކުރީގައި އެކަމެއް، ދަރިފުޅު ނުދަނައެވެ. ދަސްވި މަންމަގެ ކިބައިންނެވެ. ކުޑަކުދީންނަކީ، އެކުދީންނަށް ދަސްވާ ކަންކަމަށް ހަމަވަގުތުން ޢަމަލުކުރަމުން ގެންދާ ބައެއް ކަމުން، އެވަގުތު އެކަން ކޮށްލީއެވެ.

އެފަދަ ދަނޑިވަޅެއްގައި މަންމަ ކަންތައް ކުރަންވީ ގޮތަކީ، ދަނޑިބުރި ހިފައިގެން ދަރިފުޅު ކިތަންމެ އިރަކު އުޅުނަސް، އެކަމާ އަޅާނުލައި، ހަދާގޮތެއް ބަލަން އިންނަންވީއެވެ. ދަނޑިބުރި ހިފައިގެން ދަރިފުޅު، އުޅުމުގައި، އެދެބޭންކުރެ ކުއްޖަކަށް އަނިޔާއެއް ލިބިދާނެ ކަމަށް، މަންމަ އަށް ވިސްނިއްޖެނަމަ، ނުވަތަ ހީވެއްޖެނަމަ، ހަމައެކައްޗެއްވެސް ނުބުނެ، ދަރިފުޅު ރުޅިނާރުވައި، ކޮންމެވެސް ގޮތަކުން ދަނޑިބުރި އަތުލާފައި ފޮރުވާނީއެވެ. އޭރުން އެކަން އެނިމުނީއެވެ.

ކުދީން ބޮޑުވަމުން އަންނައިރު، އެކުދީން ނުކުރާ އަދި ކުރަން ހިތަށްވެސް ނާރާ ނުބައި ނުލަފާ ކަންކަމުގެ ވާހަކަ، އެކުދީން ގާތުދައްކައި، އެކަންކަން ކުރުން މަނާކޮށް ހެދުމަކީ، އެކުދީން ލައްވާ އެކަންކަން ކުރުވުމަށް އެޅޭ ބާރެކެވެ. މިބާވަތުގެ ވާހަކަ ކުދީންނާ ދައްކަންވާނީ، އަދި އެފަދަ ކަންކަން ނުކުރުމަށް ނަސޭޙަތްތެރިވާންވާނީ، އެކުދީންގެ ހިތުގައި އެފަދަ ޚިޔާލު އުޅޭކަން، މައިންބަފައިންނަށް ނުވަތަ ބެލެނިވެރީންނަށް ޔަޤީންވެއްޖެ ހިނދެއްގައެވެ.

އާއެކެވެ. މައިންބަފައިންނާއި ބެލެނިވެރީން، ދަރީންގާތު އަބަދު ވެސް ދައްކަންވާނީ، ރަނގަޅު ވާހަކަ އެކެވެ. ހެޔޮލަފާ ކަންތައްތަކުގެ ވާހަކަ އެވެ. ކިޔާދޭންވާނީ އަޚްލާޤް ރީތި، މާތް ޢިޒަތްތެރީންގެ ޙަޔާތެވެ. ޢިލްމުވެރިންނާއި، ޤައުމީބަޠަލުންގެ ޙިދްމަތްތަކެވެ.

ދަރީންނާމެދު، މައިންބަފައިންނާއި ބެލެނިވެރީންނަށް ކުރެވޭ އެންމެ ނޭދެވޭ ކަމަކީ، އެކިއެކި ކަންކަމާމެދު، ކުދީންނަށް އަޑުލައި، އެއްޗެތިގޮވައި އަދި ބައެއްފަހަރު ތަޅައިހާނީއްކަކޮށް ހެދުމެވެ. ތެދެކެވެ. މިކަންކަން މައިންބަފައިންނާއި ބެލެނިވެރީން އެކުރަނީ، އެމީހުންނަށް ވިސްނޭގޮތުގައި އެކުދީން ރަނގަޅުކޮށް އިޞްލާޙްކުރުމަށެވެ. ނަމަވެސް ޙަޤީޤަތުގައި އެކަންކަން ހިމެނެނީ، އޭގެ އިދިކޮޅަށެވެ. އާއެކެވެ. ތެދެކެވެ. ކުދީން ރަނގަޅުވެ އިޞްލާޙްވުމުގެ ބަދަލުގައި މައިންބަފައިންނާއި ބެލެނިވެރީންގެ މައްޗަށް އެކުދީންގެ ހިތުގައި ހުންނަ ލޯތްބާއި ޤަދަރުކެނޑި، އަދަބުވެރިކަމާއި ލަދުވެތިކަން ފިލާގޮސް، ނުބައިނުލަފާ ކުދިބަޔަކަށް އެކުދީންވަނީ އެވެ.

ވީމާ، ކުދީން ތަރުބިއްޔަތުކޮށް، އެކުދީން ރަނގަޅު މަގަށް އެޅުވޭނީ، ލޯތްބާއި މަޑުމައިރިކަމާއެކު ދައްކާ ވާހަކަތަކުންނާއި ދެވޭ ނަސޭޙަތްތަކުންނެވެ. ދެއްކޭ ރީތި، މާތް ނަމޫނާ ތަކުންނެވެ.

************************

* މިލިޔުމަކީ "ކުދިން ތަރުބިއްޔަތުކުރާނީ ކިހިނެއް؟" މިމަޢުޟޫގެ މައްޗަށް، ލިޔުންތެރިޔާ އަލްފާޟިލް ޢަލީ އަޙްމަދު ލިޔުއްވައި ނެރުއްވި ފޮތުން ނަގާފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން