އިޓަލީ ވިލާތުގެ ސްޕޯޓިން ވަކާންޒޭއާއެކު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީން އެއް މަހުގެ މާކެޓިން ކެމްޕެއިނެއް ފަށައިފިއެވެ.



މި ކެމްޕެއިން ކުރިއަށް ގެންދަނީ ޖެނުއަރީ 2022 އިން ފެބްރުއަރީ 2022 ގެ ނިޔަލަށެވެ.



އިޓަލީގެ އެންމެ ބޮޑު 10 ޓުއަރ އޮޕަރޭޓަރުންގެ ތެރޭގައި ހިމެނޭ ސްޕޯޓިން ވަކާންޒޭއަކީ އިޓާލިއަން އެސޯސިއޭޝަން ފޮރ ޓުއަރ އޮޕަރޭޓަރއެވެ. އަދި އޭ.އެސް.ޓީ.އޯ.އައިގެ މެންބަރެއްވެސްމެއެވެ.

ރާއްޖެއަކީ އިޓަލީ ފަތުރުވެރިންގެ މެދުގައި އެންމެ މަޤުބޫލު އެއް މަންޒިލަށް ހެދުމަށް ވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި ސްޕޯޓިން ވަކާންޒޭއިން ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. މިގޮތުން ކޮންމެ އަހަރަކު ރާއްޖޭގެ 8000 ޕެކޭޖު އިޓަލީގެ ފަތުރުވެރިންނަށް ސްޕޯޓިން ވަކާންޒޭއިން ވިއްކައެވެ. 2020 ވަނަ އަހަރު ސްޕޯޓިން ވަކާންޒޭއިން ވަނީ އޮންލައިންކޮށް ސޯޝަލް މީޑިއާގައި 1000 އަށްވުރެ ގިނަ ޓްރެވަލް އެޖެންސީގެ ބައިވެރިވުމާއެކު ޓްރެވަލް ކޮމިއުނިޓީއެއް ޤާއިމްކޮށްފައެވެ.

އެމްއެމްޕީއާރުސީ އަދި ސްޕޯޓިން ވަކާންޒޭއިން ކުރިއަށް ގެންދާ ކެމްޕެއިންގެ ދަށުން ވެބް މާކެޓިން، ސޯޝަލް މީޑިއާ އަދި ޕްރިންޓް އެޑްވަޓައިޒިން މެދުވެރިކޮށް އިޓަލީގެ މަޝްހޫރު ދެ ވެބްސައިޓެއްގައި ރާއްޖެ އިޝްތިހާރުކުރާނެއެވެ.

މި ކެމްޕެއިންގެ މަޤްސަދަކީ އިޓަލީ މާކެޓުގެ ފަތުރުވެރިންނާއި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާ އޮންނަ ގުޅުން ބަދަހިކޮށް، ރާއްޖެއަކީ އިޓަލީ ފަތުރުވެރިން ޒިޔާރަތްކުރުމަށް އެންމެ އެކަށީގެންވާ، އަދި އެންމެ ބޭނުން މަންޒިލްގެ ގޮތުގައި ޤާއިމްކުރުމެވެ. މިގޮތުން މި ކެމްޕެއިންގެ ދަށުން ރާއްޖޭގެ ފަތުރުވެރިކަމުގެ އެކި ސެގްމެންޓުތައް ކަމަށްވާ ރޮމޭންސް، ވެލްނަސް، ލަގްޒަރީ، ޑައިވް އަދި ވޯޓަރ ސްޕޯޓްސް ސެގްމެންޓުގެ ހިދުމަތްތައް އިޝްތިހާރުކުރެވޭނެއެވެ.

މި ކެމްޕެއިންގެ ސަބަބުން ރާއްޖެއަކީ އިޓަލީ ފަތުރުވެރިން ޒިޔާރަތްކުރުމަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި ޕްރޮމޯޓުކުރުމަށް ކުރާ މަސައްކަތައް ކުރިއެރުންތަކެއް ލިބިގެންދާނެއެވެ. އަދި ރާއްޖޭގެ ރިޒޯޓް، ހޮޓެލް، ގެސްޓްހައުސް އަދި ލިވަބޯޑުތަކުގައި އެޅިފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި، ރާއްޖޭގެ ތަފާތު ތަޖުރިބާތަކުގެ މައުލޫމާތު އިޓަލީގެ ފަތުރުވެރިންނާއި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް މި ކެމްޕެއިންގެ ޒަރިއްޔާއިން ފޯރުކޮށްދެވޭނެއެވެ.



ޕެންޑަމިކްގެ ކުރިން އިޓަލީ އަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ އެއް މާކެޓެވެ. 2020 ވަނަ އަހަރު އިޓަލީން ރާއްޖެއަށް 46،690 ފަތުރުވެރިން ދަތުރުކޮށްފައިވާއިރު، މި މާކެޓަކީ ރާއްޖެއަށް 4 ވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި މާކެޓެވެ.

ނަމަވެސް ކޮވިޑާ ގުޅިގެން އިޓަލީ ބޯޑަރު ބަންދުކުރުމުގެ ސަބަބުން މި މާކެޓުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދަ ވަނީ ދަށަށް ގޮސްފައެވެ. ޑިސެންބަރު މަހުގެ 31 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް 1,320,124 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މީގެތެރެއިން 27,332 ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ އިޓަލީއިންނެވެ.

މިދިޔަމަހުގެ 29 ވަނަ ދުވަހު އިޓަލީ ސަރުކާރުންވަނީ ރާއްޖެ އަދި އެހެން ގައުމުތަކާ އެކު ޓްރެވެލް ކޮރިޑޯ އެއް ގާއިމްކޮށްފައެވެ. މީގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ އިޓަލީ ފަތުރުވެރިން އަނބުރާ ގައުމަށް ދިޔުމަށްފަހު ކަރަންޓީންވާކަށް ނުޖެހޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން