ރާއްޖޭގައި އިންޑިޔާ ސިފައިން ތިބުމުން އޭގެ އުނދަގޫ ރައްޔިތުންނަށް ޖެހެމުންދާކަމަށް ކުރީގެ ރައީސް އަބުދު ﷲ ޔާމިން މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމިން މިހެން ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ކަމަށްބުނެ އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް ށ. ފުނަދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަަވަމުންނެެވެ.


މި ހަރާކަތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އަބުދު ﷲ ޔާމިން ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ތިބުމުން އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން އޭގެ އުނދަގޫ ރައްޔިތުންނަށް ފޯރަމުންދާ ކަމަށެވެ. އެގޮތުން އިންޑިޔާ ސިފައިން ތިބުމުން ރައްޔިތުންނަށް އިންތިހާއަށް އުދަނގޫވާ ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.

"އޭގެ އުނދަގޫ އެންމެ ދުރުގައި ތިބި ރައްޔިތުންނަށް ވެސް ފޯރަމުން އެބަދޭ އިންޑިޔާ މީހުން ރާއްޖޭގައި މިހާރު ހަރަކާތްތެރިވާ ގޮތުންވެސް އަޅުގަނޑުމެންނަށް އެބަ ގަބޫލުކުރެވޭ ރާއްޖޭގެ ސަރުކާރުގެ އެއްވެސް ބާރެއް ދިވެހި ދައުލަތުގެ ކަންކަން ނިންމުމުގައި ނެތްކަން." ރައީސް ޔާމިން ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޔާމިން ވިދާޅުވީ ސަރުކާރުން އަމަލުކުރަމުންދަނީ އަމިއްލަ އިޚުތިޔާރާއި ސިޔާދަތާއި ފުރިހަމަ މިނިވަންކަމުގައި ގައުމުގެ ހައްގުގައި ރައްޔިތުންގެ ދިފާއުގައި ރައްޔިތުންގެ މަސްލަހަތާއި އެއްގޮތަށް އަމަލު ކުރާ ސަރުކާރެއްގެ ގޮތުގައި ނޫން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ހަނިމާދޫގައި ދިވެހި ދައުލަތުގެ ބާރެއް ނުހިނގާ ކަމަށެވެ. އަދި ދިވެހި ދައުލަތުގެ މަތިންދާބޯޓް ކުންފުންޏެއްގެ ބޯޓެއް ޖައްސަން އިންޑިޔާގެ އަސްކަރިއްޔާ ހުއްދަ ދިނުމުން ނޫނީ ނުޖެއްސޭ ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.

އިންޑިޔާ އައުޓް ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޔާމިން ފުނަދޫއަށް ވަޑައިގެންނެވުމުން އެރަށުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާ އެއް ދަންނަވާފައެވެ.

ރައީސް ޔާމިން ށ. ފުނަދޫއަށް ކުރެއްވި މި ދަތުރުފުޅުގައި އެެރަށުގައި މިއަދު ހަވީރު ކުރިއަށް ގެންދިޔަ އިންޑިޔާ އައުޓް ހިނގާލުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ. ރައީސް ޔާމިން ށ. ފުނަދޫއަށް ކުރެއްވި މި ދަތުރުފުޅުގައި އިދިކޮޮޅު ޕީޕީއެމްގެ ލީޑަރޝިޕްގެ އިސްބޭފުޅުން ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު