ޑރ. މުޙައްމަދު އިޔާޒް   18 ޑިސެމްބަރު 2021 - 22:26
(ދެވަނަ ބައި)

މާތް ﷲ ބާވާލެއްވި އެހެނިހެން ފޮތްތައް ރައްކާތެރި ނުކުރައްވާ ހަމައެކަނި ކީރިތި ގުރްއާން ރައްކާތެރި ކުރެއްވުމުގެ ސަބަބަކީ:

1. އެއީ އެންމެ ފަހުގެ ނަބިއްޔާ ގެ މައްޗަށް ބާވާލެއްވުނު އެންމެ ފަހުގެ ފޮތްކަމުގައިވުން

2. ހުރިހާ ޝަރީޢަތްތަކެއް އެފޮތުގައި ހިމެނިފައިވުން. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (اليوم أكملت لكم دينكم وأتممت عليكم نعمتي ورضيت لكم الاسلام دينا) މާނައަކީ: "އަދި ކިއެއްތަ! އެއީ علم ލިބިގެންވާ މީހުންގެ ހިތްތަކުގައި بيان ވެގެންވާ آية ތަކެކެވެ. އަނިޔާވެރިން ނޫނީ، ތިމަންރަސްކަލާނގެ آية ތަކާ ދެކޮޅެއް ނަހަދާނެތެވެ."

އަދިވެސް ވަޙީ ކުރައްވައެވެ. (وَأَنْزَلْنَا إِلَيْكَ الْكِتَابَ بِالْحَقِّ مُصَدِّقًا لِمَا بَيْنَ يَدَيْهِ مِنَ الْكِتَابِ وَمُهَيْمِنًا عَلَيْهِ فَاحْكُمْ بَيْنَهُمْ بِمَا أَنْزَلَ اللَّهُ وَلَا تَتَّبِعْ أَهْوَاءَهُمْ عَمَّا جَاءَكَ مِنَ الْحَقِّ لِكُلٍّ جَعَلْنَا مِنْكُمْ شِرْعَةً وَمِنْهَاجًا وَلَوْ شَاءَ اللَّهُ لَجَعَلَكُمْ أُمَّةً وَاحِدَةً وَ لَكِنْ لِيَبْلُوَكُمْ فِي مَا آَتَاكُمْ فَاسْتَبِقُوا الْخَيْرَاتِ إِلَى اللَّهِ مَرْجِعُكُمْ جَمِيعًا فَيُنَبِّئُكُمْ بِمَا كُنْتُمْ فِيهِ تَخْتَلِفُونَ) މާނައަކީ: "އަދި ތިމަންރަސްކަލާނގެ حق ގޮތުގައި ކަލޭގެފާނަށް ފޮތް ބާވައިލެއްވީމެވެ. އޭގެކުރިން ބާވައިލެއްވި ފޮތްތަކުގައިވާ ތަކެތި ތެދުކުރަނިވި ގޮތުގައެވެ. އަދި އެފޮތްތަކުގެ މައްޗަށް ހެކިވަނިވި ފޮތެއް ކަމުގައެވެ. ފަހެ، اللَّه ބާވައިލައްވާފައިވާ حكم ން، އެއުރެންގެ މެދުގައި، ކަލޭގެފާނު حكم ކުރައްވާށެވެ! އަދި ކަލޭގެފާނުގެ އަރިހަށް އައިސްފައިވާ حق ގޮތާ خلاف އަށް އެއުރެންގެ އެދުންތަކަށް ކަލޭގެފާނު تبع ވެވަޑައިނުގަންނަވާށެވެ! ތިޔަބައިމީހުންގެ ތެރެއިން ކޮންމެ ބަޔަކަށްމެ، شريعة އަކާއި، ފާޅުވެގެންވާ މަގެއް، ތިމަންރަސްކަލާނގެ ލެއްވީމެވެ. އަދި اللَّه އިރާދަކުރެއްވިނަމަ، ތިޔަބައިމީހުން އެއް أمّة އެއް ކަމުގައި ލައްވައިފީސްކަން ކަށަވަރެވެ. އެހެނެއްކަމަކު (ތިޔަބައިމީހުން أمّة ތަކަކަށް ބައިބައިކުރެއްވީ) ތިޔަބައިމީހުންނަށް ދެއްވި شريعة ތަކާމެދު ތިޔަބައިމީހުން امتحان ކުރެއްވުމަށެވެ. ފަހެ، ހެޔޮކަންތަކަށް ތިޔަބައިމީހުން ވާދަކުރާށެވެ! ތިޔަބައިމީހުން އެންމެން رجوع ވުންއޮތީ، اللّه ގެ حضرة އަށެވެ. އޭރުން ތިޔަބައިމީހުން އެކަންކަމާމެދު خلاف ވެ އުޅުނުކަންތަކުގެ خبر ތިޔަބައިމީހުންނަށް އެކަލާނގެ އަންގަވާނެތެވެ."

3. ކީރިތި ގުރްއާނަކީ އެންމެހައި މީސްތަކުންގެ މައްޗަށް ބާވާލެއްވުނު ފޮތެއް ކަމުގައިވުން. އަދި އާޚިރަތާއި ހަމައަށް ވެސް ދެމިގެންވާ ޝަރީޢަތެއް ކަމުގައި މި ޝަރީޢަތްވުން. ސަބައު ސޫރަތުގެ 28 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَمَا أَرْسَلْنَاكَ إِلَّا كَافَّةً لِلنَّاسِ بَشِيرًا وَنَذِيرًا وَلَكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ) މާނައަކީ: "އުފާވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައްޔާއި، ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައިމެނުވީ، ތިމަންރަސްކަލާނގެ، އެންމެހާ މީސްތަކުންގެ ގާތަކަށް ކަލޭގެފާނު ނުފޮނުއްވަމެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ."

އަލްގަޞަޞް ސޫރަތުގެ 59 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (وَمَا كَانَ رَبُّكَ مُهْلِكَ الْقُرَى حَتَّى يَبْعَثَ فِي أُمِّهَا رَسُولًا يَتْلُوا عَلَيْهِمْ آيَاتِنَا وَمَا كُنَّا مُهْلِكِي الْقُرَى إِلَّا وَأَهْلُهَا ظَالِمُونَ) މާނައަކީ: "އަދި ރަށްތަކުގެ ތެރެއިން މައިރަށަށް، ތިމަންރަސްކަލާނގެ آية ތައް ކިޔަވައި ވިދާޅުވެ ދެއްވާނޭ رسول އަކު ފޮނުއްވައިފުމަށް ދާނދެން ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެރަށްތައް ހަލާކުކޮށެއް ނުލައްވަތެވެ. އެތަންތާނގެ أهل ވެރިން އަނިޔާވެރިވާ حال ގައި މެނުވީ، ތިމަންރަސްކަލާނގެ އެރަށްތައް ހަލާކެއް ނުކުރައްވަމެވެ."

އަލްއަންޢާމް ސޫރަތުގެ 131 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (ذَلِكَ أَنْ لَمْ يَكُنْ رَبُّكَ مُهْلِكَ الْقُرَى بِظُلْمٍ وَأَهْلُهَا غَافِلُونَ) މާނައަކީ: "ކަންހުރީ އެހެންނެވެ. ރަށްތަކުގެ أهل ވެރިން غافل ވެފައި ތިއްބައި، އަނިޔާވެރިކަމުގެގޮތުން އެރަށްރަށް ހަލާކުކުރައްވާ ކަލަކު ކަމުގައި، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ނުވެއެވެ."

ކީރިތި ގުރްއާނުން ޙުކުމްތައް ނެގުމުގައި ތަބާވާން ޖެހޭ ކަންކަން:

1. މައްކީ ސޫރަތާއި މަދަނީ ސޫރަތްތައް ދެނެގަތުން. އަދި ކުރިން ބާވާލެއްވުނު އާޔަތާއި ފަހުން ބާވާލެއްވުނު އާޔަތް ދެނެގަތުން. ދެ އާޔަތެއްގައި ބޭރުފުށަށް ފެންނަ ފެނުމުގައި ތަޢާރުޟު އުޅޭކަމަށް ވަނީނަމަ މައްކީ މަދަނީ އެނގުމުން ނުވަތަ ކުރިން ބާވާލެއްވުނު އާޔަތާއި ފަހުން ބާވާލެއްވުނު އާޔަތް އެނގުމުން ނާސިޚް މަންސޫޚު ދެނެގަތުމަށް ފަސޭހަވެގެންދެއެވެ. މިގޮތުން ފަހުން ބާވާލެއްވުނު އާޔަތަކީ ނާސިޚް ކަމަށާއި އަދި ކުރިން ބާވާލެއްވުނު އާޔަތަކީ މަންސޫޚު ކަމަށް ނިންމޭނެއެވެ.

ބައެއްފަހަރަށް މައްކީ ސޫރަތެއްގައި މަދަނީ އާޔަތެއްވެސް ހުރެދާނެއެވެ. އަދި މަދަނީ ސޫރަތެއްގައި މައްކީ އާޔަތެއްވެސް ހުރެދާނެއެވެ. މިޘާލަކަށް ސޫރަތުލް އަޢުރާފް ގެ 163 ވަނަ އާޔަތް ފިޔަވާ އެހެން ހުރިހާ އާޔަތަކީ މައްކީ އާޔަތް ތަކެވެ. އެހެންނަމަވެސް، 163 ވަނަ އާޔަތަކީ މަދަނީ އާޔަތެކެވެ. ސޫރަތުލް ޙައްޖަކީ މަދަނީ ސޫރަތެކެވެ. ނަމަވެސް އެސޫރަތުގެ 52 ވަނަ އާޔަތަކީ މައްކީ އާޔަތެކެވެ. އެހެންކަމުން ކުރިން ބާވާލެއްވުނު އާޔަތާއި ފަހުން ބާވާލެއްވުނު އާޔަތް ދެނެގަތުމަކީ މުހިންމު ކަމެކެވެ.

2. ޙުކުމް ހޯދުމަށް މަސަތްކަތްކުރާ މައުޟޫޢުގެ ހުރިހާ އާޔަތްތަކެއް ބަލާ ދިރާސާކުރަންވާނެއެވެ. ބައެއްފަހަރު އެއް އާޔަތުން އަނެއް އާޔަތުގެ ތަފްސީރު ލިބެއެވެ. މިޘާލަކަށް ސޫރަތުލް ބަގަރާގެ 37 ވަނަ އާޔަތް (فتلقى آدم من ربه كلمات) މި އާޔަތުގެ ތަފްސީރު ލިބެނީ ސޫރަތުލް އަޢްރާފްގެ 23 ވަނަ އާޔަތުންނެވެ. (قالا ربنا ظلمنا أنفسنا وإن لم تغفر لنا وترحمنا لنكونن من الخاسرين).

3. ނާސިޚް މަންސޫޚް ދެނެގަތުމަކީ ވެސް ޙުކުމް ތައް އިސްތިންބާޠު ކުރުމުގައި ބަލަން ޖެހޭ ކަމެކެވެ. ފިރިމަރުވެފައިވާ މީހާގެ ޢިއްދާ އެއްކަމުގައި އިސްލާމްދީނުގެ ކުރީކޮޅުގައި އޮންނަނީ އެއް އަހަރުވަންދެން ގެއިން ނުނިކުމެ ހުރުމެވެ. އެކަން އެނގެނީ ސޫރަތުލް ބަގަރާގެ 240 ވަނަ އާޔަތުންނެވެ. ވަޙީ ކުރައްވާފައިވެއެވެ. (والذين يتوفون منكم ويذرون أزواجا وصية لأزواجهم متاعا إلى الحول غير إخراج) މާނައަކީ: "ތިޔަބައިމީހުންގެ ތެރެއިން އަނބިން ދޫކޮށް މަރުވެދާ މީހުން، އެއުރެންގެ އަނބިން ގެއިން ނެރެނުލުމަކާއިނުލައި، އަހަރުދުވަހަށް ދާންދެން ބޭތިއްބުމަށް މާތް ﷲ ވަޞިއްޔަތް ކުރެއްވިއެވެ." ނަމަވެސް މިއާޔަތުގައި މިވާ ޙުކުމް ވަނީ މަންސޫޚު ވެފައެވެ. އެކަން އެނގެނީ ސޫރަތުލް ބަގަރާގެ 234 ވަނަ އާޔތުންނެވެ. ވަޙީ ކުރައްވައެވެ. (والذين يتوفون منكم ويذرون أزواجا يتربصن بأنفسهن أربعة أشهر وعشرا) މާނައަކީ: "އަދި ތިޔަބައިމީހުންގެތެރެއިން އަނބިންދޫކޮށް މަރުވެދާމީހުންގެ އަނބިން، އެކަނބަލުންގެ ނަފްސުތަކާއިގެން ހަތަރުމަހާއި ދިހަދުވަހު ޢިއްދާގައި ހުންނާށެވެ." މިއާޔަތުން ދޭހަވަނީ ފިރިމަރުވެފައިވާ އަންހެނާގެ ޢިއްދާ އަކީ ހަތަރުމަހާއި ދިހަދުވަސް ކަމެވެ. އަދި އަހަރުވަންދެން ގޭގައި ބަންދުވެފައި ހުންނަން ޖެހޭ ޙުކުމް ވަނީ މަންސޫޚު ވެފައިކަމެވެ.

4. އާޔަތް ބާވާލެއްވުނު ސަބަބު ދެނެގަތުމަކީ ވެސް މުހިންމު ކަމެކެވެ. ފަހަރުގައި އެއް އާޔަތެއް ބާވާލެއްވުމުގައި ތަފާތު ސަބަބުތައް ހުރެދާނެއެވެ. މިކަން އެނގުމުން އާޔަތުގެ މަފްހޫމު ދެނެގަތުމަށް ފަސޭހަވެގެންދެއެވެ. މިޘާލަކަށް ސޫރަތުލް ބަގަރާގެ 158 ވަނަ އާޔަތް (إن الصفا والمروة من شعائر الله فمن حج البيت أو اعتمر فلا جناح عليه أن يطوف بهما) މާނައަކީ: "ހަމަކަށަވަރުން، ޞަފާ އާއި މަރްވާ ވަނީ ﷲ ގެ ޝިޢާރު ގެ ތެރެއިންނެވެ. ފަހެ، ގެފުޅަށްގޮސް ޙައްޖުވާ މީހާ ނުވަތަ ޢުމްރާވާ މީހާ، އެތަނުގައި ހިނގާ ސަޢްޔު ކުރުމަކުން އެމީހާގެ މައްޗަކަށް ކުށެއްނެތެވެ." މި އާޔަތުގައި "ކުށެއްނެތެވެ" މިހެން އޮތުމުން ބޭރުފުށަށް ދޭހަވަނީ ސަޢްޔު ކުރުމަކީ ޙައްޖާއި ޢުމްރާގެ ފަރްޟެއް ނޫންކަމަށެވެ. ނަމަވެސް މީގެ ޙަގީގަތް އެނގިގެން ދަނީ އާޔަތް ބާވާލެއްވުނު ސަބަބު ދެނެގަތުމުންނެވެ. އުންމުލް މުއިމިނީނަ ޢާއިޝާ ރަޟިޔަﷲ ޢަންހާ ޢުރްވާ ބިން އައްޒުބައިރަށް ވިދާޅުވިއެވެ. މިއާޔަތުގައި މިވަނީ މުސްލިމުންގެ ހިތުގައި އުފެދިފައިވާ ވަހުމެއް ސާފުކޮށްދީފައެވެ. ސަބަބަކީ ޖާހިލިއްޔަ ޒަމާނުގައި ޞަފާ ފަރުބަދަމަތީގައި "އިސާފް" އޭ ކިޔުނު ބުދެއް ހުރެއެވެ. އަދި މަރްވާ ފަރުބަދަ މަތީގައި "ނާއިލާ" އޭ ކިޔުނު ބުދެއް ހުރެއެވެ. އެމީހުން އެބުދުތަކުގައި އަތްކާއްތާ އުޅެއެވެ.

5. މުޙްކަމް މުތަޝާބިހް ދެނެގަތުމަކީވެސް މުހިންމު ކަމެކެވެ. އޭގެ ސަބަބުން މުތަޝާބިހް އާޔަތް ތަކުގެ މާނަ މުޙްކަމް އިން ދޭހަވެގެންދެއެވެ. މިޘާލަކަށް ސޫރަތުލް ފަތްޙުގެ 7 ވަނަ އާޔަތުގައިވެއެވެ. (يد الله فوق أيديهم) މާނައަކީ: "ﷲ ގެ އަތްޕުޅުވަނީ އެބައިމީހުންގެ އަތްތަކުގެ މަތީގައެވެ"، މި އާޔަތުގައި ﷲ އަށް އަތެއްވާ ކަމަށް ދޭހަކޮށްދެއެވެ. ނަމަވެސް ޝޫރާ ސޫރަތުގެ 11 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (ليس كمثله شيئ) މާނައަކީ: "ﷲ އާއި އެއްފަދަ އެހެން އެއްވެސް އެއްޗެއް ނުވެއެވެ". މިހެން އޮތުމުން ﷲ ގެ އަތަކީ އިންސާނުންގެ އަތްފަދަ އަތެއް ނޫންކަން އެނގިގެންދެއެވެ. ﷲ ގެ އަތެއްވާކަމާއި އެއަތުގެ ޞިފައަކީ ނޭގޭ އެއްޗެއްކަމަށް އީމާންވުމަކީ އަހްލުއްސުންނަތުގެ ޢަގީދާއެވެ.

6. ކީރިތި ގުރްއާނުގައި ޖުމްލަގޮތެއްގައި ތަފްޞީލް ނުކުރައްވާ ބަޔާން ކުރައްވާފައިވާ ތަންތަން ތަފްސީރު ކުރުމުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ސުންނަތް ދެނެގަތުމަކީ މުހިންމު ކަމެކެވެ. މިޘާލަކަށް ގުރްއާނުގައި އަންގަވާފައިވަނީ ނަމާދު ގާއިމް ކުރުމަށެވެ. ނަމަވެސް ކިތައް ނަމާދު ކަމެއް، ކޮންމެ ނަމާދެއްގައި ކިތައް ރަކްޢަތް ކަމެއް އެނގޭކަށް ނެތެވެ. އެކަން އެނގެނީ ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ސުންނަތުންނެވެ.

7. ގިރާއަތްތައް ދެނެގަތުމަކީ ވެސް ޙުކުމް އިސްތިންބާޠު ކުރުމުގައި މުހިންމު ކަމެކެވެ. މިޘާލަކަށް: ސޫރަތުލް ބަގަރާގެ 222 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (ولا تقربوهن حتى يطهرن) މި އާޔަތުގައި ދެ ގިރާއަތެއްވެއެވެ. އެއް ގިރާއަތަކީ (يطهرن) އެވެ. އަނެއް ގިރާއަތަކީ (يتطهرن) އެވެ. ފުރަތަމަ ގިރާއަތުން ދޭހަވަނީ އަންހެނާ ޙައިޟުގެ ލޭކެނޑުމާއި އެކު ފެންނުވެރި ކަމުގައިވީނަމަވެސް ފިރިމީހާ އާއި އެކު އެއްދާން ކުރެވިދާނެ ކަމަށެވެ. ނަމަވެސް ދެވަނަ ގިރާއަތުން ދޭހަވަނީ ލޭކެނޑުމުގެ އިތުރުން ޠާހިރުވާން ޖެހޭ ކަމަށެވެ. އެގޮތުން ލޭކެނޑުމަށްފަހުގައި ފެންވަރަން ޖެހެއެވެ. ފެންވަރައިގެން ނޫނީ ފިރިމީހާ އާއި އެއްދާން ކުރުން ހުއްދަވެގެންނުވެއެވެ. މި ޙުކުމް ދެނެގަނެވުނީ އާޔަތުގައި ހިމެނޭ ތަފާތު ގިރާއަތްތައް ދެނެގަތުމުންނެވެ.

8. ގުރްއާން އެބަހަކުން ބާވާލެއްވިފައިވާ ބަސްކަމުގައިވާ ޢަރަބި ބަސް ދެނެގަތުމަކީ ވެސް ޙުކުމް އިސްތިންބާޠު ކުރުމުގައި މުހިންމު ކަމެކެވެ. ޢަރަބި ބަހުގައި އެއް ލަފްޡަކުން ތަފާތު މާނަ ދޭހަވެއެވެ. މިޘާލަކަށް (الفتنة) މި ލަފްޡުގެ ތަފާތު މާނަތައް ހުރެއެވެ. ބައެއްފަހަރު "ކުފްރު" ގެ މާނާގައި އާދެއެވެ. ސޫރަތުލް ބަގަރާގެ 91 ވަނަ އާޔަތުގައިވެއެވެ. (والفتنة أشد من القتل) މި އާޔަތުގައި (الفتنة) މި ލަފްޡު ބޭނުން ކުރެވިފައިވަނީ "ކުފްރު" ގެ މާނާގައެވެ. ބައެއްފަހަރު (الفتنة) "ޢަޛާބު" ގެ މާނާގައިވެސް އައިސްފައިވެއެވެ. މިޘާލަކަށް (ذوقوا فتنتكم هذا الذي كنتم به تستعجلون)، ބައެއްފަހަރަށް "އިމްތިޙާނު" ގެ މާނާގައިވެސް އައިސްފައި ހުރެއެވެ. މިޘާލަކަށް (ونبلوكم بالشر والخير فتنة).

ހަމަ އެފަދައިން (قروء) މި ލަފްޡު ޢަރަބި ބަހުގައި ދެގޮތަކަށް ބޭނުން ކުރެއެވެ. ޠުހުރަށާއި ޙައިޟަށް މި ބަސް ބޭނުން ކުރެއެވެ.

ބައެއްފަހަރު އެއް މާނައެއް ދޭހަވާ ތަފާތު ލަފްޡު ތައްވެސް ހުރެއެވެ. މިޘާލަކަށް (الطلاق) ގެ މާނައަކީ "ވަރި" އެވެ. ހަމައެފަދައިން (السراح) ގެ މާނައަކީ ވެސް "ވަރި" އެވެ. އަދި (الفراق) ގެ މާނައަކީވެސް "ވަރި" އެވެ. މި ހުރިހާ ލަފްޡު ތަކުން ކީރިތި ގުރްއާނުގައި އައިސްފައިވެއެވެ. އެހެންކަމުން ޢަރަބި ބަސް ރަގަޅަށް އެނގުމަކީ ގުރްއާނުން ޙުކުމް ހޯދުމުގައި ވަރަށް މުހިންމު ކަމެކެވެ.

9. ޙުކުމް ތައް އިސްތިންބާޠު ކުރުމުގެ ގަވާޢިދު ދެނެގަތުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ. މިޘާލަކަށް މަންސޫޚުގެ މައްޗަށް ނާސިޚު އިސްކުރުން، މުޠްލަގްކޮށް އައިސްފައިވާ ތަނެއް މުގައްޔަދު ކުރުން، ޢާއްމަކާއި ޚާއްޞެއް އަތުވެއްޖެނަމަ ޚާއްޞު އިސްކުރުން، މުތަވާތިރު ނޫން ގިރާއަތުގެ މައްޗަށް މުތަވާތިރު ގިރާއަތް އިސްކުރުން، އަދި މިނޫންވެސް ޢާއްމު ގަވާޢިދުތައް ދެނެގަތުން މުހިންމެވެ. މިޘާލަކަށް، ޝައްކެތްގެ މައްޗަށް ބިނާކޮށް ޔަގީންކަން ފިލައިގެން ނުދާނެކަން، ދެނުބައި އެއްވެއްޖެނަމަ ކުޑަނުބައިގައިހިފުން، ޟަރޫރީ ކޮންމެ ކަމެއްވެސް ޟަރޫރީ މިންވަރަށްވުރެ އިތުރު ނުކުރެވޭނެކަން، މިނޫންވެސް ޢާއްމު ގަވާޢިދު ތަކެވެ.

އިސްވެ ބަޔާން ކުރެވުނު ކަންތައް އެމީހެއްގެ ކިބައިގައި ފުރިހަމަ ވެފައިވާ މީހާ ގުރްއާނުން މައްސަލަތަކުގެ ޙުކުމްތައް އިސްތިންބާޠު ކުރުމަކީ މައްސަލަ އެއް ނޫނެވެ. ނަމަވެސް ހަނދާނުގައި ބަހައްޓަން ޖެހޭނެ ތަންކޮޅަކީ ކޮންމެ މީހަކީވެސް ކުށްކުރެވޭނެމީހެއް ކަމެވެ. ކިތަންމެ މޮޅު މީހަކަށްވެސް ކުށެއްކުރެވިދާނެއެވެ. އެކަން އެނގިއްޖެނަމަ އަވަހަށް ޙައްގަށް ރުޖޫޢަވާންވާނެއެވެ.

އިސްވެބަޔާންކުރެވުނު ޞިފަތައް އެމީހެއްގެ ކިބައިގައި ހަމަނުވާ މީހުންނަށް އޮތީ ދަންނަމީހުންކުރެ އަހާ އޮޅުންފިލުވުމެވެ. މާތް ﷲ ވަޙީ ކުރައްވައެވެ. (فاسألوا أهل الذكر إن كنتم لا تعلمون) މާނައަކީ: "ތިޔަބައިމީހުންނަށް ނޭގޭ ކަމަށް ވަނީނަމަ ދަންނަ މީހުންކުރެ އަހާ އޮޅުންފިލުވާށެވެ." އަދި ވީވަރަކުން ޢިލްމު އުގެނުމަށް ގަދައަޅައި މަސައްކަތް ކުރުމެވެ. ޢިލްމު ހޯދުމަށް މަސައްކަތް ކުރުމަށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވެއެވެ. ޙަދީޘް ކުރައްވައެވެ. (من يرد الله به خيرا يفقه في الدين) މާނައަކީ: "މާތް ﷲ މީހަކާމެދު ހެޔޮގޮތެއް މެދުވެރިކުރައްވައިފިނަމަ ދީނުގެ ޙުކުމްތައް ދެނެގަތުމުގެ ކުޅަދާނަކަން އެމީހަކަށް ދެއްވައެވެ"، އަދިވެސް ޙަދީޘް ކުރައްވައެވެ. (من سلك طريقا يلتمس فيه علما سهل الله له طريقا إلى الجنة) މާނައަކީ: "ޢިލްމު ހޯދުމަށް މަގެއް ކޮށައިފިމީހަކަށް ސުވަރުގެއަށް ދިޔުމުށް މަގެއް މާތް ﷲ ފަސޭހަކޮށްދެއްވައެވެ."

- ނުނިމޭ -


ކިޔުންތެރިންގެ ހިޔާލު


7

ޢަބްދުﷲ ރަޝީދު

20-Dec-2021

سورة المائدة ގެ 3 ވަނަ އާޔަތުގައި އޮންނަ " ٱلْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِى وَرَضِيتُ لَكُمُ ٱلْإِسْلَـٰمَ دِينًا " މިބަސްފުޅުގެ މާނަ ކަމަށް މަތީގައި ނަންބަރު 2 ގައި ލިޔެފައި އެއޮތީ "އަދި ކިއެއްތަ! އެއީ علم ލިބިގެންވާ މީހުންގެ ހިތްތަކުގައި بيان ވެގެންވާ آية ތަކެކެވެ. އަނިޔާވެރިން ނޫނީ، ތިމަންރަސްކަލާނގެ آية ތަކާ ދެކޮޅެއް ނަހަދާނެތެވެ." މިގޮތަށެވެ. އެކަމަކު އެ އާޔަތުގެ މާނަ ކަމަށް ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާގައި ބަޔާންކޮށްފައިވަނީ "މިއަދު، ތިޔަބައިމީހުންގެ دين، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންރަސްކަލާނގެ نعمة، ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި إسلام دين ތިޔަބައިމީހުންނަށް دين އެއްކަމުގައި، ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ." މިފަދައިންނެވެ. والله أعلم .



ޓްރެންޑިން