ހުޅުމާލެ ބީޗް ސަރަހައްދު
ހުޅުމާލެ ބީޗް ސަރަހައްދު
ހުޅުމާލޭ ބީޗް ފްރަންޓުން ވިއްކާ ގޯތިތަކަށް ބިޑް ހުށަހެޅުން މާދަމާ ބޭއްވުމަށް އެޗްޑީސީން ނިއްމައިފިއެވެ.

އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ބީޗް ފްރަންޓުން ވިއްކާ ގޯތިތަކުގެ ބިޑް ފޯމް ބަލައިގަތުން އޮންނާނީ މާދަމާ ހެނދުނު 09:00 އިން 12:00 އަށް ހ. މީރުމާގެ ފަސްވަނަ ފަންގިފިލާގައި ކަމަށެވެ. ބީލަން ފޯމް ހުޅުވުން އޮންނާނީ މާދަމާ 13:00 ގައި ކަމަށް އެޗްޑީސީން ބުނެއެެވެ. އެޗްޑީސީގެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ މިބިޑްގައި ބައިވެރިވެވޭނީ ހަމައެކަނި މާލޭ ރަށްވެހިންނަށް ކަމަށެވެ.

އެޗްޑީސީން ބުނީ ކޮންމެ ބީލަން ފޯމަކާއެކު ބީލަން ހުށަހެޅުމުގައި ބައިވެރިވެވޭނީ އެންމެ ފަރާތަކަށް ކަމަށެވެ.

މީގެ އިތުރުން، ބިޑް ހުށަހަޅާފަރާތުގެ ބަދަލުގައި އެހެންފަރާތެއް ބީލަން ފޯމު ހުށަހަޅަން ހާޒިރުވާނަމަ، ޕަވަރ އޮފް އެޓާރނީ ގެނައުމަށް އިއުލާނުގައި ވަނީ އަންގާފައެެެވެ. އަދި ބީލަން ފޯމު ހުށަހަޅަން ހަމަޖެހިފައިވާ ވަގުތުގެ ފަހުން ހާޒިރުވާ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުޞަތެއްނުދެވޭނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އެޗްޑީސީގެ ނަންބަރު 3353535 ފޯނާއި ގުޅުއްވުމަށް އެކުންފުނިން ވަނީ އެދިފައެވެ.

އެޗްޑީސީން ވަނީ ބީޗް ފްރަންޓް ނުވަތަ އަތިރިމައްޗަށް ވާ ގޮތަށް 26 ގޯތި އަދި ބީޗް ސައިޑް ނުވަތަ އަތިރިމައްޗާ ކައިރިން 34 ގޯތި ވިއްކަން ނިންމާފައެވެ. ގޯތި ވިއްކާނީ އެންމެ ބޮޑު އަގެއް ހުށަހަޅާ ފަރާތަކަށް ކަމަށް އެޗްޑީސީން ބުނެ އެެވެ.

އެޗްޑީސީން މީގެ ކުރިން ބުނެފައިވަނީ ހުޅުމާލެއިން ވިއްކަނީ 1603.7 އަކަފޫޓާއި 2633.82 އަކަފޫޓާ ދެމެދުގެ ބިންތަކެއް ކަމަށެވެ. އަގަށް ބަލާއިރު ބީޗް ފްރަންޓު ޕްލޮޓުތަކުގެ އަގު، ކުރިއެކޭ ވެސް އެއްގޮތަށް، ބީޗް ސައިޑްގެ ޕްލޮޓުތަކަށް ވުރެ ބޮޑުކަން ފާހަގަކޮށްލެވެއެެވެ. ޖީއެސްޓީ ނުހިމަނައި، ބީލަމަށް ހުށަހެޅޭނެ އެންމެ ދަށް އަގުތަކަކީ ބީޗް ފްރަންޓަށް އަކަފޫޓަކަށް -/3900 ރުފިޔާ އަދި ބީޗް ސައިޑަށް އަކަފޫޓަކަށް -/3500 ރުފިޔާއެވެ. މި އަގުން ބަލާ ނަމަ ބީޗް ސައިޑުން 1603 އަކަ ފޫޓުގެ ބިމަކަށް 5.6 މިލިއަން ރުފިޔާ އަދި ބީޗް ފްރޮންޓްގެ އެ ވަރުގެ ބިމަކަށް 6.2 މިލިއަން ރުފިޔާ އަރައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން