އެމްޑީޕީގެ ދެރައީސުން
އެމްޑީޕީގެ ދެރައީސުން
އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަބަދުވެސް ވިދާޅުވާ ވާހަކަފުޅެއް އޮވެއެވެ. "ތަރައްޤީއަކީ ރައްޔިތުމީހާއަށް ވާގޮތެކެވެ. އެއީ އެމީހާގެ ޖީބަށްވާ ގޮތެކެވެ. ޖީބަށް ވަންނަ އެއްޗެއް ދެގުނަވުމެވެ. އެއީ އެމީހެއްގެ އަމިއްލަ ޙަލާލު މަސައްކަތުން ތާހިރު ދިރިއުޅުމެއް އުޅޭ ފުދުންތެރި ރައްޔިތެއް ބިނާކުރުމެވެ. އެމްޑީޕީ ކުރާ މަސައްކަތަކީ މިއީއެވެ." މިއީ ރައީސް ނަޝީދުގެ ކޮންމެ ތަޤުރީރެއްގައި ދިވެހި ރައްޔިތުންނަށް ހަނދުމަފުޅުކޮށް އަރުވާ މެސެޖެކެވެ. މިއަދު މިކަން ހަނދާނަށް ގެންނަން ޖެހެނީ އެމްޑީޕީގެ އެންމެ އަސާސީ އެއް ވަޢުދު ކަމަށްވާ މިނިވަންވޭޖް ތަންފީޒު ވުމުގެ މުނާސަބަތާވެސް ގުޅުވައިގެންނެވެ.

މީ އެމްޑީޕީގެ ފިކުރާ ދެކޮޅު މީހުން ދައްކަން ބޭނުންނުވާ ވާހަކައެވެ. އަދި ސިޔާސީ މީހުން ދައްކަން އެންމެ ޖެހިލުންވާ ވާހަކައެވެ. ސަބަބުތަކެއް ނެތީމައެއް ނޫނެވެ. އެބައެއްގެ ވާހަކަ ޕޮޒިޓިވްކޮށް ކަމުގައިވިޔަސް އަދި ނެގެޓިވްކޮށް ކަމުގައި ވިޔަސް ދައްކައިފިނަމަ ޤައުމުގައި އެވާހަކައެއް އެންމެ ފަސޭހައިން ވައި ހިއްޕާލެވޭނެ ޕާޓީގެ ވާހަކައެވެ. އެޕާޓީއެއްގެ ފަސްބައިގައި އެލިގެން ސިޔާސީ މައިދާނަށް އަލަށް ނިކުންނަ "ކިރުބޯ ޅަކުއްޖާ" ވެސް ބަހެއް ބުނެފިނަމަ "ބޮޑެތި މީޑިއާ" ތަކުގެ ފަލަ ސުރުޚީން ޖާގަ ލިބޭ ޕާޓީގެ ވާހަކައެވެ. ގިނަފަހަރަށް ސިޔާސީ މީހުން އެމްޑީޕީގެ ސިޔާސަތުތަކުގެ ވާހަކަ ޕޮޒިޓިވްކޮށް ރައްޔިތުންގެ ކަންފަތްތަކަށް އިވުނަކަ ނުދޭނެއެވެ.

ދިވެހިރާއްޖޭގެ ދުސްތޫރީ ޙަޔާތުގައި އެމްޑީޕީއަށް ވެރިކަން ކުރުމަށް ދެ ދައުރު ލިބިއްޖެއެވެ. އެންމެ ފުރަތަމަ ދެވަނަ ޖުމްހޫރިއްޔާގެ 03 ވަނަ ރައީސް، ރައީސް މުޙައްމަދު ނަޝީދަށެވެ. އެއަށްފަހު ދެވަނަ ޖުމްހޫރިއްޔާގެ 06 ވަނަ ރައީސް، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށެވެ. ދެލީޑަރުންގެވެސް ސިޔާސީ އެދުރުގެއަކީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއެވެ. އެއީ ރާއްޖޭގެ ސިޔާސީ އުދަރެހަށް ވިދުންގަދަ އެތަށް ތަރިއެއް އަރުވައިދިން ޕާޓީއެވެ. ސީދާ ރައްޔިތުންގެ އަޑުއަހައިގެން ރައްޔިތުންގެ ޖީބު ތަނަވަސްކުރުމަށް ސިޔާސަތު ކަނޑައަޅާ ހަމައެކަނި ޕާޓީއެވެ. އެމްޑީޕީން ޤަބޫލުކުރާ ފަލްސަފާއެއް އޮވެއެވެ. ދާންވާނީ ބާރަށް ކުރިއަށެވެ. ފަހަތް ބަލާނެކަމެއް ނެތެވެ. ދެން އަސްލު މަޢުޟޫޢު އަށް ޖެހިލާނަމެވެ.

ވާދަވެރިން ބުނެއުޅެއެވެ. އެމްޑީޕީގެ ވެރިކަމެއްގައި ވީކޮންކަމެއް ހެއްޔެވެ؟ ލިބުނީ ކޮން ކުރިއެރުމެއް ހެއްޔެވެ. ވީގޮތް އަޅުގަނޑު ބުނެދޭނަމަވެ. ފުރަތަމަ ރައީސް ނަޝީދުގެ ވެރިކަމެވެ. ވީގޮތަކީ ކުރިން ތީމުގޭ ދޮށުގައި ސަލާންޖަހައިގެން ފޮތްފަންސުރު ހޯދަން ދަމާލި ކިޔޫ ނިމުމަކަށް ގެނައީއެވެ. ވީގޮތަކީ ސިއްޙީ ފަރުވާ ހޯދަން ކޮންމެ ރައްޔިތެއްގެ އައިޑީކާޑަށް ލައްކައެއް ޖަހާލީއެވެ. ވީގޮތަކީ ދޮށީއުމުރުގެ މާމަ އާއި ކާފަ އަކީ ޢާއިލާއަށް ތަނަވަސްކަން ހޯދައިދޭ ރަސްކަލުންނަށް ހެދީއެވެ. ވީގޮތަކީ އެކަނިވެރިމައިންނަށާއި ޚާއްސައެހީއަށް ބޭނުންވާ ރައްޔިތުންނަށް އަބުރުވެރި ދިރިއުޅުމެއް ހޯދައިދިނީއެވެ. ވީގޮތަކީ ކަރަންޓު ޔުނިޓެއްގެ އަގު ދުވަހަކު ހުވަފެނުން ނުދެކޭފަދަ މިންވަރަށް އަތްފޯރާފަށަށް ގެނެސްދިނީއެވެ. ވީގޮތަކީ ޖެހިގެން އޮތްރަށަށް ހާހެއްހާ ރުފިޔާއަށް ކުރި ދަތުރު ވިއްސަކަށް ރުފިޔާއަށް ތިރިކޮށްދިނީއެވެ. ވީގޮތަކީ މަހުގެ އަގު މައްޗަށް ޖައްސައި މަސްވެރިން ހެއްވާލީއެވެ. ވީ ގޮތަކީ ފްލެޓް ދޮންބެގެ ފްލެޓްތަކާއެކު ފްލެޓްއެޅުން ނޫންމަގެއް ފަހުން އަންނަން ތިއްބެވި ވެރިންނަށް ނުދެއްކެވީއެވެ. ވީގޮތަކީ ރައްޔިތުންނަށް ލިބުނު ތަނަވަސްކަންފެނި އެގޮތް މިގޮތުން އެވެރިކަމަށް ނިމުން ގެނައީއެވެ.

އެމްޑީޕީގެ ދެވަނަ ވެރިކަމުގައި ރައީސް ޞާލިޙްގެ ޒަޢާމަތުގައި އެމަނިކުފާނުވެސް ތަންފީޒުކުރަށްވަން ފެއްޓެވީ އެމްޑީޕީގެ ސިޔާސަތުތަކެވެ. ރައްޔިތުންގެ ޖީބު ތަނަވަސްކޮށް ދެއްވުމުގެ ސިޔާސަތު ތަންފީޒު ކުރެއްވުމަށް މީގެ ކުރިން ދަރިންނަށް މަތީ ތަޢުލީމު ފޯރުކޮށް ދިނުމަށް މައިންބަފައިންނަށް ކުރިމަތިވި ބޯހާސްކަމަށް ނިމުންގެނެސް ދެއްވީއެވެ. މިއަދު ދިވެހި ކޮންމެ ދަރިއަކަށް ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔެވޭނެ މަގު ތަނަވަސްވެއްޖެއެވެ. މިއަދު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ގައިންތާހިރުވާނޭ ގޮތް ތަނަވަސްކޮށްދެއްވައި "ތާހިރު ދިރިއުޅުމަކަށް" އެމްޑީޕީ ދެއްކި ހުވަފެނުގައި ރައީސް ޞާލިޙް ކުލަ ޖައްސަވައި ދެއްވަނީއެވެ. މިއަދު އެންމެ ހަލުވި އަގުހެޔޮ އިންޓަނެޓް ދިވެހި ހުރިހާ ގޭބިސީއެއްގެ ސިޓިންރޫމަށް ފޯރުކޮށްދީފިއެވެ. މިއަދު ބަލިވެއިންނަ ކޮންމެ މުވައްޒަފަކަށް މުސާރައާއެކު ދަރިފުޅުބަލަން 6 މަސްދުވަހުގެ ޗުއްޓީއެއް ދެއްވައިފިއެވެ. މިއަދު މިނިމަމް ވޭޖް ތަޢާރަފްކޮށް މުވައްޒަފުންގެ މުސާރަ ދެގުނަކޮށްދިނީ އެވެ.

ރައީސް ޞާލިޙްގެ މި ޒަޢާމަތުގައި އަތޮޅުތެރޭގެ ރައްޔިތުން ދެކެމުންދަނީ އެ ރައްޔިތުން މީގެކުރިން ނުދެކޭފަދަ މަންޒަރުތަކެކެވެ. އެރަށްރަށުގެ ގުލްޒާރުގައި މިއަދު ފަރިވެ ފޮޅެމުންދަނީ ކުޑަކުދިންގެ ޕާކުތަކާއި އައުޓްޑޯ ޖިމްތަކުގެ ނޫރާނީ މާތަކެވެ. ރަށްރަށުގެ ރައްޔިތުންނަށް ޚާއްސަކޮށް ޢިމާރާތް ކުރަމުންދާ ގެދޮރުވެރިކަމުގެ ބޯހިޔާތަކުގެ ސަބަބުން މީގެ ކުރިން އަމިއްލަ ދިރިއުޅުމެއް ފެށުމަށް އެތައް ތަކުލީފެއް އުފުލި ޒުވާނުން ތިބީ ހަމައިސްކޮޅަށް ދެމިލައިގެންނެވެ. ގޭދޮށު ފަތުރުވެރިކަމާއެކު ރައްޔިތުންގެ ޖީބުތައް އިހުނަށްވުރެ ތިޔާގިވެއްޖެއެވެ. ކޮންމެ ވިހި މިނެޓަކުން ދަތުރުކުރެވޭ ހިސާބުގައި އެއަރޕޯޓުތައް އަޅަމުންދާއިރު ޖަޒީރާވަންތަ ތަރައްޤީއާއެކު ރަށްފުޅުގެ ދިރިއުޅުން ތަނަވަސްވެ ޒުވާނުން އުފަންރަށުގެ ހިތްގައިމުކަމުގައި ދިރިއުޅުމަށް އަލުން ރުޖޫޢަވާން ފަށައިފިއެވެ. މިއަދު ސެޓެލައިޓް ސްކޫލްތައް މެދުވެރިކޮށް މާލޭގެ ސްކޫލްތަކުގައި ލިބޭ ތަޢުލީމް ރަށުގައިތިބެ ދަރިންނަށް ދެވޭނެ ގޮތް ވެއްޖެއެވެ. މާލޭގެ "ކުލީގެ ބުރަ" ދޫކޮށް ޒުވާނުން ރަށަށް ބަދަލުވަނީ ޓެލެމެޑިސިން އާއެކު ރަށުގައިތިބެ ރަނގަޅުފެންވަރުގެ ސިއްޙީ ޚިދުމަތް ލިބޭނެކަމުގެ ޔަޤީންކަމާއެކުގައެވެ.

އާދޭހެވެ. ވީގޮތް ވަރަށް ސާފެވެ. ވާގޮތްވެސް އެހާމެ ސާފެވެ. އެމްޑީޕީގެ ކޮންމެ ވެރިކަމަކާއެކު ރައްޔިތުންގެ ޖީބުތަކަށް ތިޔާގިކަން އަންނަނީއެވެ. ލިބޭ ޢާމްދަނީ ދެގުނަވެ ޖީބުން ކުރަންޖެހޭ ޚަރަދުން ބައެއްވެސް ސަރުކާރުން ޙިއްސާކުރަނީއެވެ. މިއަދު މުސާރަ ހިފައިގެން ގެއަށް ދިޔަ މުވައްޒަފުންގެ މޫނުމަތިންވެސް ފެންނަނީ އެމްޑީޕީގެ ސަރުކާރަށް އޮތް އިތުބާރާއި ދިރިއުޅުމަށް ލިބުނު ރޯޝަނީކަމުގެ ހިތްހަމަޖެހުމުގެ ހިނިތުންވުމެވެ. ރައީސް ނަޝީދު ވިދާޅުވާހެން ތަރައްޤީ ސީދާ ރައްޔިތުމީހާގެ ޖީބަށް އަންނަނީއެވެ.


ކިޔުންތެރިންގެ ހިޔާލު


-2

އަސްލަން.

16-Feb-2022

ކަނޑައެޅިގެން ބުހުތާން ދޮގު ޚަބަރެއް ރަސް އޮންލައނުގެ އެޑިވަރަ ދަން ދރު ނުފލާކަން މޮލޮއުމުން ސާބިތު ކޮއްދީފި.


7

ާަެ އަފީފު

03-Feb-2022

ފުރިހަމަ ވަރަށްހަގީގަތާ އެއްގޮތަށް އޮތް ރިޕޯޓެއް އާއްމު މީހާގެ ހުރިހާކަމެއް އެންމެ ބޭނުންގޮތަށް ކުރާ ބަޔަކީ އެމް ޑީ ޕީ


4

ހަސަނާ

03-Feb-2022

ޓިޔައޮޅުވާލީ ގަޑިއަކު ހަމޭލު ބާރަށް. ތިޔަބުނިކަންކަމަށް މަގުފަހިވީ ޤާނޫނު އަސާސީއަށް ހުރިހާ ޕާޓީ ވެގެން ގެނައި އިސްލާހުގެ ސަބަބިންނެވެ. ޜައީސް ނަޝީދުގެ ބައިވެރިވިން ބޮޑެވެ..


-3

ޖުހާ

02-Feb-2022

ވަރަށް އަސްލާ އެއްގޮތައް ލިޔެފައިވާ މޮޅު ލިޔުމެއް


-8

ޙަސަން

02-Feb-2022

ވަރަށް ފުރިހަމަ ރިޕޯޓެއް



ޓްރެންޑިން