ކުރިއަށް އޮތް ހަތަރު މަސްތެރޭގައި ކޮމަންޑޫ ޒުވާނުން ފެންވަރު ރަނގަޅު ޓާފް ދަނޑެއްގައި ކުޅޭނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެެވެ.

ކޮމަންޑޫގައި އަޅާ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ފެށުމަށް މިއަދު ހަވީރު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ މިދިޔަ އަހަރުގެ މެއި މަހުގެ ފަސްވަނަ ދުވަހު ކޮމަންޑޫގައި ދަނޑެއް އަޅާނެކަމަށް ސަރުކާރުން އިއުލާން ކުރި ކަމަށާއި އެއީ އިންތިޚާބާއި ދިމާކޮށް ކުރާ ކަމެއް ނޫން ކަމަށެވެ. އަދި ކުރިއަށް އޮތް ހަތަރު މަސްތެރޭގައި ކޮމަންޑޫ ޒުވާނުން ފެންވަރު ރަނގަޅު ޓާފް ދަނޑެއްގައި ކުޅޭނެ ކަމަށް މަހުލޫފް ވިދާޅުވިއެވެ.

މަހްލޫފް އިތުރަށް ވިދާޅުވީ މީގެ ކުރިން ދުވަހަކު ވެސް އެއްވެސް ސަރުކާރަކުން ރާއްޖޭގައި ފެންވަރު ރަނގަޅު ޓާފްދަަނޑެއް އަޅައިފައި ނުވާނެ ކަމަށެވެ. މި ސަރުކާރުން މިހާތަނަށް ފަންސަވީހަކަށް ދަނޑުގެ މަސައްކަތް ނިންމާފައިވާ ކަމަށް މަހުލޫފް ވިދާޅުވިއެވެ.

އިތުރަށް ވާހަަކަ ދައްކަވަމުން މަހުލޫފް ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ރަށްތަކުގެ ތެރެއިން މި މަހު ފަހުކޮޅު ފޯކައިދޫ ދަނޑު ހުޅުވާނެ ކަމަށެވެ. އަދި މަރޮށީ ރައްޔިތުން އެދުނު ގޮތަށް އެ ރަށުގައި ދަނޑު އަޅައިދީފައިވާނެ ކަމަށް މަހުލޫފް ވިދާޅުވިއެވެ.

މީގެ އިތުރުން މަހުލޫފް ވިދާޅުވީ ކޮމަންޑޫގެ ޒުވާނުންނަށް ބިލިއާޑް ކުޅެވޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށެވެ. އެކަމަށް ބޭނުންވާ ސާމާނު ހޯދުމަށް މިހާރު އިއުލާންކޮށްފައިވާ ކަމަށް މަހުލޫފް ވިދާޅުވިއެވެ.

"23 ޖެނުއަރީ އަކީ ޗައިނީސް ނިއު އިޔާ އޭގެ ކުރިއަށް އެ އެއްޗެހި ޝިޕް ކުރެވިއްޖެނަމަ ވަރަށް އަަވަހަށް އެތަކެތި ލިބޭނެ، އެހެން ނޫނީ ކުޑަކުޑަކޮށް ލަސްވާނެ ސާމާނުތަށް ހުރީ މިހާރު ޕްރޮޑިއުސްކޮށް ނިންމާފައި." މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފް ވަނީ ކޮމަންޑޫ ދާއިރާއަށް އައިސްފައިވާ އީދުގެ ބޭނުން ހިފުމަށް ރައްޔިތުންނަށް ގޮވާލައްވާފައެެވެ.

ކޮމަންޑޫގައި ފުޓްބޯޅަ ދަނޑެއް އެޅުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން