މާލޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންގެ ބައްދަލުވުމެއް ކުރިއަށް ގެންދަނިކޮށް އޮފީސް ތަޅުލި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ލޯކަލް ގަވަމެންޓް އޮތޯރިޓީން ބަލަންޖެހޭ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

މާލޭގެ އަންހެނުން ތަރައްގީއަށް މަސައްކަތް ކޮމިޓީން މައްޗަންގޮޅީގެ އޮފީސް ކުރިން ހިންގި އިމާރާތުގައި ނުރަސްމީ ބައްދަލުވުމެއް ބާއްވަނިކޮށް އޮފީހުގެ ދޮރު ތަޅުލި މައްސަލައެއް އިއްޔެ ވަނީ ފެންމަތިވެފައެވެ. 14 މެމްބަރުން ބައިވެރިވި އެބައްދަލުވުން ނިމުނުއިރު، އޮފީސް ތަޅުލާފައި ހުރުމުން އެތެރޭގައި 45 މިނިޓު ވަންދެން މަޑުކުރަން ޖެހުނު ކަމަށް އެ މެމްބަރުން ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕް ޗީފް ވިޕް އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެމްބަރުންނާއި މެދު ބައެއް ކައުންސިލްތަކުން އިހުތިރާމް ކުޑަކޮށް އަމަލުކުރުމަކީ ވަރަށް ދެރަކަމެއް ކަމަށެވެ. އަދި މާލޭ ސިޓީ ކައުންސިލްގެ އަންހެނުން ކޮމެޓީގެ މެމްބަރުން އޮފީސް ތެރޭގައި ތަޅުލާފައި ދިޔަ ދިޔުމަކީ ވަރަށް ސީރިއަސްކޮށް އެލްޖީއޭއިން ބަލަންޖެހޭ މައްސަލަ އެއް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.



"މިއީ އެލްޖީއޭ އިން ބަލަންޖެހޭ ސީރިއަސް މައްސަލައެއް، އެވަގުތު (ތަޅުލި ވަގުތު) އެތަނުގައި އަލިފާނުގެ ހާދިސާ އެއް ހިނގިނަމަޔޯ؟" ރޮޒައިނާ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންގެ ބައްދަލުވުމެއް އިއްޔެ ކުރިއަށް ގެންދަނިކޮށް އޮފީސް ތަޅުލީ ގަސްދުގައި ނޫން ކަމަށެވެ. މޭޔަރު މުއިއްޒު ވިދާޅުވީ އަންހެނުންގެ ކޮމިޓީއަށް ކައުންސިލްގައި ދެ މުވައްޒަފަކު ހާއްސަކޮށްފައި ތިބޭނެ ކަމަށެވެ. ޢެހެން ނަމަވެސް ރަސްމީ ގަޑީގެ ފަހުން ބައްދަލުވުމެއް ކުރިއަށް ދާކަން އެ ދެ މުވައްޒަފުންނަށް އަންގާފައި ނުވާތީ އެ ކޮމިޓީގެ މެމްބަރުން އެތެރޭގައި ތިއްބެވިކަން އެ މުވައްޒަފުންނަށް ނޭނގޭ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އޮފީހުގެ ތެރޭގައި ކޮމިޓީގެ މެމްބަރުން ތިއްބަވަނިކޮށް، ތަޅުލާފައި ތިބިކަން އެނގިވަޑައިގަތީ ވެސް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ގުޅައި އެކަން އެންގުމުން ކަމަށެވެ. އެފަދަ ބޮޑު ކަމެއް ހިނގައިގެން ދިޔައިރު ކޮމިޓީގެ އެއްވެސް މެމްބަރަކު މޭޔަރަށް އަދި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) އަށް ގުޅައި އަންގާފައި ނުވާ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން