ށ. ކޮމަންޑޫއާއި އެރަށާ ޖެހިގެން އޮންނަ ފަޅު ރަށެއް ކަމަށްވާ މަތިކޮމަންޑޫ ގުޅާލުމުގެ މަޝްރޫއު ހުއްޓުވަން އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ސަރުކާރަށް ކަމެއް ނުވާކަން ދައްކަން ކަމަށް އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެ.

ށ. ކޮމަންޑޫއާއި އެރަށާ ޖެހިގެން އޮންނަ ފަޅު ރަށެއް ކަމަށްވާ މަތިކޮމަންޑޫ ގުޅާލުމުގެ މަޝްރޫއު ފެށުމަށް މިއަދު ހަވީރު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ފައްޔާޒު ވިދާލުވީ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއު ހުއްޓުވަން އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެމަޝްރޫއުގެ މަސައްކަތް ހުއްޓުވަން އިލެކްޝަން ކޮމިޝަނާއި ކަމާ ގުޅޭ މުވައްސަސާތަކަށް މައްސަލަތައް ހުށައަޅަމުން ގެންދާ ކަމަށާއި، އެމަސައްކަތް ކުރަނީ މި ސަރުކާރަށް އެއްވެސް ކަމެއް ނުވާކަން ދައްކަން ކަމަށް ފައްޔާޒު ވިދާޅުވިއެެވެ.

މިނިސްޓަރު ފައްޔާޒު ވިދާޅުވީ މަތިކޮމަންޑޫ ގުޅާލުމުގެ މަޝްރޫއުގެ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ނިންމާލެވޭނެ ކަމަށެވެ. އެމަޝްރޫއުގެ ސަބަބުން އިގްތިސާދީ ގޮތުން ބޮޑު ބަދަލެއް އެ ސަރަހައްދަށް އަންނާނެ ކަމަށާއި ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު އެތައް ގޮތަކުން ރަނގަޅުވެގެންދާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

މިނިސްޓަރު ފައްޔާޒު ވިދާޅުވީ ކޮމަންޑޫގެ މިހާރުގެ ސައިޒަކީ 21 ހެކްޓަރު ކަމަށާއި، މަތިކޮމަންޑޫ ގުޅުވާލައި ހިއްކާ ނިމޭއިރު 25 ހެކްޓަރު އެރަށުގެ ބިމަށް އިތުރުވާނެ ކަމަށެވެ.

"މިއަދު އެމްޓީސީސީން މިތާނގައި ބަނޑަހަ އެޖެހީ އެމަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި ތިބޭފުޅުންނަށް ފެނިގެންދާނެ މާދަމާ ވެސް މި ކޮމަންޑޫ ދޭތެރޭގައި މަސައްކަތް ކުރިއަށް ދާތަން، މާތްﷲ އިރާދަކުރެއްވިޔާ އަންނަ އަހަރުގެ ކުރީކޮޅު ތިބޭފުޅުން ކޮމަންޑޫއަށް ގޮސް އުޅޭނީ ރީތިކޮށް ހިނގާލާފައި ސައިކަލުތަކާއި ވެހިކަލްތަކުގައި،" މަސައްކަތް ނުހުއްޓި ކުރިއަށްދާނެކަމުގެ ޔަގީންކަން ދެއްވަމުން އިކޮންމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.

ކޮމަންޑޫއާއި މަތިކޮމަންޑޫ ގުޅާލުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެެވެ. އެހެން ނަމަވެސް މިއަހަރުގެ ބަޖެޓްގައި ނެތް އެ މަޝްރޫއު ރައީސް އިއުލާން ކުރެއްވީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕޭން ޖަލްސާގައެވެ. އެކަމަކީ ކޮމަންޑޫ ދާއިރާގެ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން ހިންގާ މަޝްރޫއެއް ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު


-5

ޤާދިރު

15-Jan-2022

ކާކު ހުއްޓުވަން އުޅެނީ ތިމާމެންނަށް ނުވަނީއޭ ބުނިއްޔާ މާތާހިރުވާނެ



ޓްރެންޑިން