އިދިކޮޅު ޕީޕިއެމުން ފަށާފައިވާ އިންޑިޔާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ގައުމީ ދިފާއީ ބާރުން އަންގައިފިނަމަ އެކަން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް މިރޭ ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ބޭލުމަށް ގޮވާލާ އިދިކޮޅު ޕީޕިއެމުން ވަނީ އިންޑިޔާ އައުޓްގެ ނަމުގައި ހަރަކާތެެއް ފަށާފައެވެ. ޓީވީ ޕްރޮގުރާމެއްގައި މިރޭ ވާހަކަ ދައްކަަވަމުން އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވީ އިދިކޮޅު ޕީޕީއެމުން ހިންގާ އިންޑިޔާ އައުޓް ހަރަކާތާއި ގުޅޭ އެއްވެސް މައްސަލައެއް އެމްއެންޑީއެފް، ޕޮލިސް ހޯމް މިނިސްޓްރީ ފަދަ ދައުލަތުގެ ކަމާގުޅުންހުރި އެއްވެސް މުވައްސަސާ އަކުން މިހާތަނަށް އެކޮމިޝަނަަށް ހުށައަޅާފައިނުވާ ކަަމަށެވެ. އަދި އިންޑިއާ އައުޓް ހަރަކާތުން ގައުމީ މަސްލަހަތަށް ގެއްލުންވާނަމަ އެކަމަކީ އެއްވެސް ޕާޓީއަކުން ކޮށްގެންވާނެ ކަމެއް ނޫންކަމަށް ފުއާދު ވިދާޅުވިއެވެ.

އިންޑިޔާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާ ހަރަކާތެއްކަން މިހާތަނަށް އެކޮމިޝަނަށް އަންގަވައިފައިނުވާ ކަމަށް ފުއާދު ވިދާޅުވިއެވެ.

"ގައުމީ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވާ ކަމެއް އެއްވެސް ސިޔާސީ ޕާޓީއަކުން ކުރާނަމަ އަޅުގަނޑުމެންނަށް ފިޔަވަޅު އެޅޭނެ، އަޅުގަނޑުމެންނަަށް ނޭގޭ އެއީ ގައުމީ ސަލާމަތަަށް ނުރައްކަލެއް ހުރިކަމެއް ކަން ނުވަތަ ނޫން ކަމެއްވެސް، އަޅުގަނޑުމެންނަކީ އެ ހުރިހާ ކަމެއް ބަލަން ތިބޭ ބައެއް ނޫން. އަޅުގަނޑުމެންނާއި ހަމަޔަަށް ކަމެއް އައީމަ ބަލަނީ ގާނޫނުގެ ތެރެއިން އަޅުގަނޑުމެން ފިޔަވަޅެއް އަޅަންޖެހޭތޯ،" ފުއާދު ވިދާޅުވިއެވެ.

މީގެ އިތުރުން ފުއާދު ވިދާޅުވީ އިލެކްޝަން ކޮމިޝަނުން އަމިއްލައަށް އިސްނަގައިގެން ސިޔާސީ ޕާޓީތަކުން ހިންގާ އެފަދަ ހަރަކާތްތައް ބަލަން ފަށައިފިނަމަ ގައުމުގެ މަސްލަހަތު ނެތިގެން ހިގައިދާނެ ކަމަށެވެ. އެހެންކަމުން އެކޮމިޝަނުން މައްސަލަ އެއް ބަލާނީ ކޮމިޝަނަށް ރަސްމީކޮށް ހުށައެޅުމުން ކަމަށް ފުއާދު ވިދާޅުވިއެވެ.

"އިލެކްޝަން ކޮމިޝަނަކީ ހުރިހާ ކަމަކަަށް ފާޑުކިޔަމުން އަތްބާނަމުން ބޯ ބާނަމުން އުޅޭ ބަޔަކަށް ވެއްޖެއްޔާ ދެން އެހެން މުވައްސަސާތަކުގެ ދާއިރާއަށް އަަޅުގަނޑުމެންނަށް އޮންނާނީ ވަދެވިފައި އެހެން ވާން ވެއްޖެއްޔާ. އެހެންވީމާ ކޮމިޝަނުން އަބަދުވެސް ގެންގުޅޭ ގޮތަކީ މިސާލަކަށް ޑިފެންސް މިނިސްޓްރީން އަންގަވާ އިންޑިޔާ ކެމްޕޭން އެއީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެކޭ. އަންގަވައިފިއްޔާ އިލެކްޝަން ކޮމިޝަނަަށް އޮވޭ ފިޔަވަޅު އެޅެން ސިޔާސީ ޕާޓީތަކަށް އެފަދަ ކަމެއް ކުރަައްޏާ އެޕާޓީތަކަކަށް އަޅާނެ ފިޔަވަޅާ އެއްޗެހި އޭރުން އަޅުގަނޑުމެން ފިޔަވަޅު އަޅާނަން." އިލެކްޝަން ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.

އިންޑިއާގެ މިލިޓަރީ ރާއްޖެއިން ބޭލުމަށް ގޮވާލައި، އިދިކޮޅު ޕީޕީއެމް/ ޕީއެންސީން އިސްކޮށް ތިބެ ހިންގާ އިންޑިއާ އައުޓް ކެމްޕެއިންގެ މައްސަލަ މަޖިލީހުގެ ގައުމީ ސަލާމަތާއި ބެހޭ ކޮމެޓީންވެސް މިހާރު ވަނީ ބަލަން ފަށާފައެވެ. މިމައްސަލަ ބެލުމާއި މެދު ގޮތެއް ނިންމުމަށް މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ ގައުމެއްގެ ސިޔާސީ ޕާޓީ އަކަށް ނުވަތަ ވަކި ޝަހްސިއްޔަތަކަށް ފާޑު ކިޔުމަކީ މައްސަލައެއް ނޫން ކަމަށާއި ނަމަވެސް ދިވެހިންގެ ބަޔަކު ދުރާލައި އިންތިޒާމު ކޮށްގެން ވަކި ގައުމަކާ ދެކޮޅަށް ހަރަކާތްތަކެއް ހިންގުމަކީ ރާއްޖެއަށް އެކަމުގެ ސަބަބުން ގެއްލުންތަކެއް ލިބިދާނެ ކަމެއްކަމަށެވެ. އެހެންކަމުން އެމައްސަލަ ބަލަންޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އިންޑިއާ އައުޓް ހަރަކާތަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ އިދިކޮޅު ޕީޕީއެމް/ ޕީއެންސީން ކުރިއަށްގެންދާ ހަރަކާތެކެވެ. ނަމަވެސް މިއީ ރާއްޖެއާއި އެހެން ޤައުމުތަކާއި ދެމެދު އޮތް ގުޅުމަށް އަސަރުކޮށް، ދިވެހިންނަށް އެކަމުގެ ސަަބަބުން ނުރައްކާ އޮތް ކަމެއްކަމަށް ބުނެ ސަރުކާރުން ވަނީ މި ހަރަކާތް މަގުމަތީގައި ނުހިންގޭނެކަން އަންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން