އަހުމަދު މަސްނޫމް   29 ޑިސެމްބަރު 2021 - 18:15
ޖަމިިއްޔަތުލް ސަލަފުން ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދަމުން ގެންދާ ކަމަށް އެމްޑީޕީގެ ކުރީގެ ނާއިބް ރައީސް ރީކޯ މޫސާ މަނިކު ތުހުމަތު ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބް ރައީސް ސަލަފު ޖަމިއްޔާއަށް އެގޮތަށް ތުހުމަތުކުރެއްވީ ދިވެހި ނޫސްވެރިން ތަމްރީން ކުރުމަށް އިންޑިޔާއަށް ފޮނުވުމަށް ނިއްމުމުން އެއީ އިންޑިޔާ އައުޓް ހަރަކާތާއި ދެކޮޅަށް މީޑިޔާ ތަމްރީން ކުރުން ކަމަށް ސަލަފު ޖަމިއްޔާގެ ރައީސް، ޝައިޚް ޢަބްދުﷲ ބިން މުޙައްމަދު، ސިފަކުރެއްވުމާއި ގުޅިގެންނެެވެ.

ސަލަފު ޖަމިއްޔާގެ ރައީސް، ޝައިޚް ޢަބްދުﷲ ބިން މުޙައްމަދު، ވިދާޅުވީ އެއީ އިންޑިޔާ އައުޓް ހަރަކާތާއި ދެކޮޅަށް މީޑިޔާ ތަމްރީންކޮށް ނޫސްވެރިން ބޯދޮވެލުމުގެ ކެމްޕޭނަކަށް ހަދައިފާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.

އެކަމާއި ގުޅިގެން މޫސާ މަނިކު ވަނީ ފިތުނަ އުފެއްދުމާއި ފަސާދަ ކުރުމަށް ބާރު އަޅައި ސަލަފުން ޓުވީޓްތައް ކުރާއިރު ފިތުނަ ފަސާދައަށް އޮތް ހުކުމް އެނގޭތޯ ސުވާލުކުރައްވާފައެވެ.

އަދި މާތް ﷲ ތައުބާވެ ބިރުވެތިވުމަށް ރީކޯ މޫސަ ވަނީ ސަލަފުގެ ރައީސަށް ގޮވާލައްވާފައެވެ.

‏ނޫސްވެރިން އިންޑިޔާއަށް ފޮނުވަން ނިއްމުމާއި ގުޅިގެން ސަލަފުގެ ރައީސް، ޝައިޚް ޢަބްދުﷲ ބިން މުޙައްމަދު، ވިދާޅުވީ ނޫސްވެރިންގެ ހުނަރާ،ބަހުގެ އަދަބިއްޔާތު އަށަގެންނެވުމަށް ނޫސްވެރިން ތަމްރީނުކުރުމަކީ މުހިއްމުކަމެެއް ކަމަށެވެ. އެހެން ނަމަވެސް ކަންކަންފެންނަމުންދާ ގޮތުން އެކަމަކީ "އިންޑިޔާ އައުޓް" ހަރަކާތާ ދެކޮޅަށް މީޑިއާ ތަމްރީނުކޮށް، ނޫސްވެރިން ބޯދޮވެލުމުގެ ކެމްޕޭނަކަށް ހަދައިފާނެކަމުގެ ބިރު އެބަ އޮތް ކަމަށް ޝައިހް ޢަބްދުﷲ ބިން މުޙައްމަދު، ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު