ފިލްމީ ތަރި ސުޝާންތު ސިންގ ރާޖްޕުޓްގެ އެންމެ ފަހުން ރިލީޒް ކުރި ފިލްމު، ޗިޗޯރޭ، ޗައިނާގެ 11،000 ސްކްރީނުގައި ދެއްކުމަށް ނިންމައިފިއެވެ.

ހިންދީ ފިލްމު ޗިޗޯރޭ ޗައިނާގައި ރިލީޒް ކުރާނީ 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ. އެގޮތުން ޗައިނާގެ 10 ސިޓީއެއްގައި މިފިލްމު ރިލީޒް ކުރާނެކަމަށް ފިލްމު އުފެއްދި ކުންފުނިން ހާމަކޮށްފައިވެއެވެ.

އިންޑިއާގެ ސިނަމާތަކުގައިވެސް ބޮޑު ކާމިޔާބީއެއް ލިބިގެންދިޔަ ޗިޗޯރޭ ވެގެންދާނީ މިއަންނަ އަހަރު ޗައިނާގައި އަޅުވާ ފުރަތަމަ ހިންދީ ފިލްމަށެވެ.

ހިންދީ ފިލްމު ޗިޗޯރޭ ފުރަތަމަ ރިލީޒްކޮށްފައިވަނީ 2019 ވަނަ އަހަރުއެވެ. އިންޑިއާގެ މަޝްހޫރު ފިލްމު ޕްރޮޑިއުސަރ ސާޖިދް ނާޑިއާވާލާ ޕްރޮޑިއުސްކޮށްފައިވާ މިފިލްމުގައި ސުޝާންތު ސިންގ ރާޖްޕުޓްގެ އިތުރުން، ޝްރައްދާ ކަޕޫރް އަދި ވަރުން ޝަރްމާ ފެނިގެންގޮސްފައިވެއެވެ.

ހިންދީ ފިލްމު ޗިޗޯރޭ އަކީ، ކުއްލިގޮތަކަށް މިދުނިޔެ ދޫކޮށްފައިވާ އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ސުޝާންތު ސިންގ ރާޖްޕުޓް އެންމެ ފަހުން ކުޅެ ރިލީޒްކޮށްފައިވާ މިފިލްމެވެ. ބޮލީވުޑްގެ ޒުވާން ތަރި ސުޝާންތު ސިންގް ރާޖްޕުޓްގެ މަރުވެފައިވާކަން އިއުލާންކޮށްފައިވަނީ 2020 ވަނަ އަހަރުގެ ޖޫން މަހުއެވެ. އޭނާގެ ކުއްލި މަރަކީ ބަޔަކު ކޮށްފައިވާ ކަމެއް ނޫން ކަމަށާއި ސުސާންތު މަރުވީ އަމިއްލައަށް ކަމަށް އޭނާގެ ކުއްލި މަރާއި ގުޅިގެން ތަހުގީގު ހިންގުމަށް އުފައްދާފައިވާ އޯލް އިންޑިޔާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސް (އެއިމްސް)ގެ ފޮރެންސިކް ބޯޑުން ނިންމައިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން