އދގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު، ސިންގަޕޫރު ސަރުކާރުގެ އިސްވެރިންނާއި ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުންތައް އޮތީ އދގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޝާހިދު ސިންގަޕޫރަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ޝާހިދު ވަނީ ސިންގަޕޫރުގެ ބޮޑުވަޒީރު ލީ ޝިއެން ލޫން، ސިންގަޕޫރުގެ ރައީސް ހަލީމާ ޔައުގޫބް އަދި ސިންގަޕޫރުގެ ހާރިޖީ ވަޒީރު ވިވިއަން ބަލަކްރިޝްނަންއާ ބައްދަލުކުރައްވާފައެވެ.

ސިންގަޕޫރުގެ ރައީސް ހަލީމާ ޔައުގޫބާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ބޮޑެތި މައްސަލަތައް ހައްލުކުރުމުގައި ގައުމުތައް ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅުދައްކަވަފާއެވެ.



ސިންގަޕޫރުގެ ބޮޑުވަޒީރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި އދގެ އާންމު މަޖިލީހުގެ ރިޔާސަތުން އިސްކަންދެއްވާނެ މަސައްކަތްތަކާއި ގުޅޭގޮތުން ޝާހިދު ވާހަކަފުޅުދެއްކެވިއެވެ. އަދި ސިންގަޕޫރުން އެކުލަވާލާފައިވާ ގްރީން ޕްލޭން 2030 އަށް ޝާހިދު ވަނީ ތައުރީފްކުރައްވާފައެވެ.

ސިންގަޕޫރުގެ ހާރިޖީ ވަޒީރު ވިވިއަން ބަލަކްރިޝްނަންއާއެކު ބޭއްވި ބައްދަލުވުމުގައި ޝާހިދު ވަނީ ވެކްސިންގެ ހަމަހަމަކަން، ސަރަހައްދީ ގުޅުންތަކާއި އަދި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މިއީ އދގެ އާއްމު މަޖިލީހުގެ ރައީސަކު ރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. ޝާހިދު ސިންގަޕޫރަށް ވަޑައިގެންނެވީ ޗައިނާގެ ބެއިޖިންގައި ކުރިއަށްދާ ވިންޓަރ އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ފަހުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން