ކޯނީ ފްރާންސާއެކު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނުން އެއް މަހުގެ މާކެޓިން ކެމްޕެއިނެއް ފަށައިފިއެވެ.



މި ކެމްޕެއިން ކުރިއަށް ދާނީ 6 ޖެނުވަރީ 2022 އިން 6 ފެބްރުއަރީ 2022 އަށެވެ.

ކޯނީ ފްރާންސަކީ ބައިނަލްއަޤްވާމީ ފެންވަރުގައި މަސައްކަތްކުރާ އެންމެ ބޮޑު އެއް ޓްރެވަލް އެޖެންސީއެވެ. މި އެޖެންސީން ދުނިޔޭގެ 100 އަށްވުރެ ގިނަ މަންޒިލްތައް އިޝްތިހާރުކޮށް، އެ މަންޒިލްތަކުގެ ޕެކޭޖުތައް ވިއްކައެވެ.

އެމްއެމްޕީއާރުސީއާއި ކޯނީ ފްރާންސުން ކުރިއަށް ގެންދާ ކެމްޕެއިންގެ މަޤްސަދަކީ ރާއްޖެއަކީ ފްރާންސް މާކެޓްގެ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި އެއް މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރުމެވެ.



މި ކެމްޕެއިންގެ ދަށުން ރާއްޖޭގެ މައުލޫމާތު ހިމެނޭ އިޝްތިހާރުތަކާއި، ފޮޓޯ، އާޓިކަލް، ނިއުސްލެޓަރ، ކޯނީ ފްރާންސްގެ ޑިޖިޓަލް/ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ޝާއިޢުކުރާނެއެވެ. މީގެއިތުރުން ފްރާންސްގެ އެކި ލޮކޭޝަންތަކުގައި އިޝްތިހާރުތައްވެސް ޖަހާނެއެވެ. މީގެތެރޭގައި ސާރޗް، ޑިސްކަވަރީ، ގޫގްލް އެޑްސް، ނިއުސްލެޓަރ، އަދި ސޯޝަލް މީޑިއާ ޕޯސްޓްތައް މެދުވެރިކޮށް ރާއްޖޭގެ މައުލޫމަތު ފްރާންސްގެ ފަތުރުވެރިންނާ ހިއްސާކުރާނެއެވެ.

ރާއްޖޭގެ ރަށްތައް އުފެދިފައިވަނީ ގުދުރަތީ ގޮތުން ވަކިވަކިން ކަމުން މިއީ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި އެއް މަންޒިލްގެ ގޮތުގައި މި ކެމްޕެއިންގެ ތެރެއިން އިޝްތިހާރުކުރެވޭނެއެވެ. އަދި ރާއްޖޭގެ ރިޒޯޓް، ހޮޓެލް، ގެސްޓްހައުސް އަދި ލިވަބޯޑުތަކުގައި ކޮވިޑްގެ ބަލިމަޑުކަމާ ދެކޮޅަށް އަޅަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި، ރާއްޖެއިން ފަތުރުވެރިންނަށް ފޯރުކޮށްދޭ ތަފާތު ތަޖުރިބާތަކާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ އެކި ސެގްމެންޓުތައް ފްރާންސްގެ ބަޖެޓް އަދި ލަގްޒަރީ ފަތުރުވެރިންނާ ހިއްސާކުރާނެއެވެ. މި ކެމްޕެއިންގެ ސަބަބުން ފްރާންސް މާކެޓުގެ ފަތުރުވެރިންގެ މެދުގައި ރާއްޖެއަށް އޮންނަ މަޤުބޫލުކަން އިތުރުވެ، މި މާކެޓުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެކަމަށް ބެލެވެއެވެ.

ފްރާންސަކީ މިއަހަރު ރާއްޖެއަށް އެންމެ ގިނައިން ޒިޔާރަތްކުރި 10 މާކެޓްގެ ތެރޭގައި ހިމެނޭ މުހިންމު މާކެޓެކެވެ. ޑިސެންބަރު މަހުގެ 29 ގެ ނިޔަލަށް

1,312,706 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، ފްރާންސަކީ މި މުއްދަތުގައި ރާއްޖެއަށް 9 ވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި މާކެޓްއެވެ. މިގޮތުން މި މުއްދަތުގައި ފްރާންސުން ރާއްޖެއަށް 29,877 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން