ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައި ބިރު ދައްކައިގެން ވަކިގޮތަކަށް ހުކުމްކުރަން މަޖުބޫރު ކުރުމަކީ އިސްލާމީ ޝަރީއަތާއި ގާނޫނާއި ޚިލާފު އަމަލެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިހެން ވިދާޅުވީ ކުރީގެ ރައީސް އަބުދު ﷲ ޔާމީނަށް ޖަލު ހުކުމެއް ނުކުރާ ނަމަ ފަނޑިޔާރުން މަގާމުން ވަކިކުރަން ޖެހޭ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެ ދެެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

އެކަމާ ގުޅިގެން ޑރ. ޝަހީމް ވިދާޅުވީ ‏ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައި ބިރު ދައްކައިގެން ވަކި ގޮތަކަށް ޙުކުމް ކުރަން މަޖްބޫރުކުރުމަކީ އިސްލާމީ ޝަރީޢަތާއި ޤާނޫނާ ޚިލާފު ޢަމަލެއް ކަމަށެވެ. އަދި ޢަދުލުވެރިކަން ނެގެހެއްޓުމުގައި، ފަނޑިޔާރުން ސާބިތުކަމާއެކު ދެމިތިބެންވާނެ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.



"ޤައުމުގެ ހަމަޖެހުމާއި ދެ ދުނިޔޭގެ ފަލާޙާއި ކާމިޔާބު އޮތީ އެގޮތުގަ." އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައި ރައީސް އަބުދު ﷲ ޔާމިންގެ ރަނިންމޭޓެއްގެ ގޮތުގައި އިންތިޚާބުގައި ވާދަކުރެެއްވި ޑރ. ޝަހީމް ވިދާޅުވިއެވެެ.

އާޒިމްގެ ވާހަކަތަކާއި ގުޅިގެން އިދިކޮޅު ޕީޕިއެމުން ވަނީ އޭނާ ގޮވައިގެން ސްޕްރީމް ކޯޓަށް ދާނެ ކަމުގެ އިންޒާރު ދީފައެވެ. ޕީޕިއެމުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އާޒިމް އެ ވާހަކަ ދެއްކެވީ ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވައި ފަނޑިޔާރުންނަށް ބިރު ދެއްކުމުގެ ގޮތުން ކަމަށާއި އެއީ ދައުލަތުގެ އެއްބާރު އަނެއްބާރުގެ ތެރެއަށް އަތްބާނާއި، ޖުޑިޝަރީ ހިސާރު ކުރުމުގެ އަމަލެއް ކަމަށެވެ.

އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދައުލަތުގެ ހަޒާނާއިން ވައްކަން ކުރި ކަން ފެންނަން އެބަހުރި ކަމަށެވެ. ނަމަވެސް އެ މަނިކުފާނު މިނިވަންކުރަން ސުޕްރީމް ކޯޓުން ހުކުމް ކުރުމުން، އެ ފަނޑިޔާރުން ވަކިނުކޮށް ތިބުމަކީ ރައްޔިތުން ބޭނުންވާނެ ގޮތެއް ނޫން ކަމަށް އާޒިމް ވިދާޅުވިއެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން